”ޔަމާލް އެ މުގުރާލީ، ބްރެޒިލްގެ ޕެލޭ 1954 ގެ ވޯލްޑް ކަޕުގެ ސެމީގައި ކުޅެގެން ހެދި ރެކޯޑް،“ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ، ދުނިޔޭގެ ފުޓްބޯޅަ ލެޖެންޑް ބްރެޒިލްގެ ޕެލޭ އަށް ނިސްބަތްކޮށް ކޮމެންޓޭޓަރު ބުންޏެވެ.
އެހެންވެ ރޭ އެތައް ބަޔަކަށް އެ ފެނުނީ، ބައި ގަރުނަށް ވުރެ ގިނަ ދުވަސްވީ ރެކޯޑް އާވި ތާރީހި މަންޒަރެވެ. ޔަމާލް ދައްކައިދިނީ ހަމައެކަނި އެ މަންޒަރެއް ނޫނެވެ. އޭގެ އިރުކޮޅެއް ފަހުން، މެޗު އެއްވަރުކުރަން އޭނާ ވައްދާލި ގޯލަކީ މީގެ 70 އަހަރު ފަހުން ވެސް، މީހުން އާކޮށްކޮށްފައި ދައްކާނެ ފަދަ ގޯލެކެވެ. ސްޕެއިނުން އުފެއްދި ހަމަލައެއް ފްރާންސްގެ ޑިފެންޑަރު ވިލިއަމް ސަލީބާ ބްލޮކްކުރުމުން ޔަމާލް އަށް ޑީއޭރިއާގެ ވެސް މާ ބޭރުން ބޯޅަ ލިބުމުން ގިނަ ބަޔަކު ހީކުރީ އޭނާ ނަގާނީ ހުރަހެއް ކަމަށެވެ. ނަމަވެސް ކުއްލި ހަރަކާތަކުން ފްރާންސްގެ އެޑްރިއަން ރަބިއޯ ނުބައިކޮޅަށް އަނބުރާލުވައި، ޔަމާލް ވާތު ފަޔަށް ހެޔޮވަރުކޮށްލާފައި ބޯޅަ ގޯލުގެ މަތީ ކަނަށް އޮއްސާލީ އެވެ. އިދިކޮޅު ސަޕޯޓަރުންގެ ތަރުހީބު ވެސް ލިބުނު ހިތްގައިމު ގޯލެކެވެ.
ކަންދިމާކުރި ގޮތުން، އެ ކުޅުންތެރިއެއްގެ ދިފާއީ މަޅިފަތިން ސަލާމަތްވެ ޔަމާލް އެ ލަނޑު ކާމިޔާބުކުރި ފްރާންސްގެ ޑިފެންސިވް މިޑްފީލްޑަރު ރަބިއޯ އަކީ މެޗުގެ ކުރިން ޔަމާލްގެ ހިތްމަރާލުމުގެ ނިޔަތުގައި އޭނާ އަށް ބަހުގެ ހަމަލައެއް ފޮނުވާލި ކުޅުންތެރިއެކެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރަބިއޯ ބުނީ ޔަމާލް އަށް ބޮޑު މުބާރާތެއްގެ ސެމީގައި ކުޅެން އަދި އުނދަގޫވާނެ ކަމަށާއި، ފައިނަލަށް ދާން ބޭނުން ނަމަ އޭނާ މިހާތަނަށް ދެއްކި ކުޅުމަށް ވުރެ ތަފާތު ކުޅުމެއް ދައްކަން ޖެހޭ ކަމަށެވެ.
ޔަމާލް އެ ވާހަކަތައް ނެގީ ޗެލެންޖެއްގެ ގޮތުގަ އެވެ. ރަބިއޯ އަށް ނުސީދާކޮށް ރައްދުދެމުން ޔަމާލް މެޗުގެ ކުރިން އިންސްޓަގްރަމުގައި ޖެހި ޕޯސްޓެއްގައި ބުނެފައި އޮތީ، ރާޒުވާގައި މަނާތަކާއި، މަންތިރިތައް ގޮޅިގޮޅިއަށް ގެންދާނީ އަޑެއްބަޑެއް ނުއިއްވާ ކަމަށާއި، އަޑު އިއްވާނީ ބޮނދު ބުޑަށް ސައިކިޔާއިރު ކަމަށެވެ.
ގޯލެއް ޖެހުމުގެ އިތުރުން، މެޗުގެ ފަހު ވަގުތު ފްރާންސުން އެއްވަރުކުރަން އުފެއްދި ނުރައްކާތެރި ހަމަލައެއް ހުއްޓުވަން މުހިއްމު ޓެކްޓިކަލް ފައުލެއް ވެސް ކުރި ޔަމާލް، ވަނީ މި މުބާރާތުގައި ތިން ގޯލު ޖަހަން އެސިސްޓް ވެސް ކޮށްދީފަ އެވެ. އެހެންވެ ބެލެވޭ ގޮތުގައި، ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޔަމާލް އަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބިދާނެ އެވެ.
