ރާއްޖޭގެ ވެރިކަންކުރެއްވި އަނބިކަބަލުން ނުވަތަ ފަސްލޭޑީންގެ ވާހަކައަކީ ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. ފަސްލޭޑީން ހަރަކާތްތަކަށް ދިވެހިން ހާއްސަ ނަޒަރިއްޔާތަކުން އަބަދު ވެސް ބަލައެވެ.
އަދުގެ ވަލީއުލް އަމްރް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން މެޑަމް ސާޖިދާގެ ސާދާ މިޒާޖްގެ ވާހަކަ އަކީ ވެސް މިއަދު ދިވެހި މުޖްތަމައުގެ ތެރޭގައި ފަތު އަޑު ކިޔާފައި ދެކެވޭ ވާހަކަ އެކެވެ.
އަބަދުމެ ހިނިތުންވެ ވަޑައިގެން ހުންނަވާ މެޑަމް ސާޖިދާގެ ހިންގުންތެރިކަމާއި އެކަމަނާ ދިވެހިންނަށް ޓަކައި ވެވަޑައިގަންނަވާ ގުރުބާނީގެ ވާހަކަ ރައްޔިތުންގެ ތެރޭގައި ދައްކަވާ ކަމީ މިއަދު ހަގީގަތެވެ.
ތައުލީމާއި އިގްތިސާދާއި އިޖްތިމާއި އަދި މަދަނީ އެންމެހައި ކަންކަމުގައި އެކަމަނާ ގެންދަވަނީ އާދަޔާ ހިލާފަށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ. ވަކިން ހާއްސަކޮށް ގައުމު ސުލްހަ މަސްލަަސްކަން ދެމެހެއްޓުމާއި ކުޑަ ކުދިންނާއި ޒުވާނުންނާއި އަންހެނުންގެ ކަންކަމުގައި ވަރުގަދަ ޖޯސެއް ނެރުއްވައި އެކަމަނާ ހަރަކާތްތެރިވެ ވަޑައިގަންނަވާ ކަމީ އެންމެ ދަންނަ ހަގީގަތެކެވެ.
އިގިރޭސިވިލާތުން ތައުލީމް ހާސިލް ކުރައްވާފައިވާ މެޑަމް ސާޖިދާއަކީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއި ހަމައަށް ވަޒީފާ އަދާ ކުރަމުން ގެންދެވި ފިސާރި ހީވާގި ދިވެހި ކަނބަލެކެވެ.
މިއަދު ދިވެހިންގެ މަންމައެއްގެ ހައިސިއްޔަތުން ދިވެހިންގެ ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް އެކަމަނާ ނިކުމެ ވަޑައިގެން އެހުންނެވީ ހިލްމާއެކު ޖޯސާއި ފޯރީގަ އެވެ.
ތެދެކެވެ. މެޑަމް ސާޖިދާއަކީ ކާނާގެ ރައްކާތެރިކަމާއި ބެހޭ ގޮތުން މަތީ ތައުލީމް ޔޫރަޕުން އުގެނިވަޑައިގެން ހުންނެވި ކަބަލެކެވެ. އަދި މިކަމުގެ އިލްމާއި ހިލްމް ވެސް ހުންނެވި ބޭކަބަލެކެވެ.
މަޑުމައިތިރި ހުލްގް ހެޔޮ މެޑަމް ސާޖިދާގެ އަމަލްފުޅުތަކާއި ބަސްފުޅުތަކުގެ ސަބަބުން ދުވަހުން ދުވަހަކަށް އެކަމަނާގެ މަގުބޫލުކަމާއި ތާއީދާއި ރައްޔިތުންގެ މެދުގައި އެކަމަނާއަށް އޮންނަ ލޯބި ދަނީ އިތުރުވެ ވަރުގަދަ ވަމުންނެވެ.
ދިވެހި ގައުމު ހިންގެވުމުގައި ފިރިކަލުން ރައީސް ޑރ. މުއިއްޒު އުފުއްލަވާ ބުރަ ބިޔަ މަސައްކަތުގެ އެންމެ ވަފާތެރި ބައިވެެރިއަކި މެޑަމް ސާޖިދާ ކަމީ ސައްކު ހިނގާ ކަމެއް ނޫނެވެ.