ސަރުތު ހަމަނުކޮށް، ގާނޫނު އޮޅާލައި ތިނަދުއަށް ނަމުން ސިޓީއެއްގެ ދަރަޖަ ދީފި
ދެންމެ | 31 އޯގަސްޓް 2023

މި ސަރުކާރުން، ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވައިދުތައް ބޮލާލައި ޖެހުމުގެ ސިލްސިލާއަށް އައު ބޮޅެއް އިތުރުކޮށްފިއެވެ.

ފާއިތުވަމުން މިދާ ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުން، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންކަމަށް ނުބަލައި އެތައް ކަމެއް ކޮށްފައިވާކަމަށް، ކަމުގެ މާހިރުން ބުނެއެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގައި ހެދިފައިވާ ހާއްސަ ކޮމިޓީތަކަށް ހާމަކޮށްދޭން މަޖުބޫރުވާ މައުލޫމާތުތައް ހާމަނުކޮށް ސިއްރުކުރުމާއި، މޮރީޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ވެސް ސަރުކާރުން އަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤާނޫނީ މާހިރުން ބުނެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ކޮޑިއިންޗިއެއްގެ މިންވަރު ވެސް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށަހަޅައި، މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށާއި، އިން ކަނޑައެޅުމުގެ މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ސަބަބުން 200 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ދިވެހިންނަށް ގެއްލިފައިވާތީ ވެސް ޤާނޫނީ މާހިރުން ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

މިފަދަ އެތައް ކަމެއްގައި ސަރުކާރުން ޤާނޫނާ ޚިލާފަށް އަމަލުކުރަމުން އަންނަކަމަށް އެތައް ބަޔަކު ބުނަމުން އަންނަނިކޮށް، އިންތިޚާބަށް 10 ވަރަކަށް ދުވަސްވެފައި ވަނިކޮށް އަނެއްކާވެސް އެފަދަ އަމަލެއް ސަރުކާރުން މިވަނީ ތަކުރާރުކޮށްފައެވެ.

ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި ދިހަހާސް މީހުން ހަމަވުމުންކަމަށް ގާނޫނުގައި ބުނެފައި ވަނިކޮށް، އެ އަދަދު ހަމަނުވާ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރައީސް ޞާލިޙް މިވަނީ ދެއްވާފައެވެ.

މިކަން ހާމަކުރެއްވީ، އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ރައީސް ޞާލިޙް ތިނަދޫއަށް ވަޑައިގެން، ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގެ ތެރެއިންނެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިންއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އެރަށަށް ވަޑައިގެން ރައީސް ޞާލިޙް ވިދާޅުވީ، ދެން އެރަށަށް ވަޑައިގަންނަވާނީ އެރަށަށް ސިޓީއެއްގެ ދަރަޖަ ލިބުނުކަން އިއުލާން ކުރައްވަން ކަމަށެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް ޤާނޫނާ ޚިލާފަށް ރައީސް ޞާލިޙް މިވަނީ އެ ވައުދު ފުއްދަވާފައެވެ.

މީގެކުރިން ދެ ފަހަރެއްގެ މަތިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދަން ހުށަހަޅާފައިވެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް އެންމެ އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ގެންދެވިފައިނުވާތީ، އަދި މިފަހުން މަޖިލިސް ޑެޑްލޮކަކަށް ގޮސް ޖަލްސާތައް ކުރިއަށް ގެންދެވޭގޮތް ނުވާތީ އެ މަސައްކަތް ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

10،000 މީހުންގެ އާބާދީ ހަމަނުވާ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިމިވަނީ، ޤާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ނުގެނެސް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމަށް ރަށްރަށުގައި ގާއިމުވެފައި ހުންނަންޖެހޭ ބައެއް ކަންކަން ވެސް ތިނަދޫގައި ފުރިހަމަވެފައިނުވެއެވެ.

ސިޓީއެއްގެ ދަރަޖަ ދިނުމަށް ޤާނޫނުއަސާސީގައި ބުނާގޮތުން ރަށެއްގައި ފުރިހަމަވާންޖެހޭ ކަންކަމުގެ ތެރޭގައި، ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ، އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން، ޓަރޝަރީ ހޮސްޕިޓަލެއް ހުރުން، ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ޙާޞިލުކުރެވޭނެ މަރުކަޒެއް ޤާއިމުވެފައިވުން، ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން، ސިޓީގައި ކޮމާޝަލް ހާބަރއެއްގެ ޚިދުމަތް ލިބެންހުރުން، ސިޓީގައި ބޭންކެއްގެ ޚިދުމަތް ލިބެން ހުރުން ހިމެނެއެވެ.

ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ސިޓީއަކަށް ބަދަލުކުރަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ ރަށުގައި ގާއިމުކުރައްވާނެ ކަމަށެވެ. އޭގެތެރޭގައި، ބައިނަލްއަގްވާމީ ކޮމާޝަލް ޕޯޓަކާއި، ތިނަދޫ ކައިރީގައި އެއާޕޯޓަކާއި ޓާޝަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!