މުއިއްޒު އެ އުޅެނީ ޔާމީން އަވަދިކޮށް، ކަފުންކޮށް ވަޅުލަން: މާރިޔާ
ދެންމެ | 27 އޯގަސްޓް 2023

ޕީއެންސީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މިހާރު ފައްޓަވައިފައިވަނީ ރައީސް ޔާމިން ޢަބްދުލް ޤައްޔޫމް ސިޔާސީ ގޮތުން ފަސްދާނުވެޑުވުމުގެ ޕޮލިސީ ކަމަށް ޑިފެންސް މިނިސްޓަރ އަދި ރައީސް ޞާލިޙްގެ ކެމްޕޭނު ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހާކަދައްކަވަމުންނެވެ.

”ތިމަންނާ ރައީސް ޔާމީންގެ އިންޑިޔާ އައުޓް ޕޮލިސީ ކޮޅުފައިން ޖަހައިފައި އިންޑިޔާ ފަސްޓް ޕޮލިސީ އިޚްތިޔާރު ކުރާނެ ކަން އެއޮތީ ރީއްޗަށް ވިދާޅުވެފައި، މުޢިއްޒު އެފެށީ ސިޔާސީ ގޮތުން ރައީސް ޔާމިން ފަސްދާނުލުމުގެ ކަންކުރާނެ ގޮތް“ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ކޮންމެ ނަމެއްކިޔައިގެން ކަމުގައިވިޔަސް އެކުރައްވާ ކަމަކީ ރައީސް ޔާމިން ސިޔާސީ ގޮތުން ފަސްދާނުލުމުގެ މަސައްކަތް ކަމަށާއި، ޕީޕީއެމެ ސަޕޯޓަރުންނަށް ބުނެލަން އޮތީ މުޢިއްޒު މިހާރު އެވަނީ އެކަން އިޢްލާނު ކުރައްވައި އިޢްތިރާފު ވެފައިކަމަށެވެ.

މީޑިޔާތަކުން ބާއްވާ ރިޔާސީ ބަހުސްތަކަށް ކެންޑިޑޭޓުން ވަޑައިގެންނެވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ އެމްއެންޔޫއިން އިންތިޒާމް ކުރައްވާ ބަހުސަށް ރައީސް ޞާލިޙް ވަޑައިގަންނަވާނެކަން ވަނީ ޔަޤީން ކޮށްދެއްވައިފައި ވާ ކަމަށެވެ.

އަދި އެއީ ޢިލްމީ ބަހުސެއް ހިނގާނެ ތަނެއް ކަމަށާއި، އެކަމަކު މީޑިޔާ ތަކަށް އަރައި އިސްތިހާރު ވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް އެގޮތައް ޤަބޫލުކުރައްވާ ކަމެއްނޫން ކަމަށާއި އެއަށްވުރެ ބޮޑަށް ރައްޔިތުން ގާތަށް ވަޑައިގަތުމަށް އިސްކަން ދެއްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެއީ މީޑިއާތަކަށް ދެރަބަހެއް ބުނުމަށް ވިދާޅުވި އެއްޗެއް ނޫން ކަމަށާއި ރައީސް ޞާލިޙްގެ ކެމްޕޭނު ހަރަކާތްތައް އެންމެ ގާތުން ރައްޔިތުންނާއި ހަމައަށް ގެނެސްދެނީ ވެސް މީޑިއާ ތަކުން ކަމަށެވެ. އަދި އެކަމަށްޓަކައި މީޑިއާ ތަކަށް ޝުކުރުއަދާ ކުރައްވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުމުގައި އިދިކޮޅު ކެންޑިޑޭޓުގެ ޖަލްސާގައި ވާހަކަދެއްކެވި ބޭބޭފުޅުންގެ ވަކިވަކި ވާހަކަތަކަށް މަރިޔާ ވަނީ ޖަވާބު ދެއްވައި ރައްދުދެއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!