ދަންވަރު ނުނިދާ ކުރަނީ ކީއްތަ!
ދެންމެ | 26 އޯގަސްޓް 2023

އަބަދު ނިދި އަންނަ މީހުން ނިދި އަންނަނީ ކީއްވެގެންތޯ ހިތުގައި ސުވާލު އުދެފެއެވެ. މާގިނައިން ނިދި އަންނަނަމަ އެކަމާ ކަންބޮޑުވެއެވެ. ބައެއް ހާލަތްތަކުގައި އަބަދު ނިދި އަންނަނީ ސިއްހީ މައްސަލައެއް ހުރުމުގެ ސަބަބުން ނޫންނަމަ އެހެންވެސް މައްސަލައަކާއި ގުޅިގެންނެވެ. ބައެއް މީހުންނަކީ ތަނެއްގައި ޖެހޭއިރަށް ނިދޭ ބައެކެވެ. އަނެއްބައި މީހުންނަކީ ނިދަން އުޅެއުޅެ ނުނިދިގެން އެކަމާ ވިސްނާ ބައެކެވެ. ނިދަން އޮށޯވެއޮވެ 2 ގަޑިއިރު ވާއިރުވެސް ނުނިދިގެން އުޅެންޖެހޭ މީހުން އުޅެއެވެ. ނުނިދުމުން ކުރާއަސަރު ވަރަށްބޮޑެވެ. މާގިނައިން ނިދި އަންނާތީ އެކަމާވެސް ވިސްނެއެވެ. މީގައި އެންމެ ރަނގަޅުގޮތަކީ ހަމައަށް ނިދި ލިބޭނެ ގޮތްތައް ޚިޔާރުކުރުމެވެ.

ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން

އިންސާނާގެ ހަށިގަނޑަށް ނިދި ބޭނުންވާ މިންވަރަށް ނިދި ނުލިބޭނަމަ ދިމާވެދާނެ މައްސަލަތައް ހުރެއެވެ. އާއްމުގޮތެއްގައި 7 ނުވަތަ 9 ގަޑި އިރުގެ ނިދި ބޭނުންވެއެވެ. އެހެންނަމަވެސް މިގޮތަށް އާދަކޮށް ނިދާ މީހުން މަދެވެ. ދިރިއުޅުމުގެ ވައްޓަފާޅި ހުންނަގޮތުން ރޭގަނޑުގެ ނިދި ނުނިދާ ގިނަވަގުތު ފޯނުގައި ހޭދަކުރުން ނުވަތަ ކޮފީތަކުގައި ހޭދަކުރެއެވެ. ބައެއް މީހުން އޮފީހަށް ދާންޖެހޭކަން ހަނދާންވަނީ ގަޑިން މެންދަމުން އަލިވެ 1 ޖަހާފަހުންނެވެ. އަނެއްކާ ހެނދުނު 6 ނުވަތަ 7 ޖަހާއިރު ހޭލަންޖެހެއެވެ. އެހިސާބުން ހަމަ ނިދި ނުނިދާ އަނެއްދުވަހުގެ މަސައްކަތަށް ދާންޖެހެއެވެ. މިގޮތަށްގޮސް ހަފްތާ 2 ހަފްތާވެސް އުޅެއެވެ. މަދުނިދި ނިދައިގެން އުޅެފައި ކުއްލިއަކަށް މީހާގެ ހަށިގަނޑު ވަރުބަލިވެގެން ދެން އަބަދު ނިދިއަންނަގޮތްވެފައި ހުރެވެއެވެ. ޚާއްސަކޮށް ރޭގަނޑު ގަޑީގައި ނުނިދާ ދުވާލުގެ ވަގުތު ކިތަންމެވަރަކަށް ނިދި ކަމުގައިވިޔަސް ނިދިހަމަނުވާ ގޮތް ވެއެވެ. މިހެންވުމުން އަބަދު ވަރުބަލިވެފައި ހުރެވެއެވެ.

ކޮންމެދުވަހަކު އެއްގަޑިއަކަށް ނުނިދުން

ރޭގަނޑުގެ ނިދާގަޑި އަކީ ކޮންމެ ރެއަކުވެސް އެއްގަޑިއަކަށް ހަދަން އާދަކުރާށެވެ. އެއީވެސް ވަރަށް މުހިއްމުކަމެކެވެ. އެކި ރޭރޭ އެކި ގަޑިގަޑީގައި ނިދާފައި ރޭގަނޑުގެ ނިދި ދުވާލުގެ ވަގުތު ހަމަކުރަން އުޅެފިނަމަވެސް ނިދި ހަމައަށް ނުލިބެއެވެ. ވަކި ގަޑިތަކަކަށް ފޯނާއި ޓީވީ ބެލުން ހުއްޓާލުމަށް އާދަކުރާށެވެ.

ނިދާގަޑި ކައިރިކޮށްފައި މާގިނައިން ނުކެއުން

ނިދާގަޑީގެ 2 ގަޑިއިރު ކުރިން ރޭގަނޑުގެ ނާސްތާ ނިންމާލުމަށްފަހު ޑައެޖެސްޓްކުރަން ވަގުތުދޭށެވެ. ނިދާގަޑި ކައިރިކޮށްފައި ބޮޑެތި ކެއުންތައް ކާނަމަ މީހާގެ ހަށިގަނޑު ބަރުހެލިވެއެވެ. ދެން އެހިސާބުން ސިއްހީ މައްސަލަތައްވެސް ދިމާވެއެވެ. ނިދާވަގުތު ކައިރިކޮށްފައި ކެއުމަކީ ސިއްހީގޮތުންވެސް ވަރަށް ނުރައްކާތެރި ކަމެކެވެ. މިގޮތަށް އާދަކޮށްފިނަމަ ނިދަން އުދަގޫވެ ލަހުން ނިދެއެވެ. އެހިސާބުން ނިދި ހަމަނުވެ ހަށިގަނޑު ވަރުބަލިވެއެވެ. މިގޮތަށް ވުމުން ތަނެއްގައި ޖެހޭއިރަށް ނިދިޖެހޭގޮތްވެއެވެ. ހަމަ ނިދި ހޯދުމަށް މިކަންކަމުން ދުރުހެލިވާށެވެ.

ދަންވަރު ޑިއުޓީ އަދާކުރުން

ރިސާޗުތަކުން ދައްކާގޮތުގައި ދަންވަރު ޑިއުޓީ އަދާކުރާ މީހުންގެ ތެރެއިން 22.3 ޕަސެންޓް މީހުންނަކީ ދުވާލުގެ ވަގުތު ވަރުބަލިކަމުގައި ތިބޭ މީހުންނެވެ. އޭގެތެރެއިން 18.5 ޕަސެންޓް މީހުންނަކީ ”އިންސޮމެނިއާ“ ތަހައްމަލު ކުރަމުންދާ މީހުންނެވެ. މިގޮތަށް ދިމާވަނީ ރޭގަނޑުގެ ވަގުތު ނުނިދާ އުޅުމަށްފަހު ދުވާލު ނިދުމުގެ ސަބަބުންނެވެ. ރޭގަނޑު ނުނިދާ ދުވާލު ނިދަން އާދަކޮށްފިނަމަ މީހާގެ ހަށިގަނޑު އެގޮތަށް ހޭނެންފަށައެވެ. އޭގެ ސަބަބުން ރޭގަނޑާއި ދުވާލު އޮޅުންބޮޅުންވެ ރޭގަނޑުގެ ވަގުތު ނުނިދި އުޅެންޖެހެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!