ޑީއާރުޕީ ރިޔާސީ ޓިކެޓް ޖާބިރު ގަބޫލުފުޅު ކުރައްވައިފި
ދެންމެ | 03 އޯގަސްޓް 2022

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރްޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހަމަޖައްސައި ޖާބިރަށް ރިޔާސީ ޓިކެޓް ފީފިއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ޑީއާރުޕީން ބުނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކުރިމަތިލާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެ ޕާޓީގެ ހާއްސަ ކައުންސިލް ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ރިޔާސީ އިންތިހާބުގެ ޓިކެޓު ޖާބިރަށް ދޭން ކަނޑައަޅާފައިވާ ކަމަށް އެޕާޓީން ބުނެއެވެ.

ޑީއާރުޕީގެ ރިޔާސީ ޓިކެޓް ޖާބިރަށް ދޭން ނިންމާފައިވާއިރު، އޭނާ މީގެކުރިންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ.

ޖާބިރުގެ އިތުރުން، ޕާޓީއެއްގެ ރިޔާސީ ޓިކެޓް މިހާތަނަށް ކަށަވަރުވެފައިވަނީ ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމިނަށެވެ. އެގޮތުން ޕީޕީއެމްގެ ސެނެޓުން ވަނީ ރައީސް ޔާމީނަށް ޓިކެޓް ދޭން ނިންމާފައެވެ.

ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެވެ. އަދި އެ ޕާޓީން ވަނީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައެވެ. މީގެއިތުރުން އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔާޑް ނާޒިމާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުވެސް ވަނީ ރިޔާސީ ރޭހަށް ނިކުންނަވާނޭކަން އިއުލާންކުރަށްވާފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓެއް ޔަގީން ނުވަނީ ވެރިކަންކުރާ އެމްޑީޕީގައެވެ. އެ ޕާޓީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރައީސް ސާލިހާއި ރައީސް ނަޝީދުވެސް ވަނީ ޝައުގުވެރިކަން ފާޅުކުރަށްވާފަ އެވެ. ރައީސް ޞާލިހުވަނީ އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން ބޭނުންނަމަ ޗޮއިސް އަކީ އެމަނިކުފާން ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް