ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުން ކުރުމެއް ނެތި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީން ހޯދި ނަތީޖާއަކީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މިއީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވާނެ ކަމުގެ ހެކި ލިބުނު ނަތީޖާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު މިރޭ ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، މި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 62 ވޯޓުގެ ކުޑަ ތަފާތަކުންނެވެ. ނަމަވެސް، ހިތަދޫގައި ބެހެއްޓި ވޯޓު ފޮށިތަކުން ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ވަނީ ގިނަ ވޯޓުތަކެއް ހޯއްދަވައިފައެވެ. އިންތިހާބުގައި ސޯބެ 1،375 ވޯޓު ހޯއްދެވިއިރު، ސޮޑާ ވަނީ 1،313 ވޯޓު ހޯއްދަވައިފައެވެ.
ޖާބިރު ”ވަގުތަށް“ ވިދާޅުވީ، ރާއްޖޭގެ ކުރީގެ ރައީސުން އެއްގަލަކަށް އަރައި، ސަރުކާރާ ދެކޮޅަށް ނުކުމެ އެމްޑީޕީގެ ކެންޑިޑޭޓް ހޮވުމަށް ގަދަ އަޅައި މަސައްކަތް ކުރި ނަމަވެސް، އެ ބޭފުޅުންނަށް ކާމިޔާބީއެއް ލިބުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އިންތިހާބަށް ލިބުނު ކުޑަ ވަގުތުކޮޅުގެ ތެރޭގައި ޕީއެންސީން ކުރި ހިތްވަރާއި، މިންނެތް މަސައްކަތުން ފެނުނު ނަތީޖާއަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“ 2028 ނަގާނީ ރައީސް މުއިއްޒުކަން މިއަދުގެ ވޯޓުން ހާމަވެގެންދޭ. ފަހުގެ ކެމްޕެއިންތަކަށް ބަލާއިރުގައި، ސަރުކާރު އޮވެ، ސަރުކާރުގެ ވަސީލަތްތައް ބޭނުން ނުކޮށް، ޕްރޮޖެކްޓުތައް ނުހިންގާ އަހުމަދު ސައީދު އެ ހޯއްދެވި ކާމިޔާބީއަކީ ވަރަށް އާދައިގެ ކެމްޕެއިނަކުން، އަނެއްކާ އިދިކޮޅަށް ތިބި އެންމެން އެއް ގަލަކަށް އަރައިގެން ހޯދި ނަތީޖާއަކީ ރައީސް މުއިއްޒުއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.“ ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ސަރުކާރުގެ ވަސީލަތްތައް ބޭނުން ނުކޮށް އަދި އާ ޕްރޮޖެކްޓުތައް އިއުލާން ކުރުމެއް ނެތި، އާދައިގެ ކެމްޕެއިނަކުން ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދު ހޯއްދެވި ނަތީޖާއިން ހާމަވަނީ ރައީސް މުއިއްޒަށް އޮތް ތާއީދު ކަމަށެވެ. އަދި މި ނަތީޖާގެ ސަބަބުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީއެންސީން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ކުރީގެ ސަރުކާރުތަކުން ކެމްޕެއިންތަކުގައި ދައުލަތުގެ ހުރިހާ ރިސޯސަސްއެއް ބޭނުންކުރި. މިފަހަރު ދައުލަތުގެ ރިސޯސްއެއް ބޭނުން ނުކޮށް، ސިމްޕަލް ކެމްޕެއިނެއްކޮށްގެން ވަރަށް ބޮޑު ކާމިޔާބީއެއް ޕީއެންސީއަށް މި ލިބުނީ، އެހާ ކުޑަކުޑަ ތަފާތެއް އޮތީމަ.“ ޖާބިރު ވިދާޅުވިއެވެ.



