ދަށް ބަނޑަށް އުދަގޫވެ ތަދު ވަނީ ކީއްވެ!
ދެންމެ | 29 އޯގަސްޓް 2023

އިންސާނާގެ ހަށިގަނޑު އުފެދި، މި ހަށިގަނޑުގެ މަސައްކަތް ހިނގަމުން ދަނީ އެތައްހާސް ގުނަންތަކެއްގެ އެތައް މަސައްކަތްތަކެއް އެކުވެގެންނެވެ. ހަށިގަނޑުގައި ހިނގާ މި ހުރިހާ މަސައްކަތްތަކެއްވެސް އޭގެ ޠަބީއަތުގައި ހިނގަމުންދަނީ އެއްވެސް ބުރުލެއް ނާރައެވެ. ނަމަވެސް ބައެއްފަހަރު ބައެއް ގުނަންތަކުގެ ހިނގުމަށް އަންނަ ކުދިކުދި ބަދަލުތަކަކާއި އެކު ބައެއްކަހަލަ އުނދަގޫތައް އިންސާނާއަށް ކުރުވައެވެ. އަދި ބައެއް ފަހަރު، ތަދެއްގެ އިހުސާސްވެސް ކުރުވައެވެ.

ބައެއް ފަހަރު އަހަރެމެންގެ ހަށިގަނޑުގެ ކޮންމެވެސް ހިސާބަށްކަށް ތަދުވާތީ ޑަކްޓަރަށް ދެއްކުމުން ކަމެއް ނުހުންނަ ކަމަށް ބުނެއެވެ. އާދޭހެވެ! އެހެން ވެދާނެއެވެ. އެއީ ޑަކްޓަރަށް އެއްޗެއް ނޭނގެނީކީ ނޫނެވެ. މިފަދަ ތަދުތަކަށް ”ފަންކްޝަނަލް ޕެއިން“ އޭ ކިޔައެވެ.

މިފަދަ ތަދުތައް މެދުވެރިވަނީ އެއްވެސް އަނިޔާއެއް ނުވަތަ އެއްވެސް ހާނިކައެއް ވެގެނެއް ނޫނެވެ. އަދި އެއްވެސް ގުނަވަނަކަށް އަނިޔާއެއްވެ، އެއްވެސް ގުނަވަނަކަށް އާދަޔާޚިލާފު ގޮތެއް ވެގެންނެއްވެސް ނޫނެވެ. މިފަދަ ތަދުތައް ގިނަފަހަރަށް އުފަންވަނީ ހަށިގަނޑުގެ ކޮންމެވެސް ގުނަވަނެއްގެ މަސައްކަތުގައި ކޮންމެވެސް ކަހަލަ ތަފާތު ކަމެއް ހިނގާތީއެވެ. ފަހަރުގައި އެ ގުނަވަނެއްގެ މަސައްކަތް ތަންކޮޅެއް އަވަސްވެ، ނުވަތަ ލަސްވުން ހިމެނެއެވެ.

ސިއްހަތާ ބެހޭ މަޝްހޫރު މަޖައްލާއެއް ކަމަށްވާ ހެލްތްލައިންގައި ޝާއިއުކޮށްފައިވާ ގޮތުގައި ދުނިޔޭގެ އާބާދީގެ 30 އިންސައްތައަށްވުރެ ގިނަ މީހުންނަކީ ”ފަންކްޝަނަލް ޕެއިން“ މެދުވެރިވާ މީހުންނެވެ. އެހެންކަމުން ކަމެއް މެދުވެރިނުވެ، ތަދުވާ ތަދުވުމަކީ މާބޮޑު ކަންބޮޑުވުމެއް ނޫނެވެ. މިފަދަ ތަދުތައް އާއްމުކޮށް ދެމިގެންދާނީ އެއް ދުވަހުގެ މުއްދަތަކަށެވެ.

ސަބަބެއް މެދުވެރި ނުވެ، ނުވަތަ ކަމެއް ނެތި ތަދުވާ ތަދުވުމެއް ދިގުލައިދާނަމަ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ވާނެއެވެ. އަދި އެ ތަދެއް މާ ގަދަވެގެންދާނަމަވެސް ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ވާނެއެވެ. ”ފަންކްޝަނަލް ޕެއިން“ ގައި އާއްމުކޮށް ތަދުވާނީ، ކުޑަކޮށް ނުވަތަ މެދުމިނަކަށެވެ. އަދި އެއީ އާއްމުކޮށް އެއްދުވަސްތެރޭ ފިލައިދާ ތަދެކެވެ.

މިފަދަ ތަދުތަކާމެދު މީހާ މާބޮޑަށް ވިސްނާ، ކަންބޮޑުވާނަމަ، ސިކުނޑިން އެ ތަދު، މާ ބޮޑުކޮށް ވިސްނައިދޭނެއެވެ. އެހެންކަމުގައި ވަނީނަމަ، އެކަމުގެ މައްޗަށް ހިތާމަ ކުރެވި، ހާސްކަމާއި ނުތަނަވަސްކަން ކުރިމަތިވެދާނެއެވެ. އެހެންކަމުން މިފަދައިން، ކުޑަކޮށް ކުރު މުއްދަތަކަށް ދިމާވާ އާދައިގެ ތަދުތަކާ އެހާބޮޑަށް ކަންބޮޑު ނުވާށެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ގުނަންތައް ހިނގަމުން ދިޔުމުގައި ޠަބައީގޮތުން ކުރިމަތިވާ އާދައިގެ ތަދުތަކެވެ. މާތް ﷲ ގެ ވާގިފުޅާއި އެކު، މިފަދަ އާދައިގެ ކުދި، އަދި ކުރުމުއްދަތުގެ ތަދުތަކުން އެއްވެސް ނުރައްކަލެއް އަހަރެމެންގެ ހަށިގަނޑަކަށް ނެތެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!