’ކޮހަކު‘ ކުރި ވެރިކަމެއް އަދަބު ރައީސް ޑރ. މުއިއްޒަށް!
ދެންމެ | 30 ޖޫން 2024

ރައީސް މައުމޫންގެ ވެރިކަން 2008 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ހުރީ 10 ބިލިއަން ދިވެހި ރުފިޔާއާއި ދާދި ގާތުގައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އިތުރު ސޯޅަ ބިލިއަނާއެކު ރާއްޖޭގެ ދަރަނި 26 ބިލިއަނަށް އެރިއެވެ. ރައީސް ޔާމީނުގެ ވެރިކަން 2018 ނިމުނު އިރު ރާއްޖޭގެ ދަރަނި ހުރީ 60 ބިލިއަނުގައެވެ. މިއީ 34 ބިލިއަނުގެ އިތުރު ވުމެކެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ދަރަނި 124 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދިޔައެވެ. ޖުމްލަ 64 ބިލިއަން ރުފިޔާ އިތުރުވެގެންދިޔައީ ވެރިކަމުގައި ހޭދަކުރެއްވި ކޮންމެ މަހަކަށް ބިލިއަން ރުފިޔާގެ ދަރަންޏާއިއެކުގައެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައިވެސް ފެންނަމުންދަނީ އާމްދަނީއަށްވުރެ ހަރަދު އިތުރުވެ ދަރަނި އިތުރުވަމުންދާ މަންޒަރެވެ. ސުވާލަކީ ރާއްޖެ ބަނގުރޫޓުވާނެތޯއަށްވުރެ ބަނގުރޫޓް ވާނީ ކޮންއިރަކުންތޯ އުފެދޭ ސުވާލެވެ.

 

އިގްތިސާދީ ދުވެލި ބާރުވި ނަމަވެސް ދަރަނި އޮތީ ރަނގަޅަށޭ ބުނެވޭކަށް ނެތް

ކޮވިޑާ އެކު ރާއްޖޭގެ ޓުއަރިޒަމް ހުއްޓި އިގްތިސާދު ބަނގުރޫޓުވެދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރިއެވެ. މުޅި ގައުމުގެ އާމްދަނީ ޓުއަރިޒަމަށް ބިނާވެފައި ވަނިކޮށް ގައުމުގެ މައި ދޮރޯށި ބަންދުކުރުމާ އެކު އާމްދަނީ ލިބޭނެ މަގުތައް ވެސް ބަންދުވިއެވެ. އެހެން ނަމަވެސް ކޮވިޑްގެ ތެރެއިން ވެސް އަދި އޭގެ ފަހުން ވެސް އެންމެ އަވަހަށް، އެންމެ ކާމިޔާބުކަމާ އެކު އިގްތިސާދު ހިންދެމެލި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. އަވަށްޓެރި ބައެއް ގައުމުތައް ބަނގުރޫޓުވުމާ ގާތަށް ދިޔައިރު ވެސް ރާއްޖެ އައީ މަޑުމަޑުން އިގްތިސާދީ ދުވެލި ވެސް ހަލުވި ކުރަމުންނެވެ.

