ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ އަދި ހުއްދަނެތް ބިދޭސީންނާ އެކު މަަސައްކަތް ކުރާ ދިވެހީން، 50،000 ރުފިޔާއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރުމުގެ އިހްތިޔާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަނަށް ލިބިގެންވާކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެ އެވެ.
އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ޝައްމާން ވިދާޅުވީ، ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެށް ކަމަށް އިމިގްރޭޝަން ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
”އަދި އެފަދަ ފަރާތްތައް އެ ގާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހުތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވޭ،“ ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރާނެ ކަމަށް މިފަހުން ވިދާޅުވި ޝައްމާން ލިޔުއްވާފައިވެ އެވެ.
އެހެން ކަމުން ޝަމްޢާން ވަނީ އެންމެހާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވެ، ހެދިފައިވާ ގަވައިދުތަކަށް އަމަލު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ. ގަވާއިދާ ހިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް ދެނެގަނެ، މި އޮޕަރޭޝަންގެ ދަށުން އެމީހުން ހައްޔަރު ކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.
އެގޮތުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މިދިޔަ މަހުގެ 29 ގައި މާލޭގެ ލޯކަލް މާރުކޭޓާއި މާލެތެރޭގައި އަމިއްލަ ފަރާތްތަކުން ހިންގާ މާރުކޭޓުތައް ރެއިޑްކޮށް 50 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެ މީހުން ޑީޕޯޓް ކޮށްލުމަށްޓަކައި ކަރުދާހުގެ ކަންކަން ނިމެންދެން އަދިވެސް ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށް އެ އިދާރާ އިން މިއަދު ބުންޏެވެ.
މިދިޔަ ސަރުކާރުން ބިދޭސީންގެ މައްސަލަ ބެލެހެއްޓީ އިކޮނޮމިކް މިނިސްޓްރީގެ ދަށުންނެވެ. ނަމަވެސް މި ސަރުކާރުން އެއީ ގައުމީ ސަލާމަތާ ގުޅޭ މައްސަލަައެއް ކަމަށް ކަނޑައަޅާ، އެ މަސައްކަތް ހޯމް މިނިސްޓްރީގެ ދަށަށް ވަނީ ބަދަލުކޮށްފަ އެވެ. މި ބަދަލާއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ފަހަކަށް އައިސް ގިނަ އޮޕަރޭޝަންތަކެއް ހިންގައި ބައެއް ބިދޭސީން ވަނީ ރާއްޖެ އިން ފޮނުވާލައިފަ އެވެ.