އިންތިހާބުން ވެސް އެމްޑީޕީ ބަގުރޫޓު!
ދެންމެ | 21 އޭޕްރިލް 2024

އެމްޑީޕީގެ ކުރިމަގަށް ދެންވާނީ ކިހިނެތް!?

މިއަދު ރާއްޖެގައި ބޭއްވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތީޚާބުގައި އިދިކޮޅު އެމްޑީޕީއާއި އެޕާޓީގެ އަނެއް ބައިވެރިޔާ ޑިމޮކްރެޓްސްއަށް ގުޑުންއަރައި އެދެޕާޓީގެ މޭގަނޑު އުފުރިގެން ހިގައްޖެއެވެ.

 

އެންމެ ބޮޑު ނާކާމިޔާބަކީ އެމްޑީޕީގެ މޫނުމަތިކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނެވި އަސްލަމަށް އެދާއިރާގެ ރައްޔިތުން ނޫނެކޭ ބުނުމެވެ.

 

އަސްލަމް ވަރުގަދައަށް ހިފަހައްޓައިގެން ގިނަ ދުވަސްތަކެއް ހޭދަކުރި ގޮނޑި ގެއްލި އެގޮނޑިއަށް އެދާއިރާގެ ރައްޔިތުން އިންތިޚާބު ކުރީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓެވެ.

 

ރައްޔިތުންގެ މަޖިލީހުގައި އެބޭބޭފުޅުންގެ އަޑު ގުގުމަމުންދިޔަ އީވާ އާއި އަލީ އާޒިމާއި އިމްތިޔާޒު ފަހުމީއާއި އަދުން ހުސައިނާއި ފަލާހަށްވެސް ލިބުނީ ބޮޑު ނާކާމިޔާބެކެވެ. އަދި ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމަށްވެސް ލިބުނީ ނާކާމިޔާބެވެ.

 

ފާހަގަކުރެވޭ އަނެއް ނާކާމިޔާބަކީ ރައީސް ސާލިހްގެ ރަށް ހިންނަވަރު ދާއިރާގެ ގޮނޑިވެސް އެޕާޓީއަށް ގެއްލުމެވެ.

 

ދެން އެމްޑީޕީން މާލޭގެ ރައްޔިތުންނަށް ގޯތިތައް ބަހާލުމަށްފަހު އޭގެ ކްރެޑިޓް ލިބިވަޑައިގެން އާ މޫނަކަށް މަޖިލީހަށް ކުރިމަތިލެއްވި އަކްރަމް ކަމާލުއްދީނަށްވެސް ލިބުނީ ނާކާމިޔާބެވެ. އާދެ މާލެއިން އެމްޑީޕީގެ ބާރު ކެނޑިއްޖެއެވެ.

 

އެހެން މަންޒަރުތަކަށްބަލާއިރު ކާށިދޫދާއިރާއިން ޖާބިރާއި ކުރީގެ ހޯމް މިނިސްޓަރ އިމްރާން ވެސް ލިބިވަޑައިގަތީ ނާކާމިޔާބެވެ.

 

މިނަތީޖާއިން އެމްޑީޕީއާއި އެޕާޓީގެ މުސްތަގުބަލާއިމެދު ގިނަގުނަ ސުވާލުތަކެއް އުފެދިގެންދާނެއެވެ.

 

ޔަގީނުންވެސް އެޕާޓީ އަލުން ކޮޅަށް ޖެހުމަށް ގިނަ ގުނަ ގުރުބާނީތަކެއް ވާންޖެހޭނެ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އެޕާޓީ އަލުން ކޮޅަށް ޖެހުމުގައި މުހައްމަދު ނަޝީދު ނުކުމެވަޑައިގެން އުފެދިގެންދާނެ ވާދަވެރިކަމީ އަދި ކުރިއަށް ފެންނާން އޮތް މަންޒަރަކަށްވާނެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!