ރާއްޖޭގެ ވެރިކަމުގެ ބާރުތައް 2012 ވަނަ އަހަރު ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެބުރިގެން ގޮސް އޭރުގެ ނައިބް ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި އެވެ.
އިންތިހާބެއް ނެތި ރައްޔިތުން ވޯޓަކާއި ނުލައި ދިވެހި ޖުމްހޫރިއްޔަތުގެ ވަލިއްޔުލް އަމުރުގެ އިއްޒަތުގެ ފޮނުމީރުކަން ތަސައްވަރު ކޮށްލުމުގެ ފުރުސަތު ލިބުނީ އެވެ. އޭގެ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ފަހުން 2013 ވަނަ އަހަރު ދިވެހި ޖުމްހޫރިއްޔާގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސްއެއް ކަނޑައަޅި ރިޔާސީ އިންތިހާބާއި ހަމައަށް އެމަނިކު ފަހަތުގައި ފުޅާ ބޮޑު ކޯލިޝަނެއް އޮތެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީ ރައީސް އިމްރާން އަބުދުﷲ އާއި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމާއި ތަސްމީން އަލީ އާއި ޔާމީން އަބުދުލް ގައްޔޫމް އިތުރުން އެމްޑީޕީ ފިޔަވައި އެހެން ހުރިހާ ސިޔާސީ ބޭފުޅުންނެއް ތިއްބެވީ އެމަނިކުފާނު ފަހަތުގަ އެވެ.
ރައީސް ވަޙީދުގެ ވެރިކަން ވެސް ބިނާވެފައި އޮތީ ރައީސް ސޯލިހްގެ ސަރުކާރު ފަދައިން ކޯލިޝަން ސަރުކާރެއްގެ މައްޗަށެވެ. ތަފާތީ އެންމެ ދެ ކުޅި އެވެ. އެއީ މިހާރު އެމްޑީޕީ އޮތްތަނުގައި އޭރު ޕީޕީއެމް އޮތުމެވެ.
ރައީސް ސޯލިހް 2018 ވެރިކަން ދެއްވީ ވެރިކަމަށް ފެންބޮވައިގެންފައިވާ ހުރިހާ ލީޑަރުން ހައްޔަރުގައި ތިއްބެވުމުން އެހެން ގޮތެއް ނެތިގެންނެވެ. މިއަދު އެންމެ ބޭފުޅުން މިނިވަނުންގެ ގޮތުގައި ތިއްބަވާ ކުރިން ތަބަކަކަށް ލާފައި ވެރިކަން ދެއްވި ގޮތަށް ރައީސް ސޯލިހަށް ވެރިކަން ދެއްވާނެ ކަމަށް ހީފުޅުވުމަކީ ނުބައި ހިސާބެކެވެ.
ރައީސް ވަޙީދުގެ ކެބިނެޓްގައި ހިމެނިވަޑައިގެންނެވި މިހާރުވެސް ރާއްޖޭގެ ސިޔާސީ މަސްރަހްގައި ނުފޫޒުގަދަ ބޭފުޅަކު ވިދާޅުވީ ރައީސް ވަހީދުވެސް ވެރިކަމުގެ އެންމެ ފަހު ދުވަސް ކޮޅާއި ޖެހެންދެން ގާސިމާއި އިމްރާނާއި ރައީސް މައުމޫންމެން ފަދަ ބޭފުޅުން ރައީސް ވަހީދަށް ހުސާމަތުކޮށް އެމަނިކުފާނު ވެރިކަމަށް ކުރިމަތި ލެއްވުމަށް ބާރުއަޅުއްވާ އެކުގައި ތިއްބަވާނެ ކަމުގެ ހުވަފެން ދެއްކެވި ކަމަށެވެ. އެހެންނަމަވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ސަރުކާރުގެ ފައިދާ ނަންގަވާފައި އެމަނިކުފާނަށް ދެއްވީ ލަނޑު ކަމަށް އޭނާ ވިދާޅުވި އެވެ.
’އެންމެ ފަހުވަގުތު ވެސް ގާސިމާއި އިމްރާނާއި މައުމޫނުމެން ވިދާޅުވަމުން ގެންދެވީ މަނިކުފާނު ކުރިއަށް ވަޑައިގަންނަވާށޭ. ތިންމަންނާމެން މިތިބީ މަނިކުފާނު ފަހަތުގަ އޭ. ކޯލިޝަނުން މަނިކުފާން ކުރިމަތި ލައްވާށޭ. މަނިކުފާނަށް ރައްޔިތުން ވަރަށް ތާއީދު އެބަ އޮތޭ. އެންމެ ފަހު ވަގުތު ހުރިހާ އެންމެން ދިނީ ލަނޑު. ލިބުނީ އެންމެ 5 ޕަސެންޓް.‘ އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ސޯލިހަށް ވެސް ހަމަ އެބޭފުޅުން މިއަދު ދައްކަމުން ގެންދަނީ ހަމަ އެއް ހުވަފެނެއް ކަމަށާއި ފަހު ވަގުތު ރައީސް ސޯލިހް ހުންނަވާނީ ގިނި ކަންޏާ ކަމަށެވެ.
އޭނާ ބުނީ ގާސިމް މުޅި ހަޔާތް ހޭދަ އެކުރައްވަނީ ވެރިކަމުގެ އިންތިޒާރުގައި ކަމަށާއި 2023 އިންތިހާބަށް ގާސިމް އިންތިހާއަށް ފައިސާ ރައްކާކޮށް ތައްޔާރުވެފައިވާ ކަމަށެވެ.
’މިއަންނަ އިންތިހާބަކީ ގާސިމް ފަހު ފުރުސަތު. ގާސިމްގެ އުމުރުފުޅުން ގާތްގަނޑަކަށް 75 އަހަރު ވާނެ މިއަންނަ އިންތިހާބަށް މާނަ އަކީ 2023 ގާސިމްއަށް ގެއްލި ވަޑައިގެންފިނަމަ ދެން ގާސިމްގެ އުމުރުގައި ވެރިކަން ހޯއްދެވުމަކީ ނާދިރު ކަމެކޭ. އެއީ 2028 ވަނަ އަހަރަށް އެމަނިކުފާނަށް ގާތްގަނޑަކަށް 80 އަހަރާއި ގާތްކުރާނެ. އެހެންވީމާ ގާސިމް 2023 ގައި ނިކުއްނާނެ ދޭތިން އެކައްޗައް.‘ އޭނާ ވިދާޅުވި އެވެ.
ތެދެކެވެ. ވެރިކަމުގެ ލައްޒަތާއި އިއްޒަށް ލިބުމުން އެކަން ދޫކޮށްލަން ދަތިފުޅުވާނެ އެވެ. އެހެންނަމަވެސް ދިވެހި ތާރީހް ދައްކާ ގޮތުން ކަނދި ހަސަން ރަސްގެފާނަށް އަމިއްލަ ދަރިފުޅަށް ވެރިކަން ދޫކޮށްލާފައި ބައްލަވަން ހުންނަށް ހިތަށް ކުޅަދާނައެއް ނުވި އެވެ.