ދައުލަތުގެ ވުޒާރާތަކުގެ ސިޔާސީ ބޭފުޅުންގެ އަދަދަކީ 15 ބޭފުޅުން ކަމަށް ކަނޑައަޅައި ބާކީ ސިޔާސީ ބޭފުޅުން އަންނަ ހަފްތާގައި ވަޒީފާއިން ވަކި ކުރައްވާނެ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިއްޖެ އެވެ.
ނަން ހާމަ ނުކުރާ ސަރުކާރުގެ އޮފިސަލަކު ވިދާޅުވީ ބަގުރޫޓު ފައްޔާޒު އިސްވެހުރި އެމްޑީޕީން ގައުމު ވައްޓާލާފައިވާ އަނދަވަޅުން ގައުމު އަރައިގަތުމަށް ރައީސް ޑރ. މުއިއްޒު ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އޭނާ ބުނީ ގައުމުން ބޭރުގައި ގާއިމްކޮށްފައިވާ އެމްބަސީތަކަކީ ވެސް ދައުލަތުން ވަރަށް ބޮޑު ހަރަދުކުރާ ތަންތަން ކަމަށެވެ. އަދި ކޮންމެ އެމްބަސީއެއްގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތައް ހިމެނޭ ކަމަށެވެ.
“ އެމްބަސީތަކުގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އެބަތިއްބަވާ. ރައީސް މުއިއްޒު ނިންމަވާފައިވަނީ އެމްބަސީތަކުން ވެސް ގިނަ އަދަދެއްގެ ބޭފުޅުން ރާއްޖެ ބަދަލު ކުރެއްވުމަށް. ހަގީގަތުގައި އެއީ ވެސް ފޮރިންގ ކަރަންސީ ރިޒާވައް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް.“
އޭނާ ބުނީ އެމްބަސީތަކުގެ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން ތިއްބެވި ކަމަށާއި އެބޭފުޅުންގެ މުސާރަތަކަކީ އިންތިހާއަށް ބޮޑު މުސާރަތަކެއް ކަމަށެވެ. އަދި އެބޭފުޅުންނަށް މުސާރަ ދޭންޖެހެނީ ބޭރު ފައިސާއިން ކަމަށް ވުމުން މިކަންތައް މިހާރު ސަރުކާރަށް ވަރަށް ބޮޑު ބުރައަަކަށް ވެފައިވާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ދައުލަތުގެ ބައެއް ކުންފުނިތަކުން ވެސް ގާތްގަނޑަކަށް 80 ޕަސެންޓް މުވައްޒަފުން ވަކި ކުރަން ޖެހޭނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ރޭ ވަނީ ގައުމުގެ މާލީ ހާލަތު ރަގަޅު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް އިއުލާން ކުރައްވާފަ އެވެ.