މިކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ރައީސް ޑރ. މުޢިއްޒު ވެރިިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އިންޑީއާއާއެކު އޮތް ގުޅުން ހީނަރުވެފައިވާ ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައިވާތީއެވެ. އަދި ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭޣައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަކީ އިންޑިއާއާއި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން ގޯސްވެގެން ދިޔަ ސަބަބެއް ކަމުގައި އިންޑިއާއާއި ރާއްޖޭޣެ ސިޔާސީ ފަރާތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ.
ބޮޑުވަޒީރު މޯދީ ހުވާ ކުރައްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެޤައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫއަށްފަހު ތިން ވަނަ ދައުރަކަށް އެޤައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ. މޯދީ ހުވާކުރުމަށް ރިޔާސީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހުވާ ކުރެއްވުމަށް ފަހު މޯދީ ވަނީ ރަސްމިއްޔާތަށް ވަޑައިގެންނެވި އަވަށްޓެރި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި، އެކުގައި ފޮޓޯފުޅެއް ނަންގަވައިފަ އެވެ.
މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒުކަން ފާހަގަކޮށްލެވެއެވެ. އެމަނިކުފާނާއި ޖެހިގެން ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަ ސިންހަ އެވެ.
މިއީ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރައީސް މުޢިއްޒު އިންޑިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެެވެ.