ރުއް ކުރިން އަންހެނުންގެ ’ކިރު‘ ގިނަ ކޮށްދޭ!
ދެންމެ | 07 ސެޕްޓެމްބަރ 2023

ރުކަކީ ދިވެހިންގެ ގައުމީ ގަހެވެ. އެއިން އެތަކެއް ބޭނުންތަކެއް ކުރެވޭ ރުކަކީ އޭގައި ސިއްޙަތަށް ފައިދާކުރާ އެތައް ކާނާއެއް އެކުލެވިގެންވާ އެއްޗެކެވެ. އެގޮތުން ފާހަގަކޮށްލެވޭ އެކައްޗަކީ ކުރުނބަލެވެ. މީގެ އިތުރުން ރުކުގރ ކުރިގަނޑުގެ ތެރޭގައިވާ ރުއްކުރި އަކީވެސް އެހާމެ ފައިދާ ގިނަ ކާނާއެކެވެ.

އެގޮތުން ރުއްކުރިއަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު ކާނާއެކެވެ. ރުކެއް ކަނޑާ ދުވަހަކީ އެ ރުކުގރ ކުރިކޮޅުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބޭނޭ ދުވަހެކެވެ. ރަހަ މީރުވެފައި ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ މި ކާނާއަކީ މާބަނޑު ދުވަސްވަރު ކާންވެސް ވަރަށް ރަނގަޅު ކާނާއެކެވެ. އެކި ކަހަލަ ވިޓަމިންސް އާއި މިނަރަލްސް ގެ އިތުރުން ރުއްކުރީގައި ”ފޯލިކް އެސިޑް“ ކިޔާ މާއްދާއެއް، ގިނައަދަދަކަށް ވެއެވެ. ފޯލިކް އެސިޑް ނުވަތަ ވިޓަމިން ބީ9 އަކީ މާބަނޑު ދުވަސްވަރު (ހާއްސަކޮށް ކުރީކޮޅު) ބޭނުން ކުރުމުން، ބަނޑުގައިވާ ތުއްތު ދަރިފުޅަށް ލިބިދާނޭ އައިބުތަކުން ދުރުކޮށްދޭ މާއްދާއެކެވެ. އެގޮތުގެ މަތިން ބަލިވެ އިނުމުގެ ކުރިންނާއި މާބަނޑު ދުވަސްވަރުގެ ކުރީކޮޅޫގައި ފޯލިކް އެސިޑް ބޭސް ބޭނުންކުރަން ޑަކްޓަރުން ލަފާދެއެވެ.ފޯލިކް އެސިޑް ގެ ސަބަބުން، މައިމީހާގެ ކިރު އުފައްދައިދޭ މިންވަރު އިތުރު ކޮށްދެއެވެ. މީގެ އިތުރުން ރުއްކުރީގައި ދަގަނޑުގެ ބައި އެކުލެވިފައި ވުމުން، މާބަނޑު ދުވަސްވަރު، ބައެއް އަންހެނުންނަށް ދިމާވާ ލޭ މަދުވުމުގެ މައްސަލަ ދިމާވުމުގެ ފުރުސަތުވެސް ކުޑަކޮށްދެއެވެ. އަދި، ރުއްކުރީގައި ފައިބަރުގެ ބައި އިތުރުވެފައި، ކާބޯހައިޑްރޭޓްގެ ބައި މަދު ވުމުގެ ސަބަބުން، މާބަނޑުވުމާ ގުޅިގެން ޖެހޭ ހަކުރު ބައްޔާއި ބަނޑު ހިކުމުގެ ފުރުސަތުވެސް، ބޮޑުތަނުން ކުޑަކޮށްދެއެވެ.އިސްވެ ދެންނެވުނު ފަދައިން ރުއްކުރީގައި ދަގަނޑުގެ މާއްދާ ގިނައިން ހުންނަ ކަމީ، ނިފާސް ކަމުގެ ދުވަސްވަރުގައްޔާއި އަދި ޙައިޟުގެ ދުވަސްވަރު، މި ކާނާ ބޭނުންކުރުން މުހިއްމު ކަމެކެވެ. އެހެނީ އެދުވަސްވަރު އަންހެނާގެ ހަށިގަނޑުން ލޭ ބޭރުވުމާއި އެކު ލޭގެ ތެރޭގައި ހުންނަ ދަގަނޑުގެ ބައި މަދުވުމުގެ ފުރުސްތު އޮވެދާނެތީ، އެކަމުން ރައްކާތެރިކޮށްދިނުމުގެ ބޭނުމުގައެވެ.

ރުއްކުރިއަކީ ރުކެއް ކަނޑާލައިފިނަމަ ކޮންމެހެންވެސް ކެއުން މުހިއްމު ކާނާއެކެވެ. އެހެންކަމުން ކަނޑާލާ ރުއް، ކުރިނުކޮށް އެއްލާ ނުލާށެވެ. ރުއްކުރިކޮށް، ކުރިގަނޑު ސާފު ކުރުމަކީ ކަމެއްގެ ގޮތުން މަޖާވެސް ކަމެކެވެ. އަދި ޅަ އެތެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބޭއިރު، މުލުކުރިގަނޑުގެ އިންތިޒާރުގައި އަނެއްބަޔަކު ތިބެނީ އެއީ އެއްމެ ފޮނިރަހަ ގަދަ ބައި ކަމުގައި ވާތީއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!