ދެމަފިރިން ލޯބި ކުރުމާއި ޖިމާއުވުން!
ދެންމެ | 07 ޖޫން 2024

މަދީނާގައި ކިޔަވަން އުޅުނު ދުވަސްވަރު އެތަނަށް ދާ ދިވެހި ޙައްޖާޖީންގެ ކިބައިން ހިންގާ ކަމެއްގެ ވާހަކައެވެ. ކަމުގެ ޙަޤީޤަތް ސާފުކޮށްލުމުން އަންތަރީސް ވާވަރުގެ ކަމެކެވެ. ދިވެހިންގެ ބައެއް މީހުން ޙައްޖުގެ އަޅުކަމަށް ދިއުމާ ހިސާބުން އެމީހުން އެމީހުންގެ އަނބިން ނުވަތަ ފިރިންނާ ރޭކުރުން މުޅި އުމުރަށްވެސް ހުއްޓާލަނީއެވެ. އަދި އަނބުރާ ރަށަށް ގޮސް، ނިދާތަންމަތި ނުވަތަ އެނދު ވެސް ވަކިކުރަނީއެވެ.

އޭގެ ފަހުން ދެމަފިރިން އެއްވެސް ޙާލެއްގައި ރޭ ކުރުމަކީ ވަރަށް ނުބައިކަމެއް ގޮތުގައި މިމީހުންގެ ދެކެއެވެ. އެއީ އެއްވެސް ގޮތަކުން ކޮށްގެންނުވާ ވަރުގެ ހަޑިމުޑުދާރު ކަމެއް ކަމުގައި އެމީހުން ޤަބޫލުކުރެއެވެ. سبحان الله އެވެ. ކޮންފަދަ ކުރައްކާތެރި އަދި ސުންޕާކަން ބޮޑު ކަމެއްތޯއެވެ. މިކަން އާއްމުކޮށް ހިނގަނީ މުސްކުޅިންގެ މެދުގައި ކަމަށް ވިޔަސް، ދެބައި އުމުރު ނުވަތަ އެއަށްވުރެވެސް ޅަ އުމުރު މީހުންގެ މެދުގައި މިކަން ކޮންމެވެސް ސިފައެއްގައި ހިނގާ ކަމުގައިވެއެވެ. 

އަދި އޭގެ އިތުރުން ބައެއް މީހުން އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާގެ އައުރައަށް ބެލުމާއި އަތްލުމަކީ ޙަރާމް ކަމެއް ކަމަށް ނުވަތަ ނުބައިވެގެންވާ ކަމެއް ކަމުގައި ޤަބޫލުކުރެއެވެ. އަދި އެއްދާން ކުރާއިރު އަންނައުނާއި ފޭރާމާ އެކީގައި ޖިމާޢުވުމަކީވެސް ބައެއް ދިވެހިންގެ ތެރޭގައި ، ޚާޞަކޮށް އިހުގެ މުސްކުޅިންގެ ވަރަށް އާއްމު އާދައެކެވެ. 

އެފަދައިން ކަންކަން އެހިނގަނީ ދީނީ ގޮތުން ކަން އޮންނަ ގޮތުގެ ޙަޤީޤަތް އެއްވެސް ވަރަކަށް އޮޅުން ފިލާފައި ނުވާތީއެވެ. އަދި ދެމަފިރިންގެ ދެމެދުގައި ހިންގޭ ގުޅުމަކީ ކިހާ މާތް އަދި އަޖުރާއި ޘަވާބު ލިބޭ ކަމެއްކަން އެއްވެސް ވަރަަށް ބުނެދެވިފައި ނުވާތީއެވެ. އެމީހުން އިޢުތިޤާދު ކުރާގޮތުގައި އެއީ ވަރަށްވެސް ނަޖިސް ނުވަތަ ދަށުދަރަޖައިގެ ކަމެކެވެ. އެހެނަސް، އެކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙަލާލު، ހުއްދަ، އަދި ރިވެތިވެގެންވާ، އަދި ދަރުމަ ހުރި ކަމެކެވެ. 

