ކާމިޔާބު އެދޭނަމަ ނަމާދު ގާއިމް ކުރޭ!
ދެންމެ | 08 ސެޕްޓެމްބަރ 2023

ﷲ ތަޢާލާއީ ހުރިހާ ކަމަކުން ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ. އެއްވެސް މީހެއްގެ ކިބައަކުންވެސް އަދި އެއްވެސް އެހެން ފަރާތަކުންވެސް ﷲ ތަޢާލާ އެއްވެސްކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ.

ކޮންމެ ނަމާދެއްގެ ބަންގީގައި ކާމިޔާބާއި ނަޞީބު ލިބެން އެދޭމީހާ ނަމާދަށް އައުމަށް ގޮވައިލެވެއެވެ. ފަތިސްނަމާދުގެ ބަންގީގައި ނިދާފައި އޮތުމަށްވުރެ ހޭލައި ނަމާދުކުރުމުގެ ފައިދާ މާބޮޑުކަމަށް ގޮވައިލެވެއެވެ.

އެއީ މީހަކު ނަމާދުކުރުމުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާ އެއްވެސް ކަމެއް އޮވެގެނެއް ނޫނެވެ. އަދި މީހަކު ނުވަތަ ދުނިޔޭގެ އެންމެން ނަމާދުނުކުރި ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތަށް ޛައްރެއްގެ މިންވަރުވެސް އުނިވާނެތީއެއްވެސް ނޫނެވެ.

އެގޮތަށް ގޮވައިލެވެނީ މީސްތަކުން ދެކެ ﷲ ތަޢާލާ ލޯބިފުޅުވެ ވޮޑިގަންނަވާ މިންވަރު ބޮޑުކަމުންނެވެ. މީސްތަކުންނަށް ރަހްމަތް ލެއްވެވުމަށެވެ. މީސްތަކުން ޢަމަލުކުރުމުން ޢަމަލުކުރާ މީހުން ސުވަރުގެ ވެއްދެވުމަށެވެ.

﴿2﴾ اللَّهُ الصَّمَدُ

 ﷲއީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.

(އަލް އިޚްލާޞް: 2)

ކާމިޔާބާއި ނަޞީބު ލިބުން އޮތީ ﷲ ތަޢާލާ މިންވަރު ކުރެއްވެވުމުންނެވެ. ވީމާ އެކަންކަމަށް އެދޭމީހާ ފުރަތަމަކަމަކަށްވެސް ފަރުޟު 5 ނަމާދަށް ރައްކައުތެރިވާށެވެ! ޚާއްޞަކޮށް ކަންނެތްވެ ނިދަން ނޯވެ ފަތިސްނަމާދުކުރާ މީހަކަށްވާށެވެ! ފަތިސްނަމާދުގެ ބަންގީގައި އެކަމަށް ތަކުރާރުކޮށް ގޮވައިލެވެނީ ސަބަބެއް ނެތި ކަމަށް ހީނުކުރާށެވެ!

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!