އެހެންވެއްޖެ ނަމަ އެއީ އޭނާ އޭނާގެ ފޮތަށް އިތުރުވާނެ ޝަރަފްވެރި ރެކޯޑެކެވެ. މިހާރު ވެސް އޭނާގެ އަތުގައި ޔޫރޯގެ މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑާއި، މި މުބާރާތުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑާއި، މުބާރާތުގައި ލަނޑެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އެބައޮތެވެ.
ސްޕެއިނުގައި މި ކުޅުންތެރިޔާ ވިދާލާ މަންޒަރު މުޅި ދުނިޔެ އަށް މިހާރު ފެނުނަސް އޭނާގެ ކުރިއެރުމުގެ ހުރިހާ ޝުކުރެއް އޮތީ ސްޕެއިނުގެ ގަދަބާރު ބާސެލޯނާގެ ލަ މަސިއާ އެކަޑަމީ އަށެވެ. ސްޕެއިނަށް ހިޖުރަކުރި މޮރޮކޯ ފިރިހެނަކާއި، އިކުއެޓޯރިއަލް ގިނީގެ އަންހެނަކަށް ޖުލައި 13، 2007 ގައި ލިބުނު ޔަމާލްގެ އުމުރުން ހަތް އަހަރުގައި، އޭނާގެ އާއިލާ އިން ބާސެލޯނާއާ 30 ކިލޯމީޓަރު ދުރުގައި އޮންނަ އަވަށަކަށް ބަދަލުވުމުން އެ އެކަޑަމީއާ ގުޅުމުގެ ފުރުސަތު ލިބުނެވެ.
ނަމަވެސް، އޭގެ މާ ކުރިން، އޭނާ އަށް އަހަރެއް ނުވަނީސް ވަނީ ފުޓްބޯޅައާ ތަފާތު ގޮތަކަށް ގުޅިފަ އެވެ. ބާސެލޯނާ އަށް އޭރު ކުޅެމުން ދިޔަ، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީއާ ބައްދަލުވީ އެވެ. ސްޕެއިނުގެ ނޫހަކުން ކުރިއަށް ގެންދިޔަ ޗެރިޓީ ކަލަންޑަރެއްގައި ޖަހަން، މެސީ، އޭނާ ފެންވަރުވާ މަންޒަރުގެ ފޮޓޯއެއް ނެގުމަށެވެ.
އެ ފޮޓޯ ދާދި ފަހުން ސޯޝަލް މީޑިއާގައި ދައުރުވުމުން ގިނަ ބަޔަކު ހީކުރީ ޔަމާލްގެ އާއިލާއާ މެސީއާ ގާތް ގުޅުމެއް އޮތް ކަމަށާއި، އޭނާގެ ކުރިއެރުމާ، މެސީއާ ގުޅުން އޮތް ކަމަށެވެ. ނަމަވެސް އެ ފޮޓޯ މެސީއާ އެކު ނަގަން ޖެހުމަކީ އިއްތިފާގެއް ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.
މެސީގެ އިތުރުން، ހުނަރުވެރި އެތައް ތަރިންނެއް ތަމްރީނުކުރި ލަ މަސިއާ އެކަޑަމީގައި ޔަމާލް ވަރަށް ކުޑައިރު ވިދާލި އެވެ. ނަތީޖާއަކަށްވީ، ވަރަށް ހަގު އުމުރެއްގައި، ބާސެލޯނާގެ 19 އަހަރުން ދަށުގެ ޓީމުން ފުރުސަތު ލިބުމެވެ. އެ ޓީމާ އެކު ދެއްކި ކުޅުން ސީނިއާ ޓީމުގެ އޭރުގެ ކޯޗު ޒަވީ ހެނާންޑޭޒް އަށް ފާހަގަވެ 2022 ވަނަ އަހަރު ސީނިއާ ޓީމާ އެކު ފަރިތަކުރުމުގެ ފުރުސަތު ދިނެވެ. އަދި 2022/2023 ގެ ސީޒަނުގައި ސީނިއާ ޓީމަށް ކުޅެން ފުރުސަތު ދިނެވެ. އޭރު އޭނާ އަދި ކްލަބާ އެކު ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގައި ސޮއި ވެސް ނުކުރެ އެވެ.
ޔަމާލް ބާސެލޯނާ އަށް ފުރަތަމަ މެޗު ކުޅުނީ މިދިޔަ އަހަރުގެ އޭޕްރިލް 29 ގައި ރެއާލް ބެޓިސްއާ ދެކޮޅަށެވެ. އެ މެޗާ އެކު އޭނާ ވެފައިވަނީ ގަރުނެއްގެ ތެރޭ ސްޕެނިޝް ލީގުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އަދި އަލަތު ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބުކޮށް ކެރިއަރަށް ވަރަށް ރަނގަޅު ފެށުމެއް ހޯދި އެވެ. ނިމުނު ސީޒަނުގައި ބާސެލޯނާ އަށް ބޮޑު ކާމިޔާބެއް ނުހޯދުނަސް ޔަމާލްގެ ވިދުވަރަށް ބަދަލެއް ނާދެ އެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާއި ބާސެލޯނާގެ އެލް ކްލަސިކޯގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފާއި، ސްޕެނިޝް ލީގުގައި ލަނޑެއް ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ފަހުރާއި، ބާސެލޯނާ އަށް އެސިސްޓެއްކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. އޭގެ އިތުރުން އޭނާ އަކީ ބާސެލޯނާ އަށް އެންމެ ޒުވާން އުމުރެއްގައި 50 މެޗު ހަމަކޮށްދިން ކުޅުންތެރިޔާ ވެސް މެ އެވެ. ސްޕެނިޝް ލީގުގެ މެޗެއްގައި ދެ ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑައި ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މެޗެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތީ އޭނާގެ އަތުގަ އެވެ.
އޭނާ މި ހުރިހާ ކަމެއް ހާސިލްކުރީ ސްކޫލުގައި ވެސް އުޅެމުންނެވެ. އޭނާ ބާސެލޯނާއާ އެކު ހޯދި ބައެއް ކާމިޔާބީތަކުގެ އުފާފާޅުކުރުންތަކުގައި ވެސް، ސްކޫލަށް ދާން ޖެހުމުން ބައިވެރިނުވުނެވެ. އެއަށް ވުރެ މީހުން ހައިރާންކޮށްލީ މި ފަހަރުގެ ޔޫރޯ އަށް އޭނާ ދިޔައީ އިމްތިހާނެއްގެ މެދުތެރެއިން ކަމަށް ވުމުންނެވެ. ޕްރެކްޓިސް ނޯންނަ ވަގުތު އޭނާ ހޭދަކުރީ އިމްތިހާނަށް ތައްޔާރުވުމުގަ އެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖް ކުރިއަށް ދަނިކޮށް، އޮންލައިންކޮށް ބޭއްވި އިމްތިހާނުން ފާސް ވެސް ވެފަ އެވެ.
ޑްރިބަލް ކުރުމާއި، ޕާސް ޖެހުމާއި، ޝޮޓް ހެދުމުގައި ވެސް ހުނަރުހުރި، ވާތު ފައިން ކުޅޭ މި ކުޅުންތެރިޔާގެ ތަފާތަކީ ހަމައެކަނި ފުޓްބޯޅައިގެ ފަންނު ނޫން ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ދަނޑުމަތީގައި އޭނާގެ ވިސްނުން ހުންނަ ގޮތާއި، ގޮތް ނިންމާލެއް ފުރިހަމަކަމާއި، ހަމަޖެހިފައި ހުންނަ ހުރުމާއި، އުމުރާ ބަލާއިރު ފެންނަ ހަރުކަމަކީ، އޭނާ މިހާ މޮޅު ކުޅުންތެރިޔަކަށްވާ ސަބަބު ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ރޭގެ މެޗުގައި ވެސް، ޔަމާލްގެ ބައްޕަ އަށް ވުރެ ދޮށީ އަދި އޭނާ އުފަންވުމުގެ ކުރިން ކުޅެން ފަށައި އެތައް ކާމިޔާބެއް ހޯދާފައިވާ ޖީސުސް ނަވާސް އަށް ވުރެ ވެސް ޔަމާލްގެ ފެނުނީ ހަރު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، އަދި ކުރިއަރާނެ ޖާގަ އާއި ވަގުތު ބޮޑުތަނުން އޮތުމުން ބެލެވޭ ގޮތުގައި ޕެލޭ، ޑިއޭގޯ މަރަޑޯނާ، މެސީ، އަދި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ސުޕަސްޓާރަކަށް ޔަމާލް ވާނެ ކަމާ މެދު ޝައްކެއް ނެތެވެ. ފަހަރުގައި އެ ތަރިން ފިޔަ ޖެހި ހިސާބަށް ވުރެ މަތިން މި ތަރީގެ ވިދުން ފެންނުން ވެސް އެކަށީގެންވެ އެވެ.