އިންތިހާބު ކާމިޔާބުވެއްޖެ ނަމަ ވެރިކަން ކުރައްވާނީ ރައީސް ޔާމީނުގެ ބައިވެރިވުމެއް ނެތި ކަމަށް ދޭހަވާ މޭރުމަކުން ޑރ. މުއިއްޒު ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް ޔާމީނު، މުއިއްޒުއަށް ވަރުގަދަ މެސެޖެއް ދެއްވާފައިވާ ކަން މި ނޫހަށް އެނގިއްޖެ އެވެ.
ރައީސް ޔާމީން އެ މެސެޖު ދެއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ ތެރެއިން ރިޝްވަތު ނެންގެވި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ނިންމާލުމަށްފަހު އިއްޔެ ކޯޓު ރޫމު ތެރޭގައި ހުންނަވައި ކަމަށް އެތަނުގައި އެވަގުތު ތިއްބެވި ބޭފުޅުން، ނަން ނުޖެހުމަށް ޝަރުތުކޮށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ބޭފުޅުންގެ ތެރޭގައި ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅުން ވެސް ހިމެނެ އެވެ.
”މުއިއްޒު އިހައްދުވަހު އިންޓަވިޔުއެއްގައި ވިދާޅުވެއްޖެ، ވެރިކަން ކުރާނީ އަމިއްލައަށޭ، ޔާމީނެއް ނޫނޭ، މިއީ ކޮން ވާހަކައެއްތޯ؟ އަޅުގަނޑު ކޮންމެހެން އެއްޗެއް ދަންނަވާކަށް ނޫން، އެކަމަކު އަޅުގަނޑުމެންގެ ޕާޓީ މިއަދު އޮތް ގޮތުން، އަޅުގަނޑާ ބޮލާލާ ޖަހާފައި އެ ގޮތަށް ނުކުމެގެން މުއިއްޒަށް ހަމަ ވޯޓު ގެއްލޭނީ،“ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ، މާވަށު ދާއިރާގެ މެންބަރު، މުހައްމަދު ސައީދުއާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގަށް މުހާތަބު ކުރައްވައި ޔާމީނު ވިދާޅުވި އެވެ.
އެ ދެ ބޭފުޅުން ވެސް އިއްޔެ އަޑުއެހުމަށް ކޯޓު ރޫމަށް ވަދެވަޑައިގަތެވެ.
އެ ވާހަކަތައް އެގޮތަށް ވިދާޅުވުމަށްފަހު ރައީސް ޔާމީނު ވަނީ މުއިއްޒުއަށް ވަރަށް ބޮޑަށް ނުރުހުމުގެ ބަސްތައް އަމާޒު ކުރައްވައިފަ އެވެ. އެގޮތުން ޔާމީނު ވަނީ މުއިއްޒުއަކީ މަގުބޫލުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ
”ކޮން ބައެއް މުއިއްޒު ދަންނަނީ؟ ކޮން ބައެއް މުއިއްޒު ދަންނަނީ؟ މާލޭން ބޭރަށް ދިޔަވެސް މީހެއްތޯ މުއިއްޒަކީ؟ އެހެންވީމާ މުއިއްޒުއަށް ދަންނަވާ، ސައީދަށް ދެންނެވޭނެ، ޓޮމްއަށް ދެންނެވޭނެ، މުއިއްޒު އެ ޖައްސަވަނީ އަމިއްލަ ފަޔަށް ބަޑި“ ނުރުހުންވެ ހުންނަވައި ޔާމީނު ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ނުރުހުމުގެ މެސެޖެއް ޑރ. މުއިއްޒުއަށް ރައްދު ކުރެއްވިއިރު، އިންތިހާބު ބޮއިކޮޓު ކުރެއްވުމަށް ޔާމީނު ފޮނުއްވި މެސެޖުގެ އިތުރުން، އިތުރު މެސެޖެއް ލިބިވަޑައިނުގަންނަވާ ކަމަށް ވެސް އެތެރެފުށް ޕުރޮގުރާމުގައި މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަން އޮތީ އެހެން ކަމަށް ވާނަމަ، ކޯޓު ރޫމުގައި ހުންނަވައި ދެއްވި މެސެޖަކީ ރިޔާސީ ކެމްޕެއިނު ފެށުނު ފަހުން ޔާމީނުގެ ފަރާތުން މުއިއްޒުއަށް ލިބި ލެއްވި ފުރަތަމަ މެސެޖަށް ވާނެ އެވެ.
ރިޔާސީ އިންތިހާބަށް އެންމެ އަށް ދުވަަހަށް ވެފައިވާއިރު، މުއިއްޒުގެ ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރައީސް ޔާމީނުގެ ފޮޓޯ އާއި ނަން ބޭނުން ކުރައްވައިގެންނެވެ. އެކަމާ ގުޅިގެން ވާދަވެރި ކެންޑިޑޭޓުންގެ ބަހުގެ ހަމަލާތައް ވެސް މުއިއްޒުއަށް އަމާޒުވެފައިވެ އެވެ.
މި އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ވެސް ޕީޕީއެމް ޕީއެންސީ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދި ހަމަނުޖެހުން ވެސް ހިންގާފައިވެ އެވެ. ޔާމީނަށް ވަފާތެރި ސަޕޯޓަރުން އޭރު ވެސް ތުހުމަތު ކުރީ ޑރ. މުއިއްޒުއަކީ އަމިއްލަ އެޖެންޑާއެއްގެ ދަށުން ވެރިކަން ހޯއްދަވަން އުޅުއްވާ ބޭފުޅުއް ކަމަށެވެ.
އުފާ ފާޅު ނުކުރުމަށް އެދި ވާހަކަދެއްކި އަޑުން ”ރައީސް ޔާމީން“ އޭ ގޮވަން ފެށި އެވެ. އެއާއެކު މުއިއްޒުއަށް މަރުހަބާ ކިޔަން ހުޅުވާފައި ހުރި އަނގަަތަކަށް ”ރައީސް ޔާމީން ދޫކޮށްލާ“ އޭ ގޮވަން މަޖުބޫރު ކުރުވި އެވެ. އެ ރާގުގައި މުއިއްޒުގެ ތުން ވެސް ތަޅުވާލި މަންޒަރު ފެނުނެވެ.
ޔާމީން މިނިވަން ކުރާނެ ކަމަށް މުއިއްޒު ވިދާޅުވާއިރު، އެތެރެފުށް ޕްރޮގްރާމުގައި އޭނާ ވިދާޅުވީ ޕީއެންސީ ބޮޑުކުރާނެ ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނެގުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކުރިން ޔާމީނަށް ތާއިދު ކުރެއްވި ބައެއް މެމްބަރުން ވެސް މުއިއްޒަށް ތާއިދު ހޯއްދެވުމަށް އޭނާއާއެކު ދަނީ ކެމްޕޭނުގައި ބައިވެރިވަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ލީޑަރުންނާއި، މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.