އަޅެ، ރުޅިގަދަ މީހެއް ޓެގް ކޮއްލަ ބަލަ!
ދެންމެ | 25 އޯގަސްޓް 2023

ރުޅިއައުމަކީ ކޮންމެ މީހަކަށް ވެސް ތަޖުރިބާކުރެވޭނެ ޖަޒުބާތެކެވެ. ހިތްހަމަނުޖެހޭ ކަންކަމާ ދިމާވުމުން އެ ހާލަތާއި އަމިއްލަ ނަފްސާއި އެހެން މީހުން ދެކެ ވެސް ރުޅި އާދެވެއެވެ. އެއީ ބާރެއް އޮތްކަމެއް ހެނެއް ހިއެއްނުވެ އެވެ. ނަމަވެސް ރުޅިއައުމުން އެ ރުޅި ވަކި މިނެއްގައި ކޮންޓްރޯލް ކުރުމަކީ އަހަރެމެންނަށް ކުރެވިދާނެ ކަމެކެވެ. ކޮންމެހެން ދަސްކުރަން ވެސް ޖެހޭ ކަމެކެވެ.

މި ހިމަނާލަނީ މާ ބޮޑަށް ރުޅިގަދަވެ އެހެން މީހުންނަށް އެ ރުޅި ބޭލުވުމުގެ ކުރިން ކޮންމެހެންވެސް ކުރުން މުހިންމު ކަންކަމެވެ.

 

ބަސްބުނުމުގެ ކުރިން ވިސްނާލާ

”ބަސްބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެކެވެ. ބަސް ބުނުމަށްފަހު ތިމާއަކީ ބަހުގެ އަޅެކެވެ.“ ރުޅިގަދެވެ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް ދިއުމުން ފަހުން ތިމާ ދެރަވެދާނެ ވަރުގެ ކަމެއް ކުރެވިދާނެ އެވެ. އަދި ގަސްތުގައި ނޫނަސް އަނެކާ މާ ހިތްދަތިވާ ކަމެއް ކުރެވިދާނެ އެވެ. އެހެންވެ އެންމެ ރުޅިގަދަވެފައި ހުންނަ ވަގުތު އެއްޗެއް ނުބުނެވޭތޯ މަސައްކަތްކުރާށެވެ.

 

ހަމަޖެހުމުން ކަންބޮޑުވުންތައް ހިއްސާކުރޭ

މީހަކު ތިމާއާ ދޭތެރޭ ކަންކުރިގޮތަކުން ހިތްހަމަނުޖެހޭ ނަމަ، ނުވަތަ އެކަމަކާ ރުޅި އައި ނަމަ އެ ”ކޮންފްލިކްޓް“ ހައްލުކުރަން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މީހާ ހަމަޖެހިލުމުން ރަނގަޅު ވަގުތެއް ހޯދައި، އެމީހަކާ ސީދާ އެކަމުގައި ވާހަކަދެއްކުމެވެ. ތިމާއަށް އިހުސާސްވި ގޮތާއި މައްސަލައިގައި ތިމާ ދެކޭގޮތް މަޑުމަޑުން ކިޔާދިނުމެވެ.

 

ކަސްރަތުކޮށްލާ

މާ ބޮޑަށް ރުޅިގަދަވުމަކީ ގިނަ ފަހަރު ތިމާގެ ނަފްސާނީ ސިއްހަތާ ގުޅިފައިވާ ކަމެކެވެ. ކޮންޓްރޯލް ކުރަން އުނދަގޫވާވަރަށް ރުޅިގަދަވެގެން އުޅޭ ނަމަ، ދުވެލަން ނުވަތަ ހިނގާލަން ދާށެވެ. ޖިމަށް ގޮސްއުޅޭ ނަމަ ޖިމަށްވެސް ދާންވީ އެވެ. ކަސްރަތަކީ ސްޓްރެސް ދުރުކޮށްދޭނޭ ކަމެކެވެ.

 

ވަގުތުކޮޅެއް އަމިއްލަ ނަފްސަށް ހުސްކުރޭ

ޓައިމްއައުޓަކީ ހަމައެކަނި ކުޑަކުދިންނަށް ދޭންޖެހޭ އެއްޗެއް ނޫނެވެ. މާ ބޮޑަށް ސްޓްރެސްވުމުން ނުވަތަ ރުޅިގަދަވެ ހަދާނެގޮތެއް ނޭގޭހިސާބުންނަމަވެސް ވަގުތުކޮޅެއް އެކަނި އަމިއްލަ ނަފްސާއި އެކީ ހޭދަކުރާށެވެ. އަދި ރުޅިއަންނަން ދިމާވި ކަންތަކާ މެދު އަލުން ވިސްނާލައި، އެކަމުން އަރައިގަނެވޭނެ ގޮތްތަކާ މެދު ވިސްނާލާށެވެ. ނުވަތަ އެކަމަކަށް ތައްޔާރުވެލާށެވެ.

