ކައިވެނީގެ ރަހަ ނުދެކެ، ހުސްހަށި ބަޔަށް ހުރުން!
ދެންމެ | 30 އޯގަސްޓް 2023

ކޮންމެ އަނެހަނަކަށްވެސް އަދި ފިރިހެނަކަށްވެސް ކައިވެނިނުކޮށް އެކަނި ހުރުން އެމީހަކު ބޭނުން ނަމަ އިޚްތިޔާރުކުރެވިދާނެއެވެ. ކައިވެނި ނުކުރުމަކީ ޙާލަތު ނިޔާ ގޮތަކުން އެމީހަކު އަމިއްލައަށް ކަނޑައަޅާ ކަމެކެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ ކައިވެނި ނުކޮށް ހުންނަންވާނީ ކައިވެނިކޮށްގެން ނޫނީ ކުރުން ހުއްދަ ނޫން ކަންކަމަށް އަރައިނުގަނެ ހުރެވޭނެ ނަމައެވެ. ނޫންނަމަ އޮތީ އަވަހަށް ކައިވެނިކުރުމެވެ.

އަހުރެން ބުނަން ބޭނުންވަނީ ކައިވެނިކުރާނަމަ ކުރަންވާނީ ދުވަސްކޮޅަކު ދެމީޙުން އެކުގައި އުޅުމުގެ ނިޔަތަކު ނޫނެވެ. ނިޔަތް އޮންނަން ޖެހޭނީ ޢުމުރަށް އެކުގައި ހޭދަކުރުމަށެވެ. ކައިވެނިކޮށްފިނަމަ އެކަމަށް ދެމީހުންވެސް މަސައްކަތްކުރަންވާނެއެވެ.

އަހުރެން ބުނާނީ ހެޔޮލަފާ މީހުން ކައިވެނިކޮށް ހެޔޮލަފާ ދިރިއުޅުމެއް ދިރިއުޅޭށެވެ. ލިބޭ ދަރިންނަކީ ހެޔޮލަފާ ބައެއްގެ ގޮތުގައި ގެންގުޅެ ބޮޑުކުރާށެވެ. މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލުކުރެވޭނީ އެއިރުންނެވެ.

ﷲ ތައާލާ އާދަމްގެފާނު އުފައްދަވައި ސުވަރުގޭގައި ލެއްވެވުމަށްފަހު ޙައްވާގެފާނު އުފައްދަވައި ދެކަނބަލުން އެކުގައި ސުވަރުގޭގައި ލެއްވެވިކަން އެއީ ޙާޞިލްކުރަން އޮތް ފިލާވަޅެވެ. އާދަމްގެފާނަށް ބޭނުންފުޅުވާ ހުރިހާ ކަންކަން ސުވަރުގެއިން ލިބިވަޑައިގަންނަވާނެއިރު ޙައްވާގެފާނު އެކުގައި ލެއްވެވީ ފިރިހެނުންނަކީވެސް އަންހެނުންނަކީވެސް ދުނިޔޭގައި ގުޅިގެން އެކުގައި އުޅެންޖެހޭނެ ބައެއް ކަމާއި ފިރިހެނުންނަށް އަންހެނުން (އަނބިން) އަދި އަންހެނުން ފިރިހެނުން (ފިރިން) ބޭނުންވާނެކަން ބަޔާންކުރެއްވެވުމަށެވެ. – މޮޅަށް ދެނެވޮޑިގެންވަނީ ﷲ

ދިރިއުޅުމުގައި ކޮންމެ މީހަކަށް ކުރިމަތިވާނީ އެއްބާވަތުގެ ކަންކަމެއް ނޫނެވެ. ވީމާ ކުރިމަތިވާ ކަމެއްގެ ގޮތުން ދުނިޔޭގައި އުޅެން އޮތް ނިޒާމާއި ދެކެކޮނުވާށެވެ. އެއީ ތިމާއަށް އެވަޤުތު ކުރެވުނު ނުރަނގަޅު ތަޖުރިބާއެއްކަމަށް ޤަބޫލުކޮށް ފައިދާހުރި ގޮތުގައި މުސްތަޤްބަލް އާރާސްތުކުރަން މަސައްކަތްކުރާށެވެ. އެކަން ރަނގަޅު ގޮތުގައި ކުރެވޭނީ ކައިވެނިކޮށް ކައިވެނިމަތީގައި ދިރިއުޅެން މަސައްކަތްކުރުމުންނެވެ.

ކައިވެނިކުރުމުގެ ޤާބިލްކަން ހުރިނަމަ އަވަހަށް ކައިވެނިކުރަން ދީނުގައި ބާރުއަޅުއްވަވާފައިވަނީ މިސަބަބުތަކަށްޓަކައެވެ. ކޮންމެ ކަމެއްގައި ވެސް ދީނުގައި އޮންނަ ގޮތް އެއީ އެންމެ ރަނގަޅު އަދި އެންމެ ފައިދާހުރި ގޮތްކަމަށް ޔަޤީންކުރާށެވެ. އެއަށްވުރެ މޮޅު ގޮތެއް ނުފެންނާނެއެވެ.

ގުޅުންހުރި ލިޔުންތައް