ސަރުކާރަށް ނަގާ ޓެކުސް ބޮޑު ވެއްޖެ
ދެންމެ | 01 ޖެނުއަރީ 2023

މިއަދުން ފެށިގެން ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް 16 އިންސައްތައަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ރޭޓް 8 އިންސައްތައަށް ބަދަލުވާނެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާއިން ބުނީ މިއަދުން ފެށިގެން ވިޔަފާރީގެ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނަގަންޖެހޭނީ އައު ރޭޓުތަކުގައި ކަމަށެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އެޤާނޫނު ރައީސް ޞާލިޙް ވަނީ ތަސްދީޤު ކުރަށްވާފައެވެ. އެއާއެކު މިއަދުން ފެށިގެން ޓެކުހުގެ ގޮތުގައި ނަގާ ރޭޓް ވަނީ ބޮޑުވެގެން ގޮސްފައެވެ.

ގާނޫނަށް ގެނައި އެ އިސްލާހުގައި ވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.

މިއަދުން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން މީގެކުރިންވަނީ ވިޔަފާރިވެރިންނަށް އިލްތިމާސްކޮށްފައެވެ.

އަދި ވިޔަފާރިތަކުން ވިއްކާ މުދަލާއި ދޭ ހިދުމަތްތަކުގެ އަގު މިއަދުން ފެށިގެން ޖަހާފައި ހުންނަންވާނީ އާ ރޭޓުގައި ޖީއެސްޓީ ހިމަނައިގެން ކަމަށްވެސް މީރާއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!