ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތްކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓުތަކުގެ ކަރަންޓު ބިލުތައް ވަރަށް ބޮޑު ކަމަށާއި ބިލުތައް ބޮޑުވާ އެއް ސަބަބަކީ އޭސީ އައުޓްޑޯ ޔުނިޓު ހަރުކޮށްފައި ހުންނަ ގޮޅީގެ ހޫނު ގަދަވުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ’ދައުރު’އަށް ދެއްވި އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ވިދާޅުވީ، ކަރަންޓު ބިލު ބޮޑުވަނީ ސްޓެލްކޯގެ އިހުމާލުން ނޫން ކަމަށާއި ބިލު ކުޑަކުރަން ކަސްޓަމަރުންނަށް އަމިއްލައަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.
ކަރަންޓު ބިލު ކުޑަކުރުމަށް ގޭގެ އިންސިއުލޭޝަން ރަނގަޅުތޯ ބެލުމާއި އައުޓްޑޯ ޔުނިޓު ހުންނަ ގޮތް ބަލަން ޖެހޭ ކަމަށް ފަހުމީ ވިދާޅުވި އެވެ.
އޭސީ އައުޓްޑޯ ޔުނިޓްތައް ހުންނަ ގޮތުން ކަރަންޓު ބިލު ބޮޑުވުމުގެ އެއް މިސާލެއްގެ ގޮތުގައި ފަހުމީ ދެއްކެވީ ހުޅުމާލޭ ހިޔާ ފްލެޓުތަކެވެ.
”އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ހިޔާ ފްލެޓުތަކުގައި ކަރަންޓު ބިލު ބޮޑުކަން. އެކަމަށް ހައްލެއް ހޯދައި ނުދެވޭނެ ސްޓެލްކޯއަކުން. އަޅުގަނޑުމެންނަށް އެނގޭ އައުޓްޑޯ ޔުނިޓާ ހެދިކަން އެ ހަރަދު ބޮޮޮޑުވަނީ. ހަގީގަތުގައި ވެސް [ކަރަންޓު ބިލަށް] އަރަން ޖެހޭ ވަރަށް ވުރެ މާ ބޮޑު،“ އޭނާ ވިދާޅުވި އެވެ.
”ހުޅުމާލޭގެ ހިޔާ ފްލެޓުތަކުގެ އައުޓްޑޯ ޔުނިޓު ހަރުކޮށްފައި ހުންނަ ތަނުގައި އެބަ ހުރޭ 50 ޑިގްރީއަށް ވުރެ މަތިން ހޫނުމިން. އެއީ ވަރަށް ކުޑަ ތަންކޮޅެއްގައި މި އިންނަނީ ވަރަށް ގިނަ އޭސީތައް ހަރުކޮށްފައި. އަވަނެއްގެ ހޫނުމިން ހުންނަ ތަނެއްގައި އޭސީ އައުޓްޑޯ ބެހެއްޓީމާ ދެން އެ އިންނާނީ ޖެެހިޖެހި. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހިޔާ ފްލެޓުތަކުގައި ކަރަންޓު ބިލު ބޮޑުކަން.“
ފަހުމީ ވިދާޅުވީ އެއީ ސްޓެލްކޯއަށް ހައްލެއް ހޯދައިދެވޭނެ ކަމެއް ނޫން ކަމަށެވެ.
”ހަގީގަތުގައި ވެސްް ހިޔާ ފްލެޓުތަކުގައި ކަރަންޓު ބިލު މާ ބޮޑު. ތަޖުރިބާކުރެވުނު އެއް ކަމަކީ، ބައެއް ފްލެޓުތަކުން އެބަހުރި އައުޓްޑޯ ޔުނިޓުތައް ރީލޮކޭޓުކޮށްފައި. އެ ފްލެޓުތަކުގެ ކަރަންޓު ބިލު ކުޑަ،“ އޭނާ ވިދާޅުވި އެވެ.