މަސްއޫދަށް ހަމަލާދިން މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހަޅައިފި.
ދެންމެ | 07 ޖޫން 2022

ދިޓީވީގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ (ދިޓީވީ މަސްއޫދު) އަށް ދަގަނޑުބުރިއަކުން ހަމަލާދިން ވީޑިއޯ އާއްމްވެފައި ވީނަމަވެސް އެކަން ސާބިތު ނުވާކަމަށް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ހުކުމް އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް އަހުމަދު ޝާފިއު ވިދާޅުވީ މިމައްސަލާގައި ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ކުރީގެ ޕްރޮސްކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިނުގެ އެޑަވަކަސީ ޗެމްބަރގެ ފަރާތުން ވަނީ މިމައްސަލައިގެ ހުކުމް ކުރި ލ. ފޮނަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި ޖޭއެސްސީގެ މެމްބަރު އަލީ ޝަރީފް ފަޑިޔާރުކަމުގައި ބަހައްޓަން އެކަށީގެން ނުވާފަދަ ގާނޫނާއި ހިލާފް އަމަލެއް ހިިންގާފައިވާކަމަށް ބުނެ އެ މައްސަލަ ޖޭއެސްސީއަށް ވެސް ހުށަހަޅާފަ އެވެ.

 

މީޑިޔާ ކައުންސިލްގެ މެމްބަރުކަން ވެސް ކޮށްފައިވާ މަސްއޫދަށް ހަމަލާދީފައި ވަނީ މިދިޔަ އަހަރު އޮގަސްޓް މަހުގެ ތިން ވަނަ ދުވަހުގެ ރޭ މަސްއޫދާއި އަނބިކަބަލުން ލ. ފޮނަދޫ ބޯޅަދަނޑު ކައިރިން ސައިކަލުގައި ވަޑައިގަންނަވަނިކޮށް، އެހެން ސައިކަލެއްގައި އައި މީހަކު ދަގަނޑުބުރި އަކުންނެވެ. އެ ހަމަލާދޭ ވީޑިއޯ ސޯސަލް މީޑިޔާގައި އާއްމްވެފައިވާއިރު، އެވީޑިއޯ އިން ވެސް ހަމަލާދޭ ތަނާއި ހަމަލާދޭ ފަރާތް ސާފްކޮށް ފެންނަން ހުރެ އެވެ.

މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ މަސްއޫދަށް ހަމަލާދިންކަމުގެ ތުހުމަތުގައި ލ. ފޮނަދޫ، ދިލްކުސާގޭ އަހުމަދު ސަމީމްގެ މައްޗައް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. މިކުށުގެ އަދަބަކީ 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލައްލުމެވެ.

މިމައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ދައުލަތުން ހުށަހެޅި މައި ހެކިތަކުގެ ތެރޭގައި މަންޒަރުދުއް 2 މީހެއްގެ ހެކިބަހާއި ވީޑިއޯ އާއި ވީޑިއޯ އެންޑް އިމޭޖް ތަހްލީލް ރިޕޯޓާއި ވީޑިއޯ ތަހްލީލް ކުރި ފުލުހުސް އޮފިޝަރުގެ ހެކިބަހުގެ އިތުރުން މަސްއޫދަށް ފަރުވާ ދިން ޑޮކްޓަރުގެ އިތުރުން މޯބައިލް ފޮރެންސިކް ރިޕޯޓް ވެސް ހިމެނެއެވެ.

މި ވީޑިއޯ އެނަލައިޒް ކުރި ފުލުހުސް އޮފިޝަރު ޝަރީއަތުގައި ވެސް ބުނެފައި ވަނީ ތުހުމަތު ކުރެވޭ މީހާ އާއި ވީޑިއޯއިން ފެންނަ މީހާ އާއި ސާމްޕަލް ފޮޓޯ އަޅާ ކިޔާ އިރުވެސް އެއްގޮތް ހަތަރު ސިފަ ފާހަގަ ކުރެވުނު ކަމަށެވެ. އެހެންނަމަވެސް މެޖިސްޓްރޭޓް ނިންމަވާފައި ވަނީ ދައުލަތުން ހުށަހެޅި އެއްވެސް ހެކެއް ބަލައިނުގަތުމަށެވެ.

މިމައްސަލާގައި ދައުލަތުން ދައުވާ ކުރި އަހުމަދު ސަމީމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ވެސް ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން ހައި ކޯޓުންނެވެ. މި ސަމީމަކީ ލާމް އަތޮޅުގައި އޮންނަ މަސްއޫދުގެ ކާރުގައި 2020 ވަނަ އަހަރު ރޯކޮށްލި މައްސަލާގައި ވެސް ފުލުހުން ތަހްގީގް ހިންގަމުންދާ ފަރާތެވެ.

 

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!