ކުރީ ސަރުކާރުން ބަދަލު ދިނުމާމެދު ގޮތެއް ނިންމުމަށް އެކުލަވައިލި ސެޓްލްމެންޓު ކޮމިޓީން 10 ފަރާތަކަށް 1 ބިލިއަން ރުފިޔާގެ ބަދަލު ދިނުމަށް ނިންމާފައިވާ މައްސަލަތަކެއް މުރާޖައާކުރުމަށްޓަކައި ބަދަލުގެ ގޮތުގައި ދިން މިންވަރަކީ އެކަށީގެންވާ މިންވަރެއްތޯ ބެލުމަށް އޮޑިޓާ ޖެނެރަލް އޮފީހަށް މި ސަރުކާރުން ފޮނުވާފައިވާކަން ބަންޑާރަނައިބު އަޙްމަދު އުޝާމު ހާމަކުރައްވައިފިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބަންޑާރަނައިބުގެ އޮފީހާއި ދިފާއީ ވުޒާރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުޝާމު ވިދާޅުވީ، އަމިއްލަ ފަރާތްތަކާ ސަރުކާރާ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅިިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމުގައި ބުނެ ކުރީ ސަރުކާރުން އުފެއްދި ސެޓްލްމެންޓު ކޮމިޓީން ނިންމާފައިވާ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ސެޓްލްމެންޓު ކޮމިޓީން އެކި ފަރާތްތަކަށް ދީފައިވާ ބަދަލު އަގުކުރުމުން ހަރުމުދަލާއި ފައިސާގެ ގޮތުގައި އެކި ފަރާތްތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއް ދީފައިވާކަން ފާހަގަކުރެއްވޭ ކަމަށް އުޝާމު ވިދާޅުވިއެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާއާއި ރަށްރަށް ދީފައިވެއެވެ.
”ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިހުރި ސެޓްލްމެންޓު އަގުކުރާނަމަ 1 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހަރުމުދަލާއި ފައިސާގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެވޭ،“ އުޝާމު ވިދާޅުވިއެވެ.
އުޝާމު ވިދާޅުވި ގޮތުގައި ސެޓްލްމެންޓު ކޮމިޓީގެ ނިންމުންތައް މުރާޖައާކުރުމުގެ ތެރެއިން ފާހަގަކުރެއްވުނު އެއްކަމަކީ ބަދަލުދިނުމަށް ނިންމާފައި ހުރި ބައެއް މައްސަލަތަަކަކީ ޝަރޫޢީ ކޯޓުތަކަށް ހުށަހެޅިގެން ހިނގަމުން އައި މައްސަލަތައް ކަމެވެ. އަދި އެއިން ބައެއް މައްސަލަތަކަކީ އެ މައްސަލަތައް ކޯޓަށް ހުށަހެޅި ފަރާތްތަކަށް ކޯޓުގައި ކާމިޔާބުނުކުރެވޭނެ މައްސަލަތައްކަންވެސް ފާހަގަކުރެއްވިފައިވާކމަަށް އޭނާ ވިދާޅުވިއެވެ.
”ޝަރީޢަތުގައި ދައުލަތާ ދެކޮޅަށް ދައުވާކޮށްފައިވާ ފަރާތްތަކަށް ސާފުކޮށް ވިންނުވާނެ ކަހަލަ ބައެއް މައްސަލަތަކުގައި ބަދަލުދިނުމަށް ނިންމާފައިވޭ،“ އުޝާމް ވިދާޅުވިއެވެ. އޭގެ އިތުރަށް ބަދަލެއް ދޭންޖެހިއްޖެނަމަ ވަކިވަރަކަށްވުރެ ބޮޑު ބަދަލެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހުން އަންގާފައިވަނިކޮށް އެއަށްވުރެ ބޮޑެތި ބަދަލުތަކެއް ދީފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
އިތުރަށް ބަންޑާރަނައިބު ވިދާޅުވީ ބަދަލުދިނުމަށް ސެޓްލްމެންޓު ކޮމިޓީން ނިންމާފައިވާ އެއްވެސް މުއާމަލަތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޓުއަރިޒަމް މިނިސްޓްރީއަށާއި ފިނޭންސް މިނިސްޓްރީއަށް މިހާރު އަންގަވާފައިވާ ކަމަށެވެ. އެފަދައިން ޓުއަރިޒަމް މިނިސްޓްރީއަށް އެންގީ ބަދަލުގެ ގޮތުގައި ގިނައިން ދީފައި ހުރީ ރިސޯޓު ހިންގަން ރަށްތައްކަމަށްވާތީ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.
އޭގެ އިތުރަށް ސެޓްލްމެންޓު ކޮމިޓީން ނިންމާފައިވާ 10 މައްސަލާގައި ދިނުމަށް ކަނޑައަޅާފައިވާ މިންވަރަކީ އިންސާފުވެރި ނިންމުމެއްތޯ ބެލުމަށް އެ އަދަދުތަކުގެ އެސެސްމެންޓެއް ހެދުމަށް މިހާރު އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބަންޑާރަނައިބުގެ އޮފީހުން ފޮނުވާފައިވާކަން އުޝާމު ފާހަގަކުރެއްވިއެވެ.