އަމީނީ މަގުގެ މައްސަލަ ރައީސް ނަސީދު އަބުރާ ނަގައިފި
ދެންމެ | 27 މާރޗް 2023

އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، އެ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ އެމަނިކުފާނު އަނބުރާ ގެންދަވައިފި އެވެ.

އަމީނީ މަގު ތަރައްގީ ކުރުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ނަގަން ނިންމި، ނިންމުމާއި ދެކޮޅަށް ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ ގަސްތައް ނުނަގައި އެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރެއް ނެރެދިނުމަށެވެ.

މައްސަލައިގައި ސިވިލް ކޯޓުން ބުނީ، އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމަށް ބޭނުން ނުވާކަމަށް ހާމަކޮށް ރައީސް ނަޝީދުގެ ފަރާތުން ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ދައުލަތުން ވެސް ދެކޮޅު ހަދާފައި ނުވާތީ، ދައުވާ އަނބުރާ ގެންދިއުމަށް ނިންމީކަމަށް ނިންމުމުގައި ވެއެވެ.

މަޝްޜޫއު ކުރިޔަށް ދިޔައިރު އަމީނީ މަގުން ގަސް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ރައީސް ނަޝީދު އެދުނެވެ. އެކަމަކު ކޯޓުން ނިންމީ، އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.

އަމީނީ މަގުން ގަސްތައް ނެގި މައްސަލައިގައި ސަރުކާރާއި، އެ މަޝްރޫއު ކުރިޔަށް ގެންދިޔަ ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ބޮޑެތި ފާޑުކިއުންތައް ވެސް އަމާޒުވި އެވެ. އަދި މައްސަލަ ގޯސްވެ، ރައީސް ނަޝީދު ވަނީ އެކަމާއި ދެކޮޅަށް މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި ވެސް ވާހަކަ ދައްކަވާފަ އެވެ.

އޭރު އަމާޒުވި ފާޑުކިއުންތަކަށް ސަރުކާރުން ބުނީ، އަމީނީ މަގުން ނަގާ ގަސްތައް ކުޑަގިރި ތަރައްގީ ކުރުމުގައި ބޭނުން ކުރާނެ ކަމަށެވެ. އަދި އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިމޭ އިރު، އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާނެކަމަށް އާރުޑީސީން ވަނީ ބުނެފަ އެވެ. އެ ކުންފުނިން އާއްމު ކުރި ބަޔާނުގައި ބުނެފައި ވަނީ އަމީނީމަގު ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރި ތާރީހުން ފެށިގެން ވެސް، މަޝްރޫއު ކުރިޔަށް ގެންދިއުމަށް ނިންމާފައި އޮތީ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުން ނުވާނެ ގޮތަކަށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!