ރައީސް އިބުރޭ މިފަހަރު ރަގަޅަށް ފަލީހަތް ވާނެ: ރައީސް ނަސީދު
ދެންމެ | 30 އޯގަސްޓް 2023

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރިޔާސީ ބަހުސްގައި ބައިވެރިވާން ބޭނުންފުޅު ނުވަނީ އެ ބަހުސްގައި ބައިވެރިވެވަޑައިގެންފި ނަމަ ފަޟީހަތްވާނެތީކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އޯޝަން ޓީވީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް ބައިވެރިވަޑަގަންނަވަން ބޭނުންފުޅު ނުވާ ސަބަބަކީ ބަހުސްގައި އެމަނިކުފާނަށް ބައިވެރިވެވޭނެ ގާބިލްކަން ނެތް ކަމަށް ގަބޫލުކުރެވުންކަމަށެވެ.
”މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ނުވާނެ ޑިބޭޓުގައި ބައިވެރިވެސްވާން. ބަހުސަކުން އެނގިވަޑައިގަންނަވާނެ އެބޭފުޅާގެ އެގާބިލުކަން ނެތްކަމާ، ބައިވެރިވަޑައިގެންފިއްޔާ ވަރަށް ބޮޑަށް ފަޟީހަތްވެގެންދާނެކަން.“ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަކީ ބަހުސެއްގައި ބައިވެރިވާން ކެތްމަދުވެފައިވާ ބޭފުޅެއް ކަމަށާއި ހުރިހާ ސުވާލަކަށް ވެސް ޖަވާބުދޭން އިލްޔާސް ބޭނުންވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އިލްޔާސް ދާނެކަމަށާއި އޭނާގެ ފަހަތަށް އެމްޑީޕީގެ ހުރިހާ މެންބަރުން އަރާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ ބަހުސްގައި ރައީސް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅު ނުވަނީ އެމަނިކުފާނު ފަޟީހަތްވާނެތީކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު އެ ބަހުސް ބޭއްވުމަށް ދައުލަތުގެ ޕީއެސްއެމް އާއި ސަންގު ޓީވީން އެންމެ ފުރަތަމަ ނިންމީ ވަކިންނެވެ.

ނަމަވެސް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވަން އިއުލާނުކުރި ”ރިޔާސީ ބަހުސް“ ރައީސް އޮފީހުން އެންގި ގޮތަށް ބަޔާނެއް ނެރެ ކެންސަލްކޮށްފައެވެ.

ޕީއެސްއެމްގެ ބަހުސް ކެންސަލް ކުރި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ހިމެނޭހެން ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުން ބަހުސްގައި ބައިވެރިވާން ނިންމަވާފައިވާ ކަމަށް ”ސަންގު ޓީވީ“ އިން ވަނީ އިއުލާނުކޮށްފައެވެ.

ސަންގުޓީވީގެ ބަހުސްގައި ހުރިހާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަތުމަށް ނިންމަވާފައިވާއިރު، ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބާއްވާ ބަހުސް ނުބާއްވަން ނިންމައި، ސަންގުޓީވީއާ ގުޅިގެން ޕާޓްނަރެއްގެ ގޮތުގައި އެ ބަހުސްގައި މަސައްކަތްކުރަން ޕީއެސްއެމްއިންވަނީ ނިންމައިފައެވެ.
ސަންގު ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނީ ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުން އެކަންޏެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން އެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާނެއެވެ.
ބަހުސްގެ ދައުވަތު ސަންގުޓީވީން ފޮނުވި ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުއާއި، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްއާއި، އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ.
ރައީސް އިބްރާހީމު ކުރިންވަނީ ސަންގު ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭނެކަމަށް އަންގަވާފައެވެ. ނަމަވެސް މިހާރު ނިންމުން ބަދަލުކުރައްވައި ސަންގު ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނުވަނީ އެއްބަސްވެވަޑައިގެންފައެވެ.
މި ބަހުސް އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 2 ވަނަ ދުވަހުގެ ރެއެވެ. ސަންގު ބަހުސަކީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ، ބްރޯޑްކާސްޓިން ކޮމިޝަނުން ދޭ އެވޯޑުވެސް ލިބިފައިވާ ޕްރޮގުރާމެކެވެ.
ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!