ތިމާވެށި ހިމާޔަތްކުރަން ގްރީން ފަންޑުން އަހަރަކު 7 މިލިއަން ހަރަދު ކުރަން ރައީސް ނިންމައިފި
ދެންމެ | 06 ޖޫން 2026

ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކޮންމެ އަހަރަކު ހަތް މިލިއަން ރުފިޔާ ގްރީން ފަންޑުން ހަރަދު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ އަޒުމު ވަރުގަދަ ކުރަންވީ ދުވަސް ކަމަށެވެ.

ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ދެނެގަނެ، ލިބޭ ގެއްލުންތައް ކުޑަކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ޒަމާނުއްސުރެ އޮތް އެންމެ ބޮޑު ހުރަހަކީ، އެކަށީގެންވާ މިންވަރަށް މާލީ ވަސީލަތްތައް ނުލިބުން ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެންވެ، އެ މަސައްކަތަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ދައުލަތުގެ ގްރީން ފަންޑުން ހަރަދުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

”މިއީ ކޮންމެ އަހަރަކު އާއްމުކޮށް ތިމާވެށީގެ ދާއިރާއަށް ކަނޑައަޅާ ބަޖެޓުގެ އިތުރުން ހަރަދު ކުރާނެ ފައިސާ. މިއާއެކު، ފާއިތުވި އަހަރުތަކުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް މޯލްޑިވްސް ގްރީން ފަންޑުން ދީފައިވާ އަހަމިއްޔަތުކަން އެއަށްވުރެ ހަރުދަނާވެ އަދީ މަތީ ހަރުފަތަކަށް ގެންދެވޭނެ،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ފައިސާ ހަރަދުކުރާނީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަސައްކަތަށް ކަމަށެވެ.

އެގޮތުން ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދުތަކުގެ ދިރުންތައް ބެލެހެއްޓުމާއި އެފަދަ ތަންތަނަށް ބޭނުންވާ މަރާމާތު ކުރުމާއި މޮނިޓަ ކުރުމާއި ކޮންޒަވޭޝަން މަސައްކަތުގެ ތެރެއިން މަންފާ ހޯދޭނެ މަގުތައް ފަހިކޮށް، ތިމާވެށީގެ ދިރާސާތަކާއި މައުލޫމާތު އާންމު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ދާއިރާގެ ފަންނީ ގާބިލުކަން އިތުރު ކުރުމާއި އެ ދާއިރާގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތަކާއި ސްކޫލުތަކުގެ ތިމާވެށި ކްލަބްތަކާ ގުޅިގެން ތިމާވެށީގެ ތަފާތު ޕްރޮގްރާމްތައް ހިންގައި ވީހާ ވެސް ގިނަ ބަައެއްގެ ބައިވެރިވުން އެ މަސައްކަތަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ހިތާބުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!