ގަރުނަކުން ނުގެނެވޭ ވަރުގެ ތަރައްގީ މި ދައުރުގައި ގެނެވިއްޖެ: ފައްޔާޒު
ދެންމެ | 19 ޖެނުއަރީ 2023

ރާއްޖެއަށް މިހާރު އަންނަމުންމިދާ ބަދަލުތަކަކީ ވޭތުވެދިޔަ ގަރުނުތަކެއްގައިވެސް ރާއްޖެއަށް ނާންނަވަރުގެ ބަދަލުތަކެއްކަމަށް މިނިސްްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ބަގުރޫޓު ވިޔަފާރިވެރިޔާ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ މިއިން ޒަމާނަކު ނުކޮށް ހުރި ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ފަށައިގެން ކުރިއަށްގެންދަވާކަމަށެވެ.

ފައްޔާޒު ވިދާޅުވީ ސިއްހީ ނިޒާމަށްވެސް ގެންނަމުންދާ އިންގިލާބީ ބަދަލާއެކު 5 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސިއްހީ ނިޒާމު ވަރުގަދަ ކުރަން އެކި ސަރަހައްދުތަކުގައި ކުރާ މަސައްކަތަށް ހަރަދު ކުރެވިފައިވާކަމަށެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި ތައުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ވިދާޅުވީ، އެ މަސައްކަތަށްވެސް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން އިންވެސްޓްކޮށްފައިވާ ކަމަށެވެ.

”އާރުޓީއެލް ފައިދާވެސް މިއަދު ހުރިހާ ރައްޔިތުންނަށް ފެންނާނެ. އަގުހެޔޮކޮށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިއްޖެ. ޖީބަށް އެތައް ގުނައެއް ލުއިވެއްޖެ. ޒަމާނުއްސުރެ ނުކޮށް ހުރި އެތައް މަސައްކަތްތައް މި ސަރުކާރުން މި ކުރަނީ ރައީސުލްޖުމްހުރިއްޔާގެ ކިބައިގައި އެ ފެންވަރު ހުރީމަ. އެކި ކަހަކަ ގޮންޖެހުންތަކާއެކުވެސް މިކަން ކުރަނީ މިއީ ކުރަންޖެހޭ ކަންކަމަށް ވާތީ“ ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އުމްރާނީ ތަރައްގީއަށް ކުރެވޭ މަސައްކަތަށް ވުރެ ބޮޑު މަސައްކަތަކީ ސިޔާސަތުތައް ބަދަލުކޮށް، ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ފަހި މާހައުލެއް ގާއިމްކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަން ފައްޔާޒު ފާހަގަކުރެއްވިއެެވެ.

އެގޮތުން ގާނޫނުތަކަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސް،އެއްވެސް ސަރުކާރަކުން މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދޭން މަސައްކަތް ނުކުރާވަރަށް މި ސަރުކާރުން މަސައްކަތްކޮށްފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން މިނިމަމް ވޭޖް ތައާރަފްކުރީވެސް މި ސަރުކާރުކަން ފައްޔާޒު ފާހަގަކުރެއްވިއެެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!