ކޮވިޑާ ހަމަ އަށް އަދި ކޮވިޑްގެ ފަހުން އިގްތިސާދީ ދުވެލި ބާރުވި ނަމަވެސް ދަރަނީގެ އިގްތިސާދީ ދުޅަހެޔޮކަށް އޮތީ ރަނގަޅަށޭ ބުނެވޭކަށް ނެތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދައުރުން ފެށިގެން ވެސް ރާއްޖޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ހިންގުމަށްޓަކައި ދިޔައީ ބޮޑެތި ލޯނުތައް ނަގަމުންނެވެ. އޭގެ ކުރިން ވެސް ބަޖެޓް ފޫބައްދަމުން އައީ ބޭރު ގައުމުތަކުގެ ލޯނުގެ އެހީތެރިކަމާ އެކުއެވެ. އެ ސަރުކާރު ނިމި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް އެއްފަހަރާ އެތައް މަޝްރޫއުތަކެއް ފެށިއެވެ. ގިނައީ ލޯނު ނަގައިގެން ފެށީ މަޝްރޫއުތަކެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ބަޖެޓްގައި އޮތް ލޯނުގެ ބުރަކަން ދިޔައީ އިތުރުކުރަމުންނެވެ. ލޯނުގެ ނިސްބަތް 100 ޕަސެންޓުން މައްޗަށް ދިޔައެވެ. އަހަރީ ބަޖެޓް 30 ބިލިއަނުން ނައްޓައި ދައުރު ނިމުނު އިރު 40 ބިލިއަނަށް އޮތީ އަރާފައެވެ. ދަރަނި ދެއްކުމަށް ދަރަނި ނަގަމުން ދިއުމާއި ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ގައުމު ބަނގުރޫޓުވެދާނެ ކަމުގެ އިންޒާރު އިގްތިސާދީ މާހިރުން އޭރު ވެސް ދިޔައީ ދެމުންނެވެ. އެހެން ނަމަވެސް ސިޔާސީ ބޭނުމަށްޓަކައި އެއްވެސް ސަރުކާރަކަށް ހަރަދު ކުޑަކުރުމުގެ ފިޔަފަޅުތައް އަޅާކަށް ނުކެރެއެވެ. ރައްޔިތުންގެ ހައްދެއްނެތް އެދުންތަކާއި ބޭކާރު ޑިމާންޑުތަކުގެ ސަބަބުން ސިޔާސީ ފައިދާއަށް އަބަދުވެސް ވެރިންދިޔައީ ދައުލަތް ބަނގުރޫޓުކުރަމުންނެވެ.

ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު ވެސް އިގްތިސާދު އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އެހެން ނަމަވެސް ވެރިކަމަށް ވަޑައިގެން ފުރަތަމަ ވެސް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަކީ ޖެހިގެން އޮތް ރައްޔިތުންގެ މަޖިލީހަށް ތައްޔާރުވެ ވަޑައިގަތުމެވެ. ސިޔާސީ ފަރާތްތަކުގެ ރުހުން ހޯދުމަށް ސުމާރެއް ނެތް މިންވަރަށް ސިޔާސީ މަގާމުތައް އުފައްދަން ޖެހިވަޑައިގެންނެވި އެވެ.  ސްޓޭޓް މިނިސްޓަރުންނާއި ނައިބުން އިންތިހާ އަށް ގިނައިރު ސިޔާސީ އެހެން މަގާމުތަކުގެ އަދަދުތައް ވެސް ހާމަކުރަން ނުކެރޭ މިންވަރަށް އިތުރުކޮށްފިއެވެ. ކުންފުނިތަކަށް ވެސް އިންތިހާ އަށް މުވައްޒަފުން ވެއްދިއެވެ.

 

އިގްތިސާދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބޭރާއި އެތެރޭގެ ދަރަނި

އޭރު ވެސް ކަމާ ބެހޭ ފަރާތްތަކުން ގެންދިޔައީ ކުރިމަތީގައި އިގްތިސާދީ އަނދަވަޅެއް އޮތްކަމުގެ އިންޒާރު ދެމުންނެވެ. މިއަދު މި ވަނީ އެ ހިތި ބޭސް ބުއިން ނޫން ގޮތެއް ނެތް ހާލަތަށް ގައުމު ގޮސްފައެވެ. ގައުމުގެ ރިޒާވް ވަނީ ދަށަށް ގޮސްފައެވެ. ބޭނުންކުރެވޭ ރިޒާވްގައި ހުރީ 60 ވަރަކަށް މިލިއަން ޑޮލަރެވެ. ކުރިއަށް އޮތް ދެއަހަރުތެރޭ ދައްކަންޖެހޭ ލޯނުތައް 30 ބިލިއަނަށްވުރެ ގިނައެވެ. ޓުއަރިޒަމް ލަފާކުރި މިންވަރުގައި ދެމެހެއްޓުނު ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭ ގޮތެއް ނުވެއެވެ. އަދި ލިބޭ މިންވަރަށްް ވުރެ ކުރަންޖެހޭ ހޭދަ އިންތިހާ އަށް ބޮޑެވެ.

އިގްތިސާދަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ބޭރާއި އެތެރޭގެ ދަރަނި އިންތިހާ އަށް ބޮޑުވުމެވެ. ދައުލަތުން ޒިންމާވާންޖެހޭ ދަރަނީގެ ޖުމްލަ 127 ބިލިއަން ރުފިޔާއަށް އަރައެވެ. ދައްކަމުން އަންނަ ލޯނުތަކުގެ ތެރޭގައި 1970ގެ އަހަރުތަކުން ފެށިގެން ސަރުކާރުތަކުން ނަގާފައިވާ އެކި ލޯނުތައް ހިމެނެއެވެ.

ކޮންމެ ވެރިއަކު ވެސް ވެރިކަމަށް ވަޑައިގަންނަވަނީ ދައުލަތުގެ ބަޖެޓް އަރަނި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. އެހެން ނަމަވެސް ރެކޯޑްތަކުން ދައްކާ ގޮތުން 1982 އިން ފެށިގެން މިހާތަނަށް ވެސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ދަރަނި ބަޖެޓެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ މައިގަނޑު އެއް ވައުދެއްގެ ގޮތުގައި އޮތީ ބަޖެޓް އަރަނިކުރުމެވެ.

އެ ވިސްނުމުގައި އާ ޓެކްސްތައް ތައާރަފްކޮށް ދައުލަތުގެ ބަޖެޓް އެތައް ގުނައަކަށް އިތުރުކުރުމުގެ މަސައްކަތް އޭރުގެ އެމްޑީޕީ ސަރުކާރުން ވެސް ފެށިއެވެ. އެހެން ނަމަވެސް އެ ވެރިކަން މެދު ތެރެއިން ބަދަލުވި އިރު ދަރަނީގެ އަދަދު އޮތީ އެތައް ގުނައަކުން އިތުރުވެފައެވެ. އޭގެ ފަހުން ކޮންމެ ވެރިކަމެއްގައި ވެސް ދަރަނި ދިޔައީ އެތައް ތަނަކުން އިތުރުވަމުންނެވެ.

އިގްތިސާދީ މާހިރުން ވެސް ވިދާޅުވާ ގޮތުން ލޯނު ނެގުމަކީ މައްސަލައެއް ނޫނެވެ. ނަމަ ވެސް ނުދެއްކޭ މިންވަރަށް ނުވަތަ އިގްތިސާދުގައި ހަކަތަ ނެތް މިންވަރަށް އުފެއްދުންތެރިކަމެއް ނެތްލޯނު ނެގުމަކީ ހެދޭ ބޮޑު ގޯހެކެވެ. ރާއްޖޭގެ އިގްތިސާދަށް ވެސް އޮތް އެންމެ ބޮޑު ނުރައްކަލަކީ ލިބޭ މިންވަރަށް ވުރެ އިތުރަށް ހޭދަކުރަން ޖެހުމެވެ. ހާއްސަކޮށް ދައުލަތް ހިންގުމަށްޓަކައި ކުރަންޖެހޭ ހަރަދު އިންތިހާ އަށް ބޮޑެވެ. އޭގެ މައްޗަށް ތަރައްގީގެ މަޝްރޫއުތައް ވެސް ހިންގަމުން ދަނީ ބޮޑު ބިޔަ ލޯނުތައް ނަގައިގެންނެވެ. އެއީ ވަކި ތާވަލަކަށް ދައްކަންޖެހޭ ލޯނުތަކެވެ. އެ ލޯނުތައް ނުދެއްކިއްޖެ ނަމަ ގައުމު ޑީފޯލްޓް ނުވަތަ (ބަނގުރޫޓް) ވާނެއެވެ.