މިމަޢުޟޫގައި އަދި އިތުރަށް ކުރިއަށް ޖެހިލުމަކީ މުހިއްމު ކަމެއް ކަމުގައި ވިސްނޭތީ އިތުރު ދެތިން ފިޔަވަޅު އަޅާލަން ގަސްދުކުރަމެވެ. އޭގެ އެއް ބޭނުމަކީ، ދެމަފިރިންގެ ޢައުރައަށް ބެލުން ފަދަ ކަންކަމަކީ ހިތުގައި ކަޅު ލައް ޖެހި ހިތް ގައު ވާކަމެއް ކަމުގައާއި އެއީ ދެ ލޮލުގެ ފެނުންވެސް ބަލިވެ ގެއްލި ލޯ މުޅިން އަނދިރިވާ ކަމެއް ކަމުގައި ޤަބޫލުކުރުން ފަދަ ބައެއް ކަހަލަ ކުށްހީތައް މުޖުތަމަޢުއިން ފިލުވައިލަ ދިނުމެވެ. 

ދެންފަހެ ދަންނައެވެ. އިމާމު މާލިކު رحمه الله ގެ ކިބައިން ރިވާވެފައިވާ ބައެއް ރިވާޔަތް ތަކުގައި ވާގޮތުން: 

”ޖިމާޢުވާ ވަގުތުގައި ޢައުރައަށް ބެލުމަކީ (އެއްވެސް) މައްސަލައެއް އޮތް ކަމެއް ނޫނެވެ“. 

ތެދެކެވެ. މިއާ ޚިލާފަށް ބައެއް ޢިލްމުވެރިން ދެކިލެއްވި ގޮތުގައި ދެމަފިރިން އެކަކު އަނެކެއްގެ ޢައުރައަށް ނުބެލުން ހުއްޓެވެ. ނަމަވެސް އެއީ އެއްވެސް ގޮތަކުން ޞައްޙަ ދަލީލެއްގެ މައްޗަށް ބިނާވެފައިވާ އިޖުތިހާދެއް ނޫނެވެ. އޭގެ ސަބަބުތައް ބައިވަރު ހުއްޓެއް ކަމަކު ތިރީގައި އެއިން ދެތިން ކަމެއް ބަޔާންކޮށްލަމެވެ. 

އައްޝައިޚް ޢަލްބާނީ رحمه الله އެކަލޭގެފާނުގެ السلسة الضعيفة (1/197) ގައި ވިދާޅުވެފައިވާ ގޮތުގައި ޖިމާޢުވާ ގަޑީގައި ޢައުރައަށް ބެލުން ނަހީ ކުރައްވާފައިވާ ޙަދީޘްގައި ހުރި ޢިލްމީ މައްސަލަތައް ބަޔާންކުރައްވާފައި ވިދާޅުވެފައިވަނި އެޙަދީޘްއަކީ ބާޠިލު ޙަދީޘްއެއް ކަމުގައެވެ. އަދި އޭގެ އިތުރުން ބުއްދީގެ ގޮތުންވެސް އިތުރަށް ދަލީލު ދައްކަވަމުން އެކަލޭގެފާނު ވިދާޅުވެފައިވަނީ ؛ އެއްޗަކަށް ބެލުން ﷲ ތަޢާލާ ޙަރާމް ކުރައްވަނީ އެކަމަކަށް ވާޞިލުވުން ހުއްޓުވުމުގެ ގޮތުންނެވެ. ޙަރާމް ކަމަށް މަގުފަހިވެ އެޙަރާމް ކަމެއް ކުރެވިދާނެ ކަމައްޓަކައި އޮންނަ މަގު ބަންދު ކުރެއްވުމުގެ ގޮތުންނެވެ. ﷲ ތަޢާލާ ވަނީ ޖިމާޢުވުން ހުއްދަ ކުރައްވާފައި. ވީމަ، އެކަމަށް ބެލުން ނަހީކުރެއްވުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. 

