ބާޒާރުގައި ފިޔައިގެ އަގު އިންތިހާއަށް މައްޗައް ހިގައްޖެ
ދެންމެ | 24 އޯގަސްޓް 2023

އިންޑިއާ އިން ފިޔާ ލިބުން ތާށިވެ، އަދި އެ ގައުމުގައި ފިޔާގެ އަގު ބޮޑުވުމާ އެކު މާލޭ ބާޒާރުގައި ވެސް ފިޔާގެ އަގު އިއްޔެ އިން ފެށިގެން އުފުލިއްޖެ އެވެ.

މީގެ ދެ ދުވަހެއް ވަރު ކުރިން،. 25 ކިލޯގެ ފިޔާ ބަސްތާއެއް 225ރ. އަށް ލިބެން ހުއްޓަސް އިއްޔެ އިން ފެށިގެން ފިޔާ ބަސްތާއެއް ލިބެން ހުރީ 350ރ. އަށެވެ. އެއީ ކިލޯއަކުން 5ރ،. ގެ ބޮޑުވުމެކެވެ.

ވިޔަފާރިވެރިން ބުނީ ފިޔާގެ އަގު އެހާ ބޮޑުވީ، އިންޑިއާއިން ފިޔާ ލިބޭ އަގު ބޮޑުވުމުން ކަމަށާއި އިންޑިއާގައި ވެސް ފިޔާގެ ދަތިކަން ކުރިމަތިވެގެން ކަމަށެވެ.

ފިޔާގެ މައްސަލަ ހައްލުކުރުމަށް އިންޑިއާއިން މިހާރު ވަނީ ފިޔާގެ އެކްސްޕޯޓް ޑިއުޓީ 40 ޕަސެންޓަށް ބޮޑުކޮށްފަ އެވެ. އެކަމަކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ރާއްޖޭގައި ފިޔާގެ އަގުބޮޑުވުމާ އެކްސްޕޯޓް ޑިއުޓީއާ ގުޅުމެއް ނެތް ކަމަށެވެ. އަދި އޭގެ އަސަރު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސަބަބަކީ، ރާއްޖެ އަށް ފިޔާ އެތެރެ ކުރަނީ އިންޑިއާ އިން ހާއްސަ ޓެރިފެއްގައި ކަމަށް ވާތީ އެވެ.

އެނގިފައިވާ ގޮތުގައި، ފިޔާގެ ބޮޑު ޝޯޓޭޖެއް އިންޑިއާގައި ކުރިމަތިވުމާ އެކު އެކްސްޕޯޓަރުން ވަނީ ފިޔާގެ އަގު ބޮޑުކޮށްފަ އެވެ. ދުނިޔޭގައި ފިޔާގެ އެންމެ ބޮޑު އެކްސްޕޯޓެއް އޮންނަ އިންޑިއާއިން ފިޔާގެ އެކްސްޕޯޓް އަގު ބޮޑުކުރީ އެ ގައުމަށް ބޭނުންވާ ވަރަށް މި ދުވަސްވަރު ފިޔާ ލިބެން ނެތިގެންނެވެ.

އިންޑިއާގެ ފިޔާ އެކްސްޕޯޓަރެއް ކަމަށްވާ އަޖިތު ޝާހު ރޮއިޓާސް އަށް ބުނީ، މިގެނައި ބަދަލާ ގުޅިގެން އިންޑިއާ އިން އެހެން ގައުމުތަކަށް ވިއްކާ ފިޔާގެ އަގު ޕާކިސްތާނާއި ޗައިނާ އާއި މިސްރަށް ވުރެ ވެސް ބޮޑުވާނެ ކަމަށެވެ. މި ބަދަލާ ގުޅިގެން އެހެން ގައުމުތަކުން އިންޑިއާގެ ބަދަލުގައި އެކްސްޕޯޓު ކުރާ އެހެން ގައުމުތަކުން ފިޔާ ގަންނަން ފަށާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ.

ހޯލްސޭލްކޮށް ފިޔާ އެކްސްޕޯޓް ކުރާ އަގު މިދިޔަ ޖުލައި މަހުން އޮގަސްޓުގެ ނިޔަލަށް 20 ޕަސެންޓަށް މައްޗަށް ޖެހިފައިވެ އެވެ. އިންޑިއާ އިން 100 ކިލޯގެ ފިޔާ ބަސްތާއެއް ލިބެނީ 28.87 ޑޮލަރު (444 ރުފިޔާ) އަށެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން އިންޑިއާއިން ފިޔާ އުފައްދާ ވަރު ވަނީ މަދުވެފަ އެވެ. އިންޑިއާގެ މުމްބާއީގެ ފިޔާ އެކްސްޕޯޓު ކުރާ ވިޔަފާރިވެރިޔަކު ބުނީ ހޫނު މޫސުމުގައި އުފައްދާ ފިޔާ އަހަވަށް ފީވާ ކަމަށެވެ. އަދި ފިޔާގެ ސަޕްލައި ވަރަށް ބޮޑަށް ޑިލޭވާ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު އިންޑިއާއިން ވަނީ 1.46 މެޓްރިކް ޓަނުގެ ފިޔާ އެކްސްޕޯޓުކޮށްފަ އެވެ. އެ ގައުމުން ބަންގްލަދޭޝާއި ނޭޕާލް، މެލޭޝިއާ، ޔޫއޭއީ އާއި ލަންކާ އާއި ރާއްޖެ އަށް ވެސް ފިޔާ އެކްސްޕޯޓު ކުރެ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!