ދިވެއްސަކު ވަރިކުރިފުޅަށް ދިން އުފަންދުވަހުގެ ކޭކާއި މާބޮނޑި އާއި މޭކަޕް ސެޓާއި ޖިމް ފީ ހޯދަށް ކުރި ދައުވާ ނާކާމިޔާބު ވެއްޖެ
ދެންމެ | 21 ނޮވެމްބަރ 2022

ކުރީގެ އަނބިމީހާ އާއި ކައިވެނި ކުރުމުގެ ކުރިން އެކުގައި އުޅުނު އިރު ކުރި ހަރަދުތައް އަނބުރާ ހޯދަން ފިރިހެނަކު ކުރި ދައުވާ ނާކާމިޔާބު ވެއްޖެއެވެ.

މިއީ ށ. އަތޮޅަށް ނިސްބަތްވާ ފިރިހެނަކު ކައިވެނިކޮށްގެން އުޅެ ވަރިވުމަށްފަހު، އަލުން އިންނާނެކަމަށް ބުނެ އަތުން ކުރުވާފައިވާ ހަރަދުތަކަށާއި، ނަގާފައިވާ ފައިސާ އަދި، މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުމުން ވަކީލު ފީގެ ގޮތުގައި ޖުމްލަ 34,609 ރުފިޔާ ހޯދަން އެދި ކުރީގެ އަނބިމީހާގެ މައްޗަށް ދައުވާކޮށް ހުށަހަޅާފައިވާ މައްސަލައެކެވެ.

މިގޮތުން އަންހެން މީހާއަށް އުފަންދުވަހުގެ ދިން ކޭކާއި މާބޮނޑިއާއި އެކި ފަހަރު މަތިން ގަތް މޭކަޕް ސާމާނާއި ހެދުމާއި ބޫޓާއި ހެލްމެޓެއްގެ އިތުރުން ޖިމު ފީ އާއި މަގުމަތީ ބާޒާރު ކުރުމަށާއި ސައިކަލުގެ މަރާމާތު ކުރުމަށް ފައިސާ ދެއްކީ ފިރިހެން މީހާ ކަމަށް ދައުވާގައި ބުނެއެވެ.

އެއާއެކު 9662 ރުފިޔާއަކީ 2021 އަހަރު އޮގަސްޓް މަހުން ފެށިގެން 2022 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ދައުވާލިބޭ ފަރާތުން ކުރި ހަރަދުގެ ގޮތުގައި ހޯދުމަށް އެދޭ ފައިސާ ކަމަށް ދައުވާގައި ވެއެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ، އަންހެން މީހާއަށް ގަނެދިން ކަމަށް ބުނާ މާބޮނޑި އާއި ކޭކާއި މި ނޫން ވެސް ތަކެއްޗަކީ އާންމު އުސޫލުން މީހުން ހަދިޔާގެ ގޮތުގައި ދޭނެ ތަކެތި ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން ފައިސާގެ ގޮތުގައި އެންމެ ބޮޑު އަދަދަކަށް ދީފައިވަނީ 2،500 ރުފިޔާ ކަމަށް ވާތީ އެއީ ހެޔޮހިތުން ދީފައިވާ އެއްޗެއް ކަމަށް ގަބޫލު ކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އެހެންވެ، އިތުރު ހެއްކެއް ނެތީސް، އެއީ ދަރަންޏެއްގެ ގޮތުގައި ދިން ތަކެތި ކަމަށް ނުނިންމޭނެ ކަމަށް ހުކުމުގައިވެއެވެ.

އަދި ހަރަދުތައް ކުރި ކަމަށް ބުނާ މުއްދަތަކީ ކައިވެނި ރޫޅުމަށްފަހު އިއްދައިގެ މުއްދަތު ވެސް ހިމެނޭހެން ކޮށްފައިވާ ހަރަދުތަކެއް ކަމަށް ވެސް ހުކުމުގައި ވެއެވެ. އޭގެފަހުން ދިން ތަކެއްޗާއި ފައިސާއަކީ ކޮބައިކަން ފިރިހެން މީހާއަށް ބުނެ ދެވިފައިނުވާ ކަމަށް ވެސް ހުކުމުގައިވެއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ވާގޮތުގައި ފިރިހެން މީހާ ކޮށްފައިވާ މި ދައުވާއަކީ އެއްވެސް އަސާސެއް ނެތް ދައުވާއެކެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!