އިއްލި-އަމުރް ވެރިކަމުގެ ހުވާކުރަން ތައްޔާރުވެ، ދައުވަތު ފޮނުވަން ފަށައިފި
ދެންމެ | 01 ސެޕްޓެމްބަރ 2023

މި މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ދަ ޑިމޮކްރެޓްސް އިން ކާމިޔާބު ކުރާނެ ކަމަށާއި ތައްޔާރުވަމުން މިދަނީ ވެރިކަމުގެ ހުވާކުރާ ރަސްމިއްޔާތަށް ރައްޔިތުންނަށް ދައުވަތު ކާޑު ފޮނުވުމަށް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު (އިއްލި) ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިއްލި ވިދާޅުވީ، ޑިމޮކްރެޓްސް އުފައްދަން ކުރި މަސައްކަތަކީ ބިލާހެއް ކަމަށް ބަޔަކު ދެކުނު ކަމަށެވެ. އަދި ޕާޓީ އުފައްދައިގެން ރިޔާސީ އިންތިހާބަށް ނުކުތުމުން އެއީ “ޖޯކެއް” ކަމަށްވެސް ބަޔަކު ދެކުނު ކަމަށެވެ.

ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ކުރިއަށް އޮތް ފަސް އަހަރަކީ ރައްޔިތުންނަށް އަބުރު ހަޔާތެއް ހޯދައިދޭނެ، ފަރުދީ ތަނަވަސްކަން އިތުރުކޮށްދޭނެ ފަސް އަހަރަށް ހަދައިދޭނެ ކަމަށް އިއްލި ވިދާޅުވި އެވެ.

“އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ އިރާދަކުރެއްވިއްޔާ އޮކްޓޯބަރު މަހު ފަހުކޮޅާއި ނޮވެމްބަރު މަހު ކުރީކޮޅު ތިބޭފުޅުންނަށް އަޅުގަނޑުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާނަން. އަޅުގަނޑު ތިބޭފުޅުންނަށް ޔަގީންކޮށް މި އަރުވަނީ ދައުވަތު ކާޑު ތިބޭފުޅުންނަށް ލިބިގެންދާނެ،” އިއްލި ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!