ކޯލިޝަނަކީ ބޭކާރު ކަމެއް، ކޯލިޝަނާ ނުލާ ކާމިޔާބު ކުރާނަން: ބަގުރޫޓް ފައްޔާޒު
ދެންމެ | 01 އޭޕްރިލް 2023

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް، މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަނާއެކު ކުރިއަށް ނުދެވުމަކީ ހިތާމައެއް ކަމަށާ ކޯލިޝަނާ ނުލާވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ބަގުރޫޓް ވިޔަފާރިވެރިޔާ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާ ދަނޑިވަޅެއްގައި ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މައިދާން މިހާރު އޮތީ ތައްޔާރަށް ކަމަށާއި ކުރިއަށް އޮތީ ޝައުގުވެރި ދުވަސްތަކެއް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިހާރު ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކާއެކު އެކުގައި ކުރިއަށް ނުދެވުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. ނަމަވެސް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ފަހަރަކު ކަމެއް ސާފުވެ ނޭނގި ހުރި ކަންކަން އެނގެމުންދާ ކަމަށާ ކުރިއަށް އޮތީ ވަރަށް ޝައުގުވެރި ދުވަސްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒު މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ވަނީ ނިންމާފައެވެ. އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްކަން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

ރައީސް ސޯލިހުގެ މަންދޫބުން ވަނީ ދެ ފަހަރެއްގެ މަތިން ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމީ ވަކިން އިންތިހާބުގައި ވާދަ ކުރުމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!