އަދި ހަމައެފަދައިން ، އަލްއިމާމު އިބުނު މާޖަހް رحمه الله ގެ އެކަލޭގެފާނުގެ ”އައްސުނަނު“  ގައި ރިވާކުރައްވާފައިވާ ޢާއިޝާ رضي الله عنها ގެ ރިވާޔަތަކީ ޢާއިޝާ رضي الله عنها ގެ އަރިހުން އެރިވާކުރީ ކާކުކަން (މަޖުހޫލު ވެ) ނޭނގުމުގެ ސަބަބުން ޟަޢީފު ރިވާޔަތެއް ކަމުގައި އިބުނު ރަޖަބް رحمه الله ، فتح الباري” (1/336) ގައި ، އަދި އަލްބޫޞީރީ رحمه الله ، “مصباح الزجاجة (2/95) ގައި ވިދާޅުވެފައިވެއެވެ.  

އަދި އިބުނު އަލްޖައުޒީ رحمه الله ވެސް އެޙަދީޘްއާ މެދުގައި ވިދާޅުވެފައިވެއެވެ:

(އެއީ) ހަދާފައި (ވާ ޙަދީޘެކެވެ)”. “الموضوعات “لابن الجوزي (2/271-272).

މީގެ އިތުރުން ، ބޮޑުކަމުދާ ސީދާ މަކާން ފިޔަފައި ދެމަފިރިންގެ މުޅި ހަށިގަނޑުގެ އެހެން ހުރިހާ މަކާނެއްގައި ހަންހުރަހަކާ ނުލައި އަތްލުމާއި، ބޮސް ދިނުމާއި، އަދި ހަށިގަނޑުގެ ހުރިހާ ތަނެއް ބޭނުންކޮށްގެން ދެމަފިރިންގެ އެކަހެރި ވަގުތުތަކުގައި އެކިމަގުން އަރާމާއި މީރުކަމާއި ހިތްގައިމުކަން ހޯދުމާއި އަދި ލިބިގަތުމަކީ ފިރިމީހާއާއި އަނބިމީހާއާ ދެމީހުންނަށް އެއް ޙުކުމެއް ހިނގާ ކަމެއްކަމާއި އެއީ އެއްވެސް ޙާލަކުން މަނައެއް، އިމެއް ނުވަތަ ހުރަހެއް އޮތްކަމެއް ނޫންކަމުގައި ޤުރްއާނާއި ޙަދީޘްގެ އަލީގައި އެންމެ އިހުގެ ޢިލްމުވެރިންވެސް ވަނީ ބަޔާންކޮށްދެއްވާފައެއެވެ. އެބޭކަލުން ވަނީ ދެމަފިރިން އެފަދަ ވަގުތުތަކުގައި ކުރާ ކަންކަމާ ގުޅޭގޮތުން ހުންނަ ޙުކުމްތައް ނުހަނު ތަފްޞީލީކޮށް ސާފުކޮށްދެއްވާފައެވެ. 

އެގޮތުން ސުންނަތް ޖަމާޢަތުގެ ހަތަރު އިމާމުންގެ އެންމެ ފުރަމަތަ އިމާމު ކަމުގައިވާ އިމާމު އަބޫ ޙަނީފާ رحمه الله ގެ އަރިހުގައި އެކަލޭގެފާނުގެ އެންމެ އިސް އެއް ދަރިވަރު ކަމުގައިވާ އަބޫ ޔޫސުފް رحمه الله ، ފިރިމީހާއާއި އަނބިމީހާ ތަޙްރީކު ކުރުމައްޓަކައި އެކަކު އަނެކެއްގެ ޢައުރައިގައި އަތްލުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއްތޯ ސުވާލު ކުރެއްވުމުން ޖަވާބުގައި ވިދާޅުވިއެވެ: لاوأرجو أن يعظم الأجر. “ނޫނެކެވެ. އަދި ތިމަންކަލޭގެފާނު އުންމީދު ކުރައްވަނީ، އެކަމުގެ ސަބަބުން ލިބޭ އަޖުރު އިތުރުވެސްވާނެ ކަމުގައެވެ”.  

