އަރިއަތޮޅުގައި ގާސިމްގެ ވާހަކަ ދެއްކުމަކީ ބަސަރާއަށް ކަދުރު ވިއްކުން: ނިހާން
ދެންމެ | 26 އޯގަސްޓް 2023

އަރިއަތޮޅަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވާހަކަފުޅު ދެއްކެވުމަކީ ބަސަރާއަށް ކަނދުރު ވިއްކުން ކަހަލަ ކަމެއް ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިން ދަތުރުގައި އދ.އޮމަދޫއަށް ވަޑައިގެން ނިހާން ވިދާޅުވީ އދ ގެ މަލައިން ފެށިގެން ގޭބިސީތަކުގެ އެތެރެކޮއިލާ ހަމަޔަށް ޤާސިމްގެ އެހީތެރިކަން ލިބިފައިވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނާ ބެހޭގޮތުން އެ ސަރަހައްދުގެ މީހުން ކައިރީ އެހެން ބަޔަކު ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

”ބަސަރާއަށް ކަދުރު ވިއްކުން ފަދަ ކަމެކޭ ޤާސިމް އިބްރާހިމް އާއި ބެހޭގޮތުން ވާހަކަ މިރަށްތަކުގައި ދައްކަން އައުމަކީ.“ ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ އަރިއަތޮޅުގައި ގާސިމް ނުދަންނަ އެއްވެސް ބަޔަކު ނުހުންނާނެ ކަމަށާއި އެމަނިކުފާނުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ގޭބިސީއެއް މަދުވާނެ ކަމަށެވެ.

”މިރަށްތަކުގެ މަލައިން ފެށިގެން ގޭބިސީތަކުގެ އެތެރެ ކޮއިލާ ހަމަޔަށް އެމަނިކުފާނުގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވޭ.“ ނިހާން ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންޖެހިފައިވާ އެތައް ބަޔަކަށް ޤާސިމްގެ އެހީތެރިކަން ފޯރުކޮށްދެއްވާފައިވާ ކަމަށާއި ދައުލަތުން ޤާސިމްއަށް އެފަދަ މަޤާމެއް ހަމަޖައްސައިނުދެއްވިޔަސް ރައްޔިތުންނަށް ޤާސިމްކޮށްދެއްވި ޚިދުމަތް މަދުނުވާނެ ކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.

”ވޭތުވެދިޔަ 40 އަހަރު އެމަނިކުފާނު އެވަނީ އެމަނިކުފާނު އަމިއްލުފުޅު ބުރަ މަސައްކަތުން އެއްކުރެއްވި ފައިސާއިން މި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ހަވާސާވެފައިތިބި އެތަކެއް ބަޔަކަށް އެހީއަށް ބޭނުންވި އެތަކަށް ބަޔަކަށް އެޚިދުމަތް ކޮށްދެއްވާފައި ދައުލަތުގެ ފަރާތުުން އެމަނިކުފާނަށް އެފަދަ މަޤާމެއް ހަމަޖައްސައި ނުދެއްވަނީސް.“ ނިހާން ވިދާޅުވިއެވެ.

ޤާސިމް އިބްރާހިމް ޤައުމަށް ގިނަ ޚިދުމަތްކުރެއްވި ބޭފުޅެއްކަން ފާހަނގަކުރައްވަމުން ނިހާން ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރުވެސް ދައުލަތުގެ އަދި ރައްޔިތުންގެ ފައިސާގައި ގާސިމް ޖެހިފައިވާ ކަމުގެ ޝަކުވާއެއް އައިސްފައި ނުވާނޭ ކަމަށެވެ.

 

އަދި ހަމައެއާއެކު ވޭތުވެ ދިޔަ 3 ދައުރުގައިވެސް ރައްޔިތުންނަށްޓަކައި އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމުގެ އުއްމީދާއެކު 2008 ވަނަ އަހަރު އޮގަސްޓުމަހު ހިސާބު އޭރުގެ ސަރުކާރުން ވަކިވެ ވަޑައިގެން ރިޔާސީ އިންތިހާބުގައި ބައިވެރިވެރިވުމަށް ޕާޓީއެއް އުފައްދަވައި އެންމެ މަހެއްހާ ދުވަހު މަސައްކަތްޕުޅު ކުރައްވައިގެން ދިވެހިރާއްޖޭގެ ރައްޔިތުންގެ 15 ވަރަކަށް ޕަސެންޓު ގާސިމް ހޯއްދެވިކަން ނިހާން ފާހަނގަކޮށްލިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!