ރައީސް އިބުރޭ އަންނާތީ ވިލުފުށީގައި ހޮސްޕިޓަލާއި އެއަރޕޯޓް ކަރުދާހުން ހަދައި، ރިބަން ކަނޑައި ހުޅުވަން ތައްޔާރު ކޮށްފި
ދެންމެ | 26 އޯގަސްޓް 2023

ރައީސް އިބުރޭ މާދަމާ ވިލުފުއްޓަށް އަންނާތީ ރައްޔިތުން ނިކުމެ ބޯކަރުދާހުން ހޮސްޕިޓަލާއި އެއަރޕޯޓް ހަދައި ރިބަން ކަނޑައި ހުޅުވަން ތައްޔާރުކޮށްފި އެވެ.

ވިލުފުށީގައި ހުރި ’ދެންމެ‘ ނޫހުގެ ރިޕޯޓަރު ބުނީ 2018 ވަނަ އަހަރު އިންތިހާބަށް ރައީސް އިބުރޭ ވީ ވައުދު ދައުރު ނިމުނު އިރުވެސް ފުއްދާފައި ނުވާތީ ރައީސް އިބުރޭއަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ރައްޔިތުން ނިކުމެ ބޯކަރުދާހުން އެއަރޕޯޓާއި ހޮސްޕިޓަލް ގާއިމް ކުރީ ކަމަށެވެ.

ވިލުފުށިން ވާހަކަ ދެއްކި މީހަކު ބުނީ ރައީސް އިބުރޭގެ ދަތުރުފުޅަށް ރައްޔިތުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލައިގެން އަބަދު ނޫޅެވޭނެ ކަމަށެވެ.

“ އަޅުގަނޑުމެންނަކީ ކިޔަމަންތެރި ރައްޔިތެއް ދިރިއުޅޭ ރަށެއް. ވިލުފުށީ ރައްޔިތުންނަކީ ވެރިމީހާއަށް އިހްތިރާމް ކުރާ ރައްޔިތެއް. އެހެންނަމަވެސް ވެރިމީހާ ވެސް ނުވާނެ ރައްޔިތުން މިވަރަށް ގުބޯ ހައްދާކަށް.“ އޭނާ ބުންޏެވެ.

އޭނާ ބުނީ މާދަމާ އައިސް ވޯޓު ދޭން ބުނާނެ ކަމަށާއި ހޮވިއްޖެނަމަ މުޅި ވިލުފުށި ދެ ބުރިއަށް ނަގައި ތިރީ ބުރި ތަޅާލަން ވެސް ބުނެދާނެ ކަމަށެވެ.

އޭނާ ބުނީ މިދިޔަ 5 އަހަރު އަޅުގަނޑުމެން މިތިބީ ބަސް އަހައިގެން ވަރަށް މަޑުން ކަމަށާއި އެހެން ނަމަވެސް އަޅުގަނޑުމެންގެ އިހްސާސްތަކުގައި ސަރުކާރުން ޖެހީ ކޮޅުފައިން ކަމަށެވެ.

“ މިރަށަށް ކޮއްދޭން ބުނި އެއްވެސް ކަމެއް ނުކޮށްދިން އަނެއްކާ އެއަންނަނީ ވޯޓު ހޯދަން. މި ބުނަނީ ނުދޭނަމޭ. ގުބޯ ހައްދާ އެހެން ބައެއް“

ވިލުފުއްޓަކީ އަބަދުވެސް އެމްޑީޕީއަށް ތާއީދު ބޮޑު ރަށެކެވެ. އެހެންނަމަވެސް މިހާރު ވިލުފުށީގައި އެމްޑީޕީގެ ތާއީދު ވަނީ ވަޅުޖެހިފަ އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!