 

ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް ރާއްޖެ ސަލާމަތެއް ނުކުރެވޭނެ

ކުރިއަށް އޮތް އަހަރުތަކަކީ ވެސް ލޯނުގެ ގޮތުގައި އެތައް މިލިއަން ޑޮލަރެއް ދައްކަންޖެހޭ އަހަރުތަކެވެ. ދައުލަތުގެ ހިންގުމުގެ ހަރަދުތައް މިހަރު ހުރި ގޮތުން ނަމަ ދައްކަންޖެހޭ ލޯނުތައް ދައްކާފައި ގައުމުގެ ކަންކަމަށް ހަރަދުކުރުމަކީ މުސްތަހީއްލު ކަމެކެވެ. ކޮންމެ ފަހަރަކު ބަޖެޓްގައި ބޭރުގެ އެހީގެ ގޮތުގައި އެތައް ބިލިއަނެއް ޖަހައެވެ.

ނަމަވެސް އެއްވެސް އިރެއްގައި އުންމީދުކުރާ މިންވަރަށް އެހީއެއް ވެސް ނުލިބެއެވެ. ހާއްސަކޮށް ފަހަކަށް އައިސް ބަޖެޓްގައި ޖަހާ އެ އަދަދުތަކަކީ ހަމަ ހިޔާލީ ނަންބަރުތަކެކެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް ލޯނުގެ މައްޗަށް ލޯނު ނެގުން ގޮތެއް ނޯވެއެވެ. ނަމަވެސް ލޯނު ނުދެއްކޭ ހާލަތަށް ގައުމު މިހާރު މިދަނީ ވެއްޓެމުންނެވެ. އާމްދަނީ އިތުރުކުރިއަސް ސަރުކާރުގެ ހަރަދުތައް ކުޑަނުކޮށް ރާއްޖެ ސަލާމަތެއް ނުކުރެވޭނެއެވެ.

ކޮންމެ ދެރަށެއް ދޭތެރޭގައި އެއަރޕޯޓް އެޅުމާއި، ބޭކާރު ބިންތައް ހިއްކުމާއި، މަޖަލަށް ވާދައަށް ބަނދަރު ބޮޑުކުރުމާއި، ގަސްކަނޑައި މަގުތަކުގައި ތާރުއެޅުމާއި، އެއްވެސް އޮއްޓަރެއް އުޅުމެއް ހިލްމެއް ނެތް މީހުން އިންތިހާބީ މަގާމުތަކަށާއި ޒިންމާދާރު ވަޒީފާތަކަށް ގެނައުންފަދަ ވިޔާނުދާ އާދަތަކުން ރައްޔިތުންވެސް ދުރުހެލިވެ ޒިންމާދާރުވެގެން ނޫނީ ރާއްޖެ ސަލާމަތެއް ނުކުރެވޭނެއެވެ.

ދައުލަތުން ވައްކަންކުރުން ހައްދެއްނެތް މިންވަރަށް އޮންނައޮތުން ނިމުމަކަށް ގެނަސް، ބިލިއަނުން ހަރަދުކޮށް ހިންގާ އެމްބަސީތައް ބަންދުކޮށް، މަދުބަޔަކަށް ހިލޭ ބިންބަހާ ޓެކްސް މާފުކުރުންފަދަ ކަންކަން ނިމުމަކަށް ގެނެވިގެންމެނުވީ ރާއްޖެ ސަލާމާތްކުރެވޭނެ ހަމައެއްގޮތެއްވެސްނެތެވެ.

މިއަދު ގައުމުގެ ދަރަނީގެ ހާލަތަކީ މިސަރުކާރުން ފުރިހަމަ ޒިންމާނަގަން ނުޖެހޭނެ ހާލަތަކަށްވިޔަސް، ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އަޅައިގެން ރާއްޖެ ސަލާމަތްކުރުމަކީ މިސަރުކާރުގެ ޒިންމާއެކެވެ. ސުވާލަކީ އާ ސަރުކާރަށް އެ ފިޔަވަޅުތައް އަޅައި ރައްޔިތުންނަށް ހިތިބޭސް ބޯންދޭން ކެރިދާނެބާއެވެ؟ ގައުމު ބަނގުރޫޓުވުމުން ސަލާމަތް ކުރެވިދާނެބާއެވެ؟

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!