ނިމިގެން ދިޔަ ކައުންސިލްތަކުގެ ބައި އިލެކްޝަންގައި އެމްޑީޕީ ބަލިވިޔަސް މާޔޫސްވާން ނުޖެހޭކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި މަސްހޫރު ބަގުރޫޓް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިއްޔެ ކައުންސިލްތަކުގެ ހަ ބައި އިލެކްޝަނެއް ކުރިއަށް ދިޔައިރު އޭގެ ތެރެއިން ހެންވޭރު ހުޅަނގު ދާއިރާގެ ގޮނޑިއާއި ހުޅުމާލެ ދާއިރާގެ ގޮނޑި، މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި، ކުޅުދުއްފުށި އުތުރު ދާއިރާ ގޮނޑި އަދި ބިލެއްދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ވެސް ކާމިޔާބު ކުރީ ޕީއެންސީ އިންނެވެ. އަދި ރަސްމާދޫ ކައުންސިލަށް އަންހެން މެންބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރީ އަމިއްލަގޮތުން ވާދަކުރި ކެންޑިޑޭޓެވެ.
އިންތިހާބުން އެމްޑީޕީއަށް އެންމެ ގޮނޑިއެއްވެސް ނުނެގުނު އިރު އެ ޕާޓީގެ ކުރިމަގާ މެދު އަނެއްކާވެސް ވަނީ ސުވާލު އުފެދިފަ އެވެ.
ނަމަވެސް ޗެއާޕާސަން ބަގުރޫޓް ފައްޔާޒް އެކްސްގައި ވިދާޅުވީ ކައުންސިލް ބައިއިލެކްޝަންތަކުގައި ވާދަކުރި އެޕާޓީގެ ކެންޑިޑޭޓުން ކުރެއްވި ހިތްވަރާއި މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި މަދު އަދަދެއްގެ ބަޔަކު ވޯޓުލީ އިންތިހާބުގެ ނަތީޖާ ނުކުތް ގޮތާމެދު މާޔޫސްވާންވީ ސަބަބެއް ނެތް ކަމަށެވެ.
”ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މިހާރު މިކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ޕާޓީއަށް ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް.“ ބަގުރޫޓް ފައްޔާޒް ވިދާޅުވި އެވެ.
އެެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުން ވެސް އެމްޑީޕީ ވަނީ ބޮޑު ތަނުން ބަލިވެފަ އެވެ.