އެމްޑީޕީން ރައްޔިތުން ޒާތީ މައުލޫމާތު ވަގަށް ނެނގި މައްސަލަ ތަހްގީގް ކުރަން އިންތި ގޮވާލައިފި
ދެންމެ | 08 ސެޕްޓެމްބަރ 2023

ވެރިކަން ކުރާ އެމްޑީޕީން, ރައީސް އިބްރާހީމްގެ ކެމްޕެއިނުގައި ބޭނުން ކުރުމަށް ދިވެހި ރައްޔިތުންގެ މައުލޫމާތު ވަގަށް ނަގައިގެން ސޮފްޓްވެއަރއެއް ހަދައިގެންގެ އުޅޭ މައްސަލަ ބަލައި ތަހުގީގު ކުރުމަށް ދަ ޑިމޮކްރެޓްސް އިން ގޮވާލައިފިއެވެ.

އެ ޕާޓީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ ވަނަވަރާއި، ޒާތީ މަޢުލޫމާތާއި، ޑޭޓާ ވަގަށް ނަގައިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެވަނަ ދައުރެއް ހޯއްދަވާން ވެރިކަންކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހިންގަމުންދާ ކެމްޕޭނަށް ”ވޯޓު ވިޔުގަ“އިގެ ނަމުގައި ސޮފްޓްވެޔާރއެއް ތައްޔާރުކޮށްފައިވުން ކުށްވެރިކުރާކަމަށެވެ.

މިގޮތުން އެ ސޮފްޓްވެއަރގައި ހުރި މައުލޫމާތު ތަކުގެ ތެރޭގައި އަނބިފިރި ދަރިންނާއި، މައިންބަފައިންނާއި، އެއްބަނޑު، އެއްބަފާ މީހުންވެސް އެނގެއެވެ. އެ މައުލޫމާތު ތަކަކީ ޑީއެންއާރުގެ ޑޭޓާބޭސް އިން މެނުވީ ހޯދެން އޮންނާނެ މައުލޫމާތެއް ނޫންކަން ޑިމޮކްރެޓްސްގެެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

”ދައުލަތުގެ މުވައްސަސާތަކުގައި ހުންނަ ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތާއި، ޑޭޓާގެ އެންމެހައި ކަމެއް ބަލަހައްޓަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއާއި، ޗީފް ޓެކްނޮލޮޖީ އޮފިސަރއާއި، ނޭޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީގެ ބެލުމުގެ ދަށުންކަމުގައި ވީހިނދު، ވެރިކަން ކުރާ ޕާޓީއަށް މިމަޢުލޫމާތު ލީކުކޮށްފައިވާނީ މިތިން ފަރާތުންކުރެ ފަރާތެއްގެ ބައިވެރިވުމާއި، އިހުމާލުން“ ޑިމޮކްރެޓްސްގެ ބަޔަނުގައި ބުނެފައިވެއެވެ.

އަދި މިގޮތަށް ރައްޔިތުންގެ މައުލޫމާތު ވަގަށް ނެގުމަކީ ޤާނޫނުލް އުޤޫބާތުގެ 232 ވަނަ މާޢްދާގައި ބަޔާންކޮށްފައިވާ ގޮތުން ކުށެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޑިމޮކްރެޓްސްއިން ވަނީ ދައުލަތުގެ މުވައްސަސާތަކުގައި ހުރި ދިވެހި ރައްޔިތުންގެ ޒާތީ މަޢުލޫމާތާއި، ޑޭޓާ ވެރިކަންކުރާ އެމްޑީޕީއަށް ލީކުކޮށް، އެވަގަށް ނެގި މަޢުލޫމާތު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ”ވޯޓު ވިއުގަ“އިގެ މައްސަލަ ބަލާ، ތަޙްޤީޤުކޮށް، ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، އެމްޑީޕީއަށް ލީކުކޮށްފައިވާ މިވާ މަޢުލޫމާތުގެ މައްޗަށް އެޕާޓީއަށް އޮތް އެކްސެސް ވަކިކޮށް، ދިވެހި ރައްޔިތުންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށް އެދިފައެވެ.

އެމްޑީޕީން ރައްޔިތުންގެ މައުލޫމާތު ވަގަށް ނަގައިގެން ކެމްޕެއިންގައި ބޭނުން ކުރަމުންދާ މައްސަލާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!