ރައީސް ސޯލިހަށް ކުރިމަތި ލެވޭނީ ގާސިމް ވިދާޅުވުމުން: ރައީސް ނަސީދު
ދެންމެ | 11 ޖޫން 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެންޑިޑެސީ ކުރިއަށް ގެންދެވޭނީ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަސީދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސޯލިހް އެބޭފުޅާގެ ކެނޑިޑެސީ އިއުލާނު ކުރެއްވީ ޖޭޕީ އަދި އަދާލަތު ޕާޓީ އެބޭފުޅާއާއެކު ތިބޭނެ ކަމަށް ނިންމަވައިގެން ކަމަށެވެ. އެހެންނަމަވެސް ފެނުނީ ޖޭޕީ އާއި ވެސް އަދި އަދާކަތު ޕާޓީއާއިވެސް އެމްޑީޕީއިން މަޝްވަރާ ކޮށްފައި ނުވާކަން ކަމަށެވެ.

ރައީސް ސޯލިހް ރިޔާސީ ކެނޑިޑެސީ އިއުލާނު ކުރެއްވުމާއެކު ފުރާވަޑައިގަތުމަށް ޖެހިވަޑައިގަތީ މާމިނގިއްޔަށްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި ޖޭޕީން އަދި ގޮތެއް ނިންމިތަނެއް ނުފެންނަ ކަމަށެވެ.

”މިހާރު ރައީސުލްޖުމްހޫރިއްޔާގެ ކެނޑިޑެސީ ގެ އުންމީދު އެއްގޮތަކަށްވެސް ކުރިއަށް ގެންދެވޭނީ ޖޭޕީ ނިންމާ ގޮތެއްގެ މައްޗަށް.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ 2023 ގެ ރިޔާސީ ކެނޑިޑޭޓް އެމްޑީޕީން އަދި ނުނިންމާ ކަމަށާއި، އެހެން ނަމަވެސް ކެނޑިޑެސީ ގެ އުންމީދުގައި ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހް ނޫން ކެނޑިޑޭޓުންވެސް ނުކުންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ސޯލިހް ބުދަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި، އަދި ކޯލިޝަނާއެކު ވެރިކަން ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ރައީސްގެ މި ވާހަކައަށްފަހު އިއްޔަ މީޑިއާތަކަށް މައުލޫމާތު ދެމުން ޤާސިމްގެ ޖުމްހޫރީ ޕާޓީން ބުނެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރައްވާނެ ކަމަށެވެ. އަދި ކޯލިޝަނަކާ ހިސާބަށް ދާންޖެހިއްޖެނަމަ، ޖޭޕީން ގޮތެއް ނިންމާނީ ޕާޓީގެ އަސާސީގަވައިދުގައި ބުނާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލްގެ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. ޖޭޕީގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު ޕާޓީގެ ކޮންމެ މެމްބަރަކަށްވެސް އޮންނާނެ ކަމަށާއި، އެއްބޭފުޅަކަށް ވުރެއް ގިނަ ބޭފުޅުން ކުރިމަތި ލައްވައިފިނަމަ އެކަމާ މެދު ގޮތެއް ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!