ރައީސް ސޯލިހަށް ތާއީދުކޮށް، ނަސީދާއި ދެކޮޅަށް އެމްޑީޕީ މެމްބަރުންނަށް ވިސްނުން ދެއްވާތޯ ދުޢާކޮށް ވިސްނައިދޭން ޖެހޭ: ޑރ. އިޔާޒު
ދެންމެ | 12 ޖެނުއަރީ 2023
ކުރީގެ ރައީސް އަދި އެމްޑީޕީގެ މުހައްމަދު ނަޝީދަކީ ބޮލުގައި ބަޑި ޖެއްސުމުން ބިރުން އިސްތިއުފާ ދެއްވައި ފިލި ފިނޑިއެއް ކަމަށާއި އެކަހަލަ ފިނޑިއަކަށް ދެ ވަނަ ފަހަރަށް ރާއްޖޭގެ ވެރިކަން ދޭން ހޮޔު ނުވާނެ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުއާ ވާދަ ކުރެއްވުމަށް ނަޝީދު ނުކުންނެވުމުން ޑރ. އިޔާޒް ގެންދަވަނީ ނަޝީދަށް ފާޑު ވިދާޅުވެ ގިނަ ޓްވީޓްތައް ކުރައްވަމުންނެވެ. އެގޮތުން ނަޝީދަކީ ފިނޑިއެއް ކަމަށާއި އެމަނިކުފާނަށް ދެވަނަ ފުރުސަތެއްދީ ރާއްޖޭގެ ވެރިކަން ހަވާލުކުރަން ހެޔޮ ނުވާ ވަރުގެ ވެރިއެއް ކަމަށް ވިދާޅުވެ ވަނީ ފާޑުވިދާޅުވެފައެވެ.

ނަޝީދަކީ ވެރިކަން ހަވާލުކުރުމުން ދައުރު ހަމަނުވަނީސް ފިލި ފިނޑިއެއް ކަމަށާއި ރައީސް ސޯލިހުއަކީ އެފަދަ ފިނޑިއެއް ނޫން ކަމަށް ބުނެ ޑރ.އިޔާޒް ވަނީ ދެ ރައީސުންގެ ތަފާތު ވިދާޅުވެ ދެއްވައިފައެވެ.

އެމްޑީޕީގެ މެމްބަރުން ގޮވަގޮވާ ތިއްބާ ނަޝީދު ދައުރުގެ މެދުތެރެއިން ނައިބު ރައީސާއި ވެރިކަން ހަވާލުކޮށް ފިލީކަމަށް ޑރ.އިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދަކީ ދުނިޔަވީ ގޮތުންވެސް ގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ބޭފުޅެއް ކަމަށާއި އިތުރު ގެއްލުން ގައުމަށް ދޭން އެފުރުސަތު ނުދޭން އޭނާ ވަނީ ގޮވާލައްވައިފައެވެ. ޑރ.އިޔާޒް މިހެން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމަށް ގެންނަން ހޮޔު ނުވާނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

”ސަންގު ޓީވީ“ ގައި ރޭ ވާހަކަ ދައްކަމުން ޔައުގޫބު ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އެއްވެސް އިރަކުން ނަޝީދު ވަޑައިގެންފި ނަމަ ފުރަތަމަ ކަމަކަށް ކުރައްވާނީ ރާއްޖެ ބަނގުރޫޓުވި ކަމަށް އިއުލާން ކުރުން ކަމަށާއި އެއާއެކު ރާއްޖޭގައި ތިބި އިންވެސްޓަރުން ރާއްޖެ ދޫކޮށްދާނެ ކަމަށެވެ. އެއާއެކު ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ވަގުތުން ފައިސާ ދައްކަން ގައުމުތަކުން އަންގާނެ ކަމަށާއި އަދި ރާއްޖެ ހިންގަން ބޭނުންވާ ލޯނު އެއްވެސް ގައުމަކުން ނުދޭނެ ކަމަށް ޔައުގޫބް ވިދާޅުވި އެވެ. އެހެންކަމުން ނަޝީދު ވެރިކަމަށް ގެންނަން ހެޔޮ ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީސްމީހުންގެ ޒާތީ ދިރިއުޅުމާއި ބެހޭގޮތުން ރައީސް ނަޝީދު ދޮގުހަދާ އޮޅުވާލާ ކަމަށްވެސް ޑރ.އިޔާޒް ވަނީ ތުހުމަތު ކުރައްވައިފައެވެ.

އެގޮތުން އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ނަޝީދު ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ހަސަން ކުރުސީގެ ޓްވީޓަކަށް ވެސް ރައްދު ދެއްވައި އިޔާޒް ވަނީ ދޮގު ހަބަރު ފަތުރައިގެން މީސްތަކުންގެ ތެރޭގައި ފިތުނަފަސާދަ އުފައްދަން ކުރާ މަސައްކަތް ހުއްޓަވާލުމަށް ވެސް ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!