އިމާމު އަބޫ ހަނީފާ رحمه الله އަކީ ހިޖުރީ ގޮތުން 80 ގެ އަހަރު ތަކުގައި ދުނިޔެއަށް އުފަންވި ބޭކަލެކެވެ. ބައެއް ރިވާޔަތް ތަކުގައި ވާގޮތުން އެކަލޭގެފާނު ވަނީ މާތް ޞަޙާބީ އަނަސް ބުނު މާލިކު رضي الله عنه ވެސް ދެކެވަޑައިގެންފައެވެ. 

އަދި އަޞްބަޣު އަލްމާލިކީ رحمه الله ގެ ކިބައިން އަލްއިމާމު އަލްޤުރްޠުބީ رحمه الله އެކަލޭގެފާނުގެ ތަފްސީރުގައި ނަގުލުކުރައްވާފައި ވެއެވެ: يجوز له أن يلحسه بلسانه“. ”އޭނާގެ ދުލުން   ވުން އޭނާއަށް ހުއްދަވެގެންވެއެވެ“. (12/232). 

އަދި ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އަލްފަންނާނީ رحمه الله ވިދާޅުވެފައިވެއެވެ: يجوز للزوج كل تمتع منها بما سوى حلقة دبرهاولو بمص بظرها“. ”ފުރަގަސް ފަރާތުގެ ބޮޑުކަމުދާ ތަން ފިޔަވައި އެހެން ހުރިހާ ތަނެއްގެ ޒަރިއްޔާއިން އަރާމު ޙާޞިލު ކުރުމަކީ ހުއްދަ ކަމެކެވެ. އެއީ އަންހެ ކަމުގައި ވިޔަސްމެއެވެ“. 

ހަމަ އެފަދައިން ޙަންބަލީ މަޛްހަބުގެ ބޮޑު ޢިލްމުވެރިއެއް ކަމުގައިވާ އަލްޤާޟީ رحمه الله އަލްޖާމިޢު ގައި ވިދާޅުވެފައިވާ ކަމަށް އަލްމަރުވަދީ އަލްޙަންބަލީ رحمه الله އަލްއިންޞާފު (8/32) ގައި ވިދާޅުވެފައިވެއެވެ: يجوز تقبيل فرج المرأة قبل الجماعويكره بعده… ولها لمسه وتقبيله بشهوة…“. ”ޖިމާޢުވުމުގެ ކުރިން އަންހެނާގެ ޢައުރައަށް ބޮސް ދިނުމަކީ ހުއްދަވެގެންވާ ކަމެކެވެ. އަދި ޖިމާޢުގެ ފަހުން މަކްރޫހަވެގެން ވެއެވެ…… އަދި ޢައުރައިގައި ޝަހުވަތްތެރިކަމާއެކު އަތްލައި ބޮސް ދިނުމަކީ އަންހެނާއަށް ވެސް ހުއްދަވެގެންވާ ކަމެކެވެ“. 

ނަމަވެސް މިހުރިހާ ކަމެއްވެސް ހުއްދަވެގެންވަނީ އެކަމެއްގެ ސަބަބުން ބައްޔެއް ނުވަތަ ގެއްލުމެއް ނުލިބޭނެ ފަދަ ގޮތުގެ މަތިންނެވެ. ބައްޔެއް ނުވަތަ ގެއްލުމެއް ލިބޭނެ ކަމުގައި ޔަޤީންވާނަމަ އެކަމެއް ކުރުން ހުއްދައެއް ނުވާނެއެވެ. 

