ސިޙްރު ހެދުމުގެ ނުބައިކަން މީހަކު މެރުމަށްވުރެ ބޮޑު!
ދެންމެ | 03 މެއި 2024

ބައެއް މީހުން ބުނާގޮތުގައި އޭނާ ސިޙްރުވެރިޔާގެ ގާތަށް ދަނީ ހެޔޮ ނިޔަތުގައެވެ. މި ފަދަ މީހުންނަށް ޢިލްމުވެރިން ދެއްވާ ޖަވާބަކީ ކޮބައި ހެއްޔެވެ؟ ރަނގަޅު ނިޔަތުގައި ތިބާއަށް މީހަކު މެރިދާނެ ހެއްޔެވެ؟ ހެޔޮ ނިޔަތުގައި ތިބާއަށް ރާ ބޮވިދާނެހެއްޔެވެ؟ ހެޔޮ ނިޔަތުގައި ޒިނޭ ކުރެވިދާނެ ހެއްޔެވެ؟ ހެޔޮ ނިޔަތުގައި ތިބާއަށް ޔަތީމުންގެ މުދާ ކެވިދާނެ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ރަސޫލާ صلى الله عليه وسلم ހަދީޘަށް ވިސްނާށެވެ. ”ތިޔަބައިމީހުން ހަލާކު ކުރަނިވި ބޮޑު ހަތްކަމަކުން ދުރުހެލި ވާށެވެ! އެބޭކަލުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ! އެއީ ކޮންކަންތައްތަކެއް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ ﷲ އަށް ޝަރީކުކުރުމާއި، ސިޙްރުހެދުމާއި، މާތް ﷲ ޙުރްމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލައި މެރުމާއި، ރިބާ ކެއުމާއި، ޔަތީމުންގެ މުދާ ކެއުމާއި، ޖިހާދުގެ މައިދާނުގައި ހަނގުރާމައިގެ ވަގުތުގައި ފުރަގަސްދީ ފިލުމާއި، ޢިއްފަތްތެރި ޞާލިޙު އަބުރުވެރި މުއުމިނު އަންހެނުންނަށް ޤަޘްފުކުރުމެވެ.“ މި ބަސްފުޅަށް ވިސްނާލާއިރު ސިޙްރުގެ ނުބައިކަން، މީހުން މެރުމަށްވުރެ ބޮޑުކަން އެނގެއެވެ. ސިޙްރުގެ ސަބަބުން މުޖްތަމަޢު ރޫޅި އެކުވެރިން، ހަތުރުވެރިވެ، ނާމާންކަން ފެތުރޭތީއެވެ. އެމީހުންގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާނެތީއެވެ. އެމީހުންގެ ސަބަބުން ޢާއިލާތައް ރޫޅޭތީއެވެ. އެމީހުންގެ ސަބަބުން ދުޅަހެޔޮ އެތައް ބަޔަކު ބަލިމީހުންނަށް ވާތީއެވެ. އެމީހުންގެ ސަބަބުން އެތައް ބާއްޖަވެރިންނެއް އަބާއްޖަވެރިވެގެން ހިނގައިދާނެތީއެވެ.

ސިޙްރުވެރިންނަކީ އަދި ސިޙްރުވެރިންގެ ގާތަށް ގޮސް އެމީހުންގެ ބަސް ޤަބޫލުކުރާ މީހުންނަކީ އީމާންކަމުގެ ދާއިރާ އިން ބޭރުވެފައިވާ ބައެކެވެ. ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ. ”މީހުން ސުންޕާ ކުރުވާ މީހާ އާއި، މީހަކު ސުންޕާކަށް ދިނުމަށް އެދޭ މީހާއަކީ އަދި ފާލުބަލާ މީހުންނާއި، ފާލުބަލައިދިނުމަށް އެދޭ މީހާއަކީ، އަދި ސިޙުރުހަދާ މީހުންނާއި، ސިޙްރުހަދައި ދިނުމަށް އެދޭ މީހާއަކީ ތިމަންކަލޭގެފާނުގެ ޖަމާޢަތުގައި ހިމެނޭ ބައެއް ނޫނެވެ.“ ރަސޫލާ މި ބަސްފުޅާމެދު ވިސްނާށެވެ! ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހެއް ނޫންނެވެ. އެހެންކަމުން އެއީ މުސްލިމުންގެ ތެރެއިން ހިމެނޭ މީހެއް ނޫނެވެ. އެހެނީ އެއީ ﷲ ގެ ޙަޟްރަތުން ވާގި ހޯދުމުގެ ބަދަލުގައި އެހެން ފަރާތްތަކުން ވާގި ހޯދާ މީހެކެވެ.“

ސިޙުރަކީ، ޤަދީމީ ޒަމާންތަކުގެ މީހުންގެ ތެރޭގައްޔާއި، ޓެކްނޮލޮޖީ އާއި، ތަރައްޤީގެ މި ޒަމާނުގައި ވެސް މީސްތަކުންގެ ގައިގައި ވަކި ހިއްޕާލާފައިވާ ބިރުވެރި ބަލިމަޑުކަމެކެވެ. ސިޙްރުވެރިޔާ އަކީ އިންސީންގެ ޝައިޠާނުންގެ ތެރޭގައި ހިމެނޭ ޝައިޠާނެކެވެ. އޭނާ އަކީ މީސްތަކުން ދެކެ ލޯބިވާ މީހެއް ނޫނެވެ. އޭނާގެ ހިތުގައި މީސްތަކުންނަށް އޯގާވެރިކަމެއް ކުލުނުވެރިކަމެއް ނޯންނާނެއެވެ. އޭނާގެ އޮޅުވާލައިގެން ޢަޤީދާ ބަލިކަށި މީހުންގެ ސިކުނޑިތަކާ ކުޅެގެންނެވެ. މީހަކަށް ސިހުރުވެރިއަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށް ފަހު، އޭނާގެ އެކުވެރި ޝައިޠާނީ ޖިންނީންނާ ދޯޅުވުމަށްޓަކައި މާތް ﷲ ހުއްދަ ނުކުރައްވާ ޢަމަލުތައް ކޮށްގެންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!