މުހްތާޒްގެ އަސަރުގަދަ ބަސްކޮޅެއް އުއްތަމަ ފަނޑިޔާރު ޣަނީ އާއި ހަމީދަށް: ތިއީ ސުލޫކުހުރި، ސަރަފްވެރި ފަނޑިޔާރުން، އަދުލްވެރިކަން އަބަދުވެސް ކުރިހޯދާނެ
ދެންމެ | 08 އޯގަސްޓް 2025

ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ޙަމީދު އަދި ފަނޑިޔާރު އަލްއުސްތާޛް އަބްދުލް ޣަނީ މުޙައްމަދު އެނބުރި ސުޕްރީމް ކޯޓަށް ވަޑައިގަތުން ދައްކުވައިދެނީ ޢަދުލުވެރިކަން އަބަދުވެސް ކުރި ހޯދާނެކަން ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް އަލްއުސްތާޛު މުޙްތާޒް މުޙުސިން ވިދާޅުވެއްޖެ އެވެ.

ކުރީން ފަނޑިޔާރުކަން ވެސް ކުރެއްވި މުޙްތާޒް މިހެން ވިދާޅުވީ އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

އަލްއުސްތާޛް އަބްދުލް ޣަނީ މުޙައްމަދު، އުއްތަމަ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާ މަންޒަރު ފެންނަ ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓެއްގައި މުޙްތާޒް ވިދާޅުވީ ފަނޑިޔާރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާ އެއީ މުޅި އުމުރަށް އުފުލަންޖެހޭ ޒިންމާއެއް ކަމަށެވެ.

‏މުޙްތާޒް ވަނީ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ޙަމީދު އަދި ފަނޑިޔާރު އަލްއުސްތާޛް އަބްދުލް ޣަނީ މުޙައްމަދު އަކީ ފަނޑިޔާރުކަމުގެ މަޤާމުގައި ތިއްބަވަނިކޮށް ކުރީގެ ސަރުކާރުން މަޤާމުން ވަކިކުރައްވާފައިވާ ދެބޭފުޅުންކަން ފާހަގަ ކުރައްވާފަ އެވެ.

އެ ދެބޭފުޅުން ފަނޑިޔާރުކަމުން ވަކިކުރެއްވި ނަމަވެސް އެދެބޭފުޅުންގެ މައްޗަށް ކުރެވުނު ތުހުމަތުތަކުން އަމިއްލަފުޅަށް ދިފާޢުވުމަށް އެކަމަށް ރައްދުދެއްވައި، ޝަރުއީދާއިރާއަށް ފާޑުކިޔައި މީޑިއާގައި ވާހަކަ ދައްކަވާފައި ނުވާ ކަމަށް މުޙްތާޒް ވިދާޅުވި އެވެ.

“…އެ ދެބޭފުޅުން އެދުވަހު ހިމާޔަތްކުރެއްވީ ޝަރުއީދާއިރާގެ އަގު. އެދެބޭފުޅުންގެ ފަރާތުން ފެނިގެން ދިޔައީ ފަނޑިޔާރުންގެ ހަޤީޤީ ސުލޫކު,” ދެ ފަނޑިޔާރުންނަށް ތަޢުރީފު ކުރައްވާ މުޙްތާޒް ވިދާޅުވި އެވެ.

 

އަދިވެސް މުޙްތާޒް ވިދާޅުވި އެވެ.

‏”މިއަދު، ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ޙަމީދު އެއީ ސުޕްރީމް ކޯޓުގެ އިއްޒަތްތެރި ފަނޑިޔާރެއް، އަދި ފަނޑިޔާރު އަލްއުސްތާޛް އަބްދުލް ޣަނީ މުޙައްމަދު އަކީ ދިވެހިރާއްޖޭގެ 5 ވަނަ އުއްތަމަ ފަނޑިޔާރު،”

‏މުޙްތާޒް ވިދާޅުވި ގޮތުގައި އެބޭފުޅުން އެ ދުވަހު ޝަރުޢީ ދާއިރާގެ އަގުހިފެހެއްޓެވުން ދައްކުވައިދިނީ އެ ދެބޭފުޅުންގެ ހިއްވަރުގަދަކަން ކަމަށެވެ. އަދި އެ ދާއިރާއަށް އޮތް ލޯތްބާއި ކުރެއްވި އިތުބާރު ކަމަށް މުޙްތާޒް ވިދާޅުވި އެވެ.

ފަނޑިޔާރުންގެ ގޮތުގައި އެ ދެ ބޭފުޅުންގެ އެނބުރި ވަޑައިގަތުން ދައްކުވައިދެނީ ޢަދުލުވެރިކަން އަބަދުވެސް ކުރި ހޯދާނެކަން ކަމަށް ވެސް މުޙްތާޒް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!