 

މައްސަލަ ހައްލުކުރެވޭނެ ގޮތްތަކެއް ހޯދާ

ދެމަފިރިންގެ ދެމެދުގައި ޖެހުނު މައްސަލައެއް ނަމަ ގެއިން ބޭރަށްނުކުމެ އެކަމާ ބެހޭގޮތުން ވާހަކަދައްކާލުމަކީ ގިނަ ފަހަރު މައްސަލައަށް ހައްލުހޯދުމަށް ވެވޭ އެހީއެކެވެ. މައްސަލައަކީ އެކުގައި ވަގުތު ހޭދަނުކުރެވުން ކަމުގައިވާ ނަމަ ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތެއް އެއީ އާއިލާގެ ނުވަތަ ދެމަފިރިންގެ ވަގުތެއް ކަމުގައި ކަނޑައަޅާށެވެ. އަބަދުވެސް ހަނދާންކުރާށެވެ. މީހަކު ދެކޭގޮތެއް ނުވަތަ ކުރާކަމެއް ތިމާއަކަށް ކޮންޓްރޯލެއް ނުވާނެއެވެ. ތިމާއަށް ކޮންޓްރޯލްވާނީ އެކަމާއިމެދު ތިމާ ދެކޭގޮތާއި، އޭގެ ސަބަބުން ތިމާއަށް ކުރާނެ އަސަރެވެ.

 

އަނެކާ ގޯސްކޮށްފައި ވާހަކަ ނުދައްކައި، އިހުސާސްވިގޮތް ބުނެދީ

ގިނަފަހަރު މައްސަލަ ހައްލުކުރާއިރު އަހަރެމެންނަށް ވާހަކަ ދެކެވޭނީ އަބަދުވެސް އަނެކާ ގޯސްކޮށްފަ އެވެ. އެއީ އޭނާގެ ކުށެއް ކަމަށް ދެއްކުމަށެވެ. ނަމަވެސް ރަނގަޅުގޮތަކީ އެ ކުރިކަމަކުން ތިމާއަށް އިހުސާސްވީ މިހެންކަމަށް ބުނެގެން ވާހަކަދެއްކުމެވެ. މިއީ އަނެކާއަށް ތިމާކުރާ އިހުތިރާމާއި، އެކަމުގައި ގޯސްކޮށް ކުރެވުނު ކަންތައްތައް ރަނގަޅަށް ބުނެދިނުމަށް އަދި އޭނާއަށްވެސް ގަބޫލުކުރަން ފަސޭހަވާނެހެން ކިޔާދިނުމަށް ބޭނުންކުރެވިދާނެ އުކުޅެކެވެ.

 

”ރިލެކްސް، ރިލެކްސް“

މިހެން ދިމާވާ މައްސަލަތަކުން ގިނަފަހަރު ތިމާގެ ނަފްސާނީ ދުޅަހެޔޮކަމަށް ނުހަނު އަސަރުކުރެއެވެ. ނިދަން އުނދަގޫވުމާއި، އަމިއްލަ ނަފްސާ މެދު ދެކޭގޮތް ދަށްވެ އެވެ. ނުވަތަ އެހެން މީހުންނާ ކުރިމަތިލާން ވެސް އުނދަގޫވެ ސްޓްރެސްބޮޑުވެ އެވެ. އެހެންކަމުން މި އަސަރުތައް ކުޑަކުރުމުގެ ގޮތުން، މީހާ ހަމަޖެހިލައި، ޔޯގާ، ރިލެކްޒޭޝަން ކަސްރަތުތައް ނުވަތަ ބްރީތިން އެކްސަސައިޒް ފަދަ އެނޫންވެސް ހަރަކާތެއް ކުރެވިދާނެ އެވެ.

 

އެހީ ހޯދޭނޭ

ދިރިއުޅުމުގައި ދިމާވާ ބައެއް ބޮޑެތި މައްސަލަތަކަކީ އެ މައްސަލައެއް ޖެހޭ ދެ ފަރާތަކުން އެކަނި ވާހަކަދައްކައިގެން އެކަނި ބައެއްފަހަރު ހައްލުނުވެދާނެ ކަންކަމެވެ. އާއިލާގެ އިތުބާރުކުރެވޭ މެންބަރެއް ނުވަތަ ޕްރޮފެޝަނަލް މީހެއްގެ އެހީތެރިކަން ވެސް ހޯދަންޖެހޭ ހާލަތުތަކެއް ވެސް އަތުވެދާނެ އެވެ. އެހެންވެ، ކަޕްލް ތެރަޕީ، ނުވަތަ ސެލްފް ކޯޗިންފަދަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަކީވެސް ބޭނުންޖެހިއްޖެނަމަ ލަސްނުކޮށް ފަސްނުޖެހި ކުރުން މުހިންމުކަމެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!