ދިވެހިން މަސައްކަތަށް ނެރެ، ބިދޭސީން މަދު ކުރާނަން: މިނިސްޓަރ އިހްސާން
ދެންމެ | 30 އޭޕްރިލް 2024
ދިވެހި ރައްޔިތަކު ވަޒީފާއަށް ނެގޭނެ އެއްވެސް ތަނެއްގައި ބިދޭސީއަކު ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި، ޚާއްޞަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ހިދުމަތްތަކުގެ ތެރޭގައި ބިދޭސީއަކު ހުރުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކި ވަޒީރުންނާއި ސުވާލުކުރުމަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ”އަހާ“ ފޯރަމުގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު އަދިވެސް ކަށަވަރު ނުކުރެވޭ ކަމަށާއި އެހެންކަމުން އެކަން ހައްލު ކުރުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގައި ވޯކް ޕާމިޓްތަކާ ދިމާކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން 2 މެއިގައި ކ. ހިންމަފުށީގައި މި މަސައްކަތް ފަށާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި އެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

”ދިވެހި ރައްޔިތަކު ވަޒީފާއަށް ނެގޭނެ އެއްވެސް ތަނެއްގައި ބިދޭސީއަކު ގެންގުޅުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން، ޚާއްޞަކޮށް ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ހިދުމަތްތަކުގެ ތެރޭގައި ބިދޭސީއަކު ހުރުމަކީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން“ ހޯމްލޭންޑް މިނިސްޓަރ ވިދާޅުވިއެވެ.

ބިދޭސީން ގެންނަ ފަރާތުން އެހެން މީހެއްގެ ބެލުމުގެ ދަށަށް ބިދޭސީ މީހާ ބަދަލުކުރާނަމަ މަރުހަލާތައް އުނދަގޫވުމުގެ ސަބަބުން ގަވާއިދާ ޚިލާފަށް އެކަން ކުރާ ކަމަށާއި، ނަމަވެސް ހުރިހާ ބިދޭސީންގެ މައުލޫމާތު ނެގުމަށްފަހު އެގޮތަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ޤާނޫނީ އިމުގެ ތެރެއިން ފަސޭހަތައް ލިބިގެންދާނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭކަމަށް ފާހަގަކުރެވޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ފުރުޞަތު ދޭނެ ކަމަށާއި އެ ފުރުޞަތުގެ ބޭނުން ނުހިފާނަމަ ޑީޕޯޓް ކުރުމަށް ނިންމަވާފައިވާ ކަމަށާއި، އަދި އެއްވެސް ގޮތަކަށް ކާކުކަން އެނގޭފަދަ ލިޔެކިޔުމެއް ނެތް ފަރާތްތައް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެކި އެމްބަސީތަކާ ގުޅިގެން ދެނެގަނެ، ޓްރެވަލް ޑޮކިއުމަންޓެއް ހަދައި ވަގުތުން ޑީޕޯޓް ކުރެވޭނެ ކަމަށެވެ.

އަދި، ރާއްޖެއެތެރެވާ ބިދޭސީންގެ މަޢުލޫމާތު ބެލެހެއްޓުމުގެ ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްކުރައްވަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އިޙްސާން އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފައްޓަވަން ނިންމާފައިވާ ތަރައްޤީގެ ގިނަ މަޝްރޫއުތަކާއެކު ކުރިއަށް އޮތްތަނުގައި އަންސްކިލްޑް ލޭބަރުން ނުވަތަ ތަމްރީނު ލިބިފައިނުވާ ލޭބަރުންގެ ޑިމާންޑް އިތުރުވާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!