ރާއްޖޭގެ ދަރަނީގެ ހާލަތް ބިރުވެރިވެފައި ނުރައްކާ: ވޯލްޑް ބޭންކު
ދެންމެ | 14 ޖޫން 2024
ރާއްޖޭގެ ދަރަނީގެ އަދަދުތައް ދެމެހެއްޓިނިވި ގޮތެއްގެ މަތިން ދައްކަމުންދާވަރަށްވުރެ ބޮޑުކަމަށް ވޯލްޑް ބެންކްއިން ބުނެފިއެވެ.

ވޯލްޑް ބެންކްގެ ފަރާތުން ރާއްޖެއާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު  ފާރިސް ހާދަދް ޒާރވޮސްވަނީ އޭނާގެ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވަމުންދާކަމުގެ އިންޒާރު ދެއްވާފައެވެ.

މީގެ ކުރިންވެސް ވޯލްޑް ބެންކްއިން ރާއްޖެއަށް ބޮޑެތި މާލީ އިސްލާހުތަކުގެ ބޭނުންޖެހިފައިވާކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވާއިރު، ރާއްޖެއިން ގެންނާނެކަމަށް ހިއްސާކޮށްފައިވާ އިސްލާހުތަކަށް އެ މުއައްސަސާއިންވަނީ މަރުހަބާ ކިޔާފައެވެ. އެހެންނަމަވެސް ޒާރވޮސް އަމިއްލަ އެކައުންޓުން ކުރެއްވި ޕޯސްޓުގައި އޭނާވަނީ ދިވެހިރާއްޖޭގެ މާލީ މަސައްކަތްތަކުގެ ތެރެއިން ނޭދެވޭ ކަންކަންވެސް ފާހަގަކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގެ މަތިން ރާއްޖެއިންވަނީ ގާބިލުކަން ހުރި މިންގަނޑުން ބޭރުން ހަރަދުކުރަމުން އައިސްފައިކަމަށެވެ. އަދި އެކަމުގެ ސަބަބުން ދަރަނީގެ އަދަދުތައް ބޮޑުވުމުގެ ސަބަބުން ޖެހޭ މައްސަލަތައް އުފެދިގެން އައުމުގެ ފުރުސަތު ބޮޑޫވެފައިވާއިރު މާލީ ގޮންޖެހުންތައްވެސް ކުރިމަތިވެފައިވާކަމަށް ބުނެފައިވެއެވެ.

ޒާރވޮސް ވިދާޅުވީ، ކުރިއަށް އޮތްތާނގައި ރާއްޖެއިން އަހަރެއްގެ މައްޗަށް 512 މިލިއަން ޑޮލަރު ޑޮލަރު ދަރަނި އަދާކުރުމަށް ހޭދަކުރަންޖެހޭނެކަމަށް ލަފާކުރެއްވޭކަމަށެވެ. އަދި 2026ގައި 1.07 ބިލިއަންގެ ދަރަންޏެއް އަދާކުރަންޖެހޭކަމަށްވެސް އަންދާޒާކުރެއްވިއެވެ. އަދި ރާއްޖޭގެ ސަރުކާރުތަކުގެ ހަރަދުތައް އިންތިހާއަށް އިތުރުވެފައިވުމާއި ސަބްސިޑީ ދެމުން އައިސްފައިވާގޮތުގެ ސަބަބުން ރާއްޖޭގެ ޑެފިސިޓްވެސް އިތުރަށް ފުޅާވެފައިވާކަމަށް ހާމަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެ މައްސަލަތަކުގެ ސަބަބުން ރާއްޖެ އޮތީ މާލީ ގޮތުން ބަލިކަށި ހާލަތެއްގައިކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖެއަށް ދަރަނިތައް ނުދެއްކޭ ހާލަތު މެދުވެރިވާނެކަމަށްވެސް ވިދާޅުވެފައިކަމަށްވާއިރު ޒާރވޮސްވަނީ ރާއްޖެއަށް އަވަސް ގޮތަކަށް މާލީ އިސްލާހުތައް ގެންނަންޖެހިފައިވާކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން މިހާރު ސަބްސިޑީ ދެމުންދާ އުސޫލުގެ މަތިން އެކަން ކުރުން ހުއްޓާލުމަށް ގޮވާލާފައިވާއިރު އެސްއޯއީތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށާއި ސިއްހީ ދާއިރާއިން ކުރާ ހޭދަ ހަރުދަނާ ގޮތަކަށް ބައްޓަންކުރުމަށާއި ޕީއެސްއައިޕީ މަޝްރޫއުތައްވެސް މިހާރަށްވުރެ ހަރުދަނާ ގޮތެއްގެ މަތިން އިންތިޒާމުކުރުމަށް އިލްތިމާސްކުރެއްވިއެވެ.

2023 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސާދަށް ލޮޅުންތަކެއް އައިކަމުގެ މައްޗަށްވެސް އޭނާވަނީ އެކްސްގައި ކުރެއްވި ޕޯސްޓުގައި އަލިއަޅުއްވާފައެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދީ އިންޖީނަކީ ފަތުރުވެރިންގެ ދާއިރާކަމަށް ފާހަގަކުރެއްވިއިރު އާމްދަނީ ލިބުނު މިންގަނޑުތައް ދަށްވެ މުޅި ސިނާއަތަށް އެކަމުގެ އަސަރުތައް ކުރިކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަބްސިޑީ ދޭ އުސޫލު އިސްލާހުކުރުން ފަސްކޮށްފައިވުމުގެ ސަބަބުންނާއި ބޮޑެތި ހަރަދުތައް ކުރަމުންދިއުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔާތަށްވަނީ ބުރަވެފައިކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!