ކޮންމެއަކަސް ދެމަފިރިންނަކީ މިހާ ގާތްކޮށް އެއްވެސް ހުރަހެއް ނެތި ތަނަވަސް ދާއިރާއެއްގައި އެކުގައި ވަގުތަތައް ހޭދަކުރަން އިސްލާމްދީނުގައި ހުއްދަ ދެވިފައިވާ ބައެއް ކަމުގައިވާ އިރު އެކަންކަން ދީނީ ގޮތުން ޙަރާމް ކޮށްގެން ތިއްބައި ކާފަރުންނާއި ފަރާންޖީންގެ ކިބައިން އެކަންކަން ފެނި ދަސްވުމުން އިސްލާމް ދީނާ މެދުގައި ހިތުގައި ބީރައްޓެހިކަން ނުވަތަ ހިފެހެއްޓުންތަކެއް އެފުދިގެން ދިއުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި އިސްލާމްދީނަކީ ވަރަށް ހަރުކަށި ހަނި އުނދަގޫ އަދި ދެމަފިރިންގެ މިނިވަންކަމާއި އުފަލާ އަރާމަށްވެސް ހުރަސް އަޅާ ދީނެއް ކަމުގައި ބައެއް މީހުންނަށް ވިސްނެން ފަށައެވެ. 

ނަމަވެސް ޙަޤީޤަތުގައި އެހަރުކަށިމާއި ހަނިކަމާއި އުނދަގޫކަމާއި ދެމަފިރިންގެ މިނިވަންކަމާއި އުފަލާ އަރާމަށް ހުރަސް އަޅަނީ އިސްލާމްދީން ނޫންކަމާއި، އެހުރިހާ ކަމެއް އަސްލު ރައްދުވަނީ މިފަދަ މުޖުތަމަޢުތަކުގައި ފެތުރިފައިވާ ޖާހިލުކަމާއި ކަޓު ޘަޤާފަތްތަކަށްކަން މިއެނގެނީ ރަނގަޅަށް ލޯ ހުޅުވާލާފައި ބަލާލުމުންނެވެ. ދީނީ ޢިލްމާ މީހާ ކައިރިވެ ޙަޔާތުގެ އެކިއެކި ދާއިރާތަކާއި އެކަންކަމުގެ ޙުކުމްތަކާ މެދުގައި ލިޔެވިފައިވާ ޢިލްމީ ފަތްފުށްތައް މުޠާލިޢާ ކުރިވަރަކަށެވެ. 

ނޯޓު: މަޢުޟޫއަކީ ކިތަންމެ ނާޒުކު ޙައްސާސް މަޢޫޟޫއެއް ކަމުގައި ވިއެއްކަމަކު މިފަދަ އަބުއި ރާގަކުން އަދި ކޮންމެވެސް ވަރަކަށް ދިގުކޮށް މިމަޢުޞޫޢަށް ލިޔަން ޖެހުނު އިތުރު އެހެން ބައެއް ސަބަބުތަކެއް ވާކަން ވެސް ފާހަގަކޮށްލަމެވެ. އޭގެ ތެރޭގައި؛ މިމަޢޫޟޫގެ ދަށުން މަތީގައި ބަޔާންކުރެވުނު “ފަޅި” ނޫން އަނެއް ފަޅިއަށް ބާރުއަޅައި ރާއްޖޭގެ ދަޢުވަތު މައިދާނުގައި އުޅުއްވާ ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާފައިވާކަން ބައެއް ޝައިޚުންގެ ކިބައިން އިވިފައި އޮތުމާއި، ސަރުކާރުގެ ބޮޑު މުއައްސަސާއެއްގެ އިސްބޭފުޅަކު ވެސް މިމަޢޫޟޫގެ މުހިއްމުކަން ފާހަގަކުރައްވާފައި ވުމާއެކު ބައެއް ޢާއްމު ފަރުދުންގެ ކިބައިންވެސް މިމަޢުޟޫގެ ޙަޤީޤަތް ރަނގަޅަށް ނޭނގޭ ކަމަށް ބުނެފައިވާތީއާއި، އަދި އެނޫން ސަބަބުތަކާވެސް ހެދިއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!