ފުއްޕާނެ ކަމެއް ނެތް ބާރު ބޭނުން ކޮށްގެން ބޭނުން ކަމެއް ކުރެވޭނެ: ރައީސް އިބުރޭ
ދެންމެ | 23 އޯގަސްޓް 2023

ވެރިއަކަށް ހުންނަވާ ބޭފުޅަކަށް އެތައް ބާރެއް ލިބިދީފައިވާއިރު އެ ވެރިއަކު ކުރަން ބޭނުން ކޮންމެ ކަމެއް ވެސް ކުރެެވެން އެބައޮތްކަަމަށާއި އެހެންނަމަވެސް ބާރުތަކުގެ ނާޖާއިޒު ބޭނުން ކުރައްވައިފައި ނުވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ ހުރިހާ ރަށްތަކަކަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ކުޑަރިކިއްޔަކީ އެ މަނިކުފާނު ވަޑައިގެންނެވި އަތޮޅުގެ ފަހު ރަށެވެ.

މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި ބާރުގެ ބޭނުންކޮށްގެން ނަހަމަ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ.

”ވެރިއަކަށް ހުންނަ މީހަކު ބޭނުންވެއްޖެއްޔާ ހަމައެކަނި ގޮސް ސުޕްރީމް ކޯޓުގެ ފުރާޅު ޓިނު އެކަންޏެއް ނޫން ނެގޭނީ. އެެއް ފަހަރާ ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުރިހާ ކޯޓުތަކެއްގެ ފުރާޅުން ވެސް ޓިނު ނެގިދާނެ. އެއީ އެ ބާރު ބޭނުންކޮށްފިއްޔާ. އެހެންނަމަވެސް އަޅުގަނޑުމެންނަކީ، ހަމަގައިމު ވެސް އަޅުގަނޑަކީ އެ ލިބިފައި އޮތް ބާރު ނާޖައިޒު ގޮތުގައި ބޭނުންކުރާނެ މީހެއް ނޫން،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގާނޫނުން ލިބިދޭ ބާރު ވެރިކަމަށް އައިސް، ހިތުހުރި ގޮތަކަށް ބޭނުންކުރާނަމަ ގައުމު ވެއްޓޭނީ ހަަމަނުޖެހުމުގެ ތެރެއަށްކަމަށެވެ.

”މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ހަމަޖެހުމާއި ސުލްހައަކީ އެ ކަން އެގޮތަށް ނުކުރީމާ ލިބިފައި އޮތް އަމާންކަން،“ ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު އެ މަނިކުފާނު ވަނީ ރައީސް ޔާމީންގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައިވާއިރު، މިނިވަންކުރަން ކިތަންމެ އެދުނުކަމުގައިވީ ނަމަވެސް އެ ކަން ކުރެވޭނެ ގޮތެއް ނެތްކަމަށް ތަކުރާރުކުރައްވައިފައެވެ.

އަދި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވައިގެން އެ ކަން ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

”ދައުުލަތަށް ލިބެން ހުރި ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަށް ލީމަކާ ފައިސާއެއް ވެސް ނުހުންނާނެ. ދެން އެ ކަންތައްތައް ބެލީމާ ބަލާފައި ކޯޓުން ނިންމީމާ މި ބުނަނީ ދޫކޮށްލާށޭ. އެ ކިހިނެއްތޯ އެ ކަން ކުރަނީ އަޅުގަނޑު. ކޯޓުތައް މިނިވަންކަމާއެކީގައި އެ މަސައްކަތްކުރަނީ،“ ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!