ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން 2 ކުންފުންޏެއް އުވާލަން ނިންމާފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިއުލާންކުރެއްވީ، މިއަދު ނޫސްވެރިންނާ އެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ފެފެނަކައިގެ ދަށުން ދެމުންދިޔަ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށުން ދިނުމަށް ނިންމަވާފައިވާ ކަމަށެވެ. ހަމައެއާއެކު އާރުޑީސީ އުވާލައި، އެމްޓީސީސީގެ ދަށަށް އެކުންފުނިން ކުރަމުންދިޔަ މަގު ހެދުމުގެ މަސައްކަތްތައް ބަދަލުކުރުމަށް ނިންމަވާފައިވާކަމަށްށެވެ.
ހަމަ އެއާެކު އެގްރޯ ނެޓް ކުންފުނި މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިގޮތަށް ބަދަލުވެގެެން ދިޔުމަށްފަހު، މާލޭގައި މިހާރު ސަރުކާރުން އަޅަން ނިންމާފައިވާ މަރކެޓް ކޮމްޕްލެކްސް ހިންގާ އޮޕަރޭޓް ކުރުން ހަވާލުކުރެވޭނީ މިފްކޯއާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރީ ސަރުކާރުތަކުން ކުންފުނިތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ނެގުމުގެ ސަބަބުން ކުންފުނިތަކުގެ ޚަރަދު ބޮޑުވެ، ހިންގުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުންފުނިތަކަށް ގެންނަ މިބަދަލާއެކު ކުންފުނިތަކުގެ މުވައްޒަފުންގެ ޢަދަދު މަދުކުރެވޭނެ ކަމަށާއި އޭގެ ސަބަބުން ކުންފުނިތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ


