އުމުރުން 75 އަހަރަށް ސަރުކާރަށް ހިދުމަތް ކުރެވޭ ގޮތް ހަދާނަން: ރައީސް
ދެންމެ | 01 މެއި 2024

އުމުރުން 75 އަހަރުވުމާއި ހަމަޔަށް ސަރުކާރަށް ހިދުމަތް ކުރެވޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. އެ ހިތާބުގައި ރައީސް ވިދާޅުވީ، ސިވިލް ސާވިސް އަދި ސިއްހީ ހިދުމަތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުމަށްފަހު، މަސައްކަތާ ދުރަށް ދާން ޖެހިފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރުމުގެ ފުރުސަތު ފަހިކޮށްދެއްވަމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، 65 އަހަރުވުމުން ރިޓަޔާ ނުވަތަ މަސައްކަތުން މުސްކުޅި ކުރާ އުސޫލަށް ބަދަލުގެނެސް، 75 އަހަރުވަންދެން ހިދުމަތް ކުރެވޭނެ ގޮތް ހަމަޖެއްސައިދެއްވާނެ ކަމަށެވެ.

”ސިވިލް ސާވިސް އަދި ސިއްހީ ހިދުމަ ތްފަދަ މުހިންމު މައިދާންތަކުގައި އަވަދިނެތިވެ އުޅުއްވުމަށްފަހު، މަސައްކަތާ ފެޔަށްޖެހިވަޑައިގެންފައިވާ އެތައް ހިދުމަތްތެރިއަކަށް އަލުން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު މިދަނީ ފަހިކޮށްދެމުން. އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ގޭގައި ބަހައްޓާ އުސޫލަށް ބަދަލުގެނެސް، އުމުރުން 75 އަހަރުވުމާ ހަމަޔަށް ސަރުކާރުގައި ހިދުމަތްކުރެވޭނޭ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން.“ ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުން ހަވާސާވިޔަނުދީ، އެކަށޭނެ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު މިހާރު ހޯދައިދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެމުން ދަނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ މިންވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން އޮތް ބޮޑު ދަރަނި އަދާކުރަމުން ދިޔުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސްވެރީންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއްދީ، ގައުމުގެ އިގްތިސޯދީ ލޭނާރު ހިމާޔަތް ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

”ސަރުކާރާއި ހަވާލުވިއިރު އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، މަސައްކަތްތެރި އެތައް ކުންފުންޏަކަށާއި ފަރުދުންނަށް، ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން. ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9000 މިލިއަނަށްވުރެ ގިނަ މަސައްކަތު ބިލުތަކުގެ ދަރަންޏާއި، އެކި ވުޒާރާތަކާ އޮފީސްތަކުން ދައްކަން ޖެހޭވެސް މިފަދަ އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރި. އެކަމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތްތެރި އަމިއްލަ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ހަރަދުތައް ނުކުރެވި، ގައުމުގެ އިގްތިސޯދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައި.“ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ މަސައްކަތްތެރިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މަސައްކަތްތެރީންގެ ރެޔާއި ދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!