އެކަކު ވެސް ބިޒީ އެއްނުވާނެ! އެއީ އިސްކަންދޭ ތަރުތީބު!
ދެންމެ | 31 ޖުލައި 2024

”ހެލްޕް ވާން ބޭނުން އެކަމު މަމިއުޅެނީ ވަރަށް ބިޒީކޮށް“

”މިއުޅެނީ ނޭވާ ނުލާ، އެހެން މީހެއް ކައިރީ އަހާލަންވީނުން“

”ޔޫ ގަބޫލް ވެސް ނުކުރާނެ މަ ބިޒީވަރު“

މިއީ އޮފީސް މާޙައުލުގައި ”ބިޒީ“ މުވައްޒަފުންގެ ކިބައިން އާންމުކޮށް އިވޭ އަޑުތަކެކެވެ.

ބައެއްފަހަރަށް އިތުރު ޒިންމާތަކުން ރެކުމުގެ ބޭނުމުގައި މިފަދަ އުޒުރުތައް ދައްކާއިރު، އަނެއް ބައި ފަހަރު ބިޒީކަން ދައްކަނީ ހަމައެކަނި ފޮނިކެނޑުމުގެ ގޮތުންނެވެ. ތިމާއަކީ ވަރަށް މަސައްކަތްކުރާ މީހެއްކަން ސުޕަވައިޒަރަށް ނުވަތަ ބޮޑުމީހާއަށް ދެއްކުމުގެ ގޮތުންނެވެ. ”ބިޒީ“ ވާންވާނީ އެންމެ މަސައްކަތްކުރާ މުވައްޒަފުތާއެވެ!

އޮފީސް މާޙައުލުގައި މުވައްޒަފުން މަސައްކަތުގައި މަޝްޣޫލުވެ އުޅޭއިރު، މަސައްކަތް ގިނަވުމާއި، މަސައްކަތް ގިނަކަން އިޙްސާސް ކޮށްދިނުމާ ދެމެދު ހުންނަ ތަފާތު އޮންނަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެގޮތުން ބައެއް މުވައްޒަފުން އެމީހުންގެ ވަޒީފާގެ ޒިންމާއާ ނުގުޅޭ ކަންކަމުގައި އުޅޭތީ ފެނެއެވެ. އެއީ ހަމައެކަނި މަސައްކަތް ގިނަކަމުގެ އިޙްސާސް ކޮށްދިނުމުގެ ނިޔަތުގައެވެ.

ވަޒީފާ ގެއްލިދާނެކަމުގެ ބިރުހީވާ ހާލަތްތަކުގައިވެސް ބައެއް މުވައްޒަފުން ބިޒީކަމަށް ހެދުމަށް މި ފަދަ އުކުޅުތައް ބޭނުންކުރެއެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި ތިމާއަކީ ބިޒީ މީހެއްކަން ސާބިތުކޮށްދީފިނަމަ، ތިމާއަކީ އޮފީހުގެ ގިނަ މަސައްކަތްތަކުގައި އަވަދިނެތި އުޅޭ މީހެއްކަމަށް ސުޕަވައިޒަރުންނާއި ވެރިންނަށް ޤަބޫލުކުރެވޭނެއެވެ. އޭގެ ސަބަބުން އެމީހާ ވަޒީފާއިން ވަކިނުކުރާނެއެވެ. ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު ކުޑަވާނެއެވެ. މިފަދަ މުވައްޒަފުންގެ އަމަލުތައް ތަފާތު ގޮތްގޮތަށް ފެނެއެވެ.

އެގޮތުން އިރުކޮޅުކޮޅުން އީމެއިލް ޗެކްކުރާތަން ފެނިދާނެއެވެ. ގިނަގިނައިން އީމެއިލް ޗެކްކޮށް ޖަވާބު ދިނުމަކީ މަސައްކަތުގައި ހަރަކާތްތެރިވެ އުޅޭކަމުގެ އޮޅުމެއް އުފައްދައިދޭ ޢަމަލެކެވެ. ނަމަވެސް މިއީ ވަގުތު ބޭކާރުވާ ކަމަކަށްވެ، އެއަށްވުރެ ތިމާ ކުރަންޖެހޭ މުހިއްމު މަސައްކަތްތަކުން މީހާ ދުރުކޮށް އެކަހެރިކުރުވާ ކަމަކަށެވެގެންދެއެވެ.

ހަމައެހެންމެ، މިފަދަ މުވައްޒަފުން ބޭކާރު ބައްދަލުވުންތަކުގައި ބައިވެރިވެ އުޅޭތަންވެސް ފެންނާނެއެވެ. ތިމާގެ ބައިވެރިވުން ބޭނުންނުވާ ނުވަތަ ބައްދަލުވުމެއްގެ ބަދަލުގައި އީމެއިލްއަކުން ނިންމާލެވިދާނެ ކަމެއްގައި ބައްދަލުވުމެއް އިންތިޒާމްކޮށްފާނެއެވެ. މިއީ ތިމާއަކީ ވަރަށް ”ބިޒީ“ މީހެއްކަން ދައްކުވައިދެވިދާނެ ގޮތެކެވެ.

މިފަދަ ސްޓްރެޓެޖީތަކުގެ ސަބަބުން ތިމާގެ މަސްއޫލިއްޔަތު އަދާނުކޮށް އަދި މާނަހުރި މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްނުދީ ވަގުތު ދުއްވާލެވެއެވެ.

އެގޮތުން ކޯލްތަކަށް ޖަވާބުދިނުމަށް ހެޑްސެޓް އެޅުމަކީ، މުހިއްމުނޫން ކޯލްތަކަށް ޖަވާބުދީ މުހިންމު ކަންތައްތައް ނުކޮށް ލަސްކުރުވާ ކަމެކެވެ. މަސައްކަތަކާއި ހަވާލުނުވާން އަބަދުވެސް ކޯލްތަކުގައި ”ބިޒީ“ ކޮށް އުޅޭކަން އެހެން މީހުންނަށް ދައްކުވައިދީގެންނެވެ.

މިފަދަ މީހުން އޮފީސް ތެރޭގައި ކަރުދާސް ނޫނީ ފައިލް ހިފައިގެން ހިނގަހިނގާފައި އުޅޭނެއެވެ. ބައެއް މުވައްޒަފުން ލިޔުންތައް ހިފައިގެން އޮފީހުގެ ވަށައިގެން ހިނގުމާއި، މަސައްކަތާ ގުޅުންހުރި މައުޟޫޢުތަކާ ބެހޭގޮތުން އެކުވެރިންނާ ވާހަކަ ދައްކާކަންވެސް ފާހަގަކުރެވެއެވެ. އަދި މީގެ އިތުރުން ގިނަ ލިޔެކިޔުންތަކާއި ސްޕްރެޑްޝީޓްތައް ކޮމްޕިއުޓަރުގައި ހުޅުވާފައި ބެހެއްޓުމާއި، އެއިން އެއްވެސް މަސައްކަތެއް ފުރިހަމަ ނުކޮށް، ގިނަ މަސައްކަތްތަކެއް މަތިމައްޗަށް ބަހައްޓައިގެން ކޮންމެ މަސައްކަތަކުން ބައެއް އިރުކޮޅުކޮޅުން ކުރުމަކީވެސް ބިޒީކަން ދެއްކުމަށް ކުރާ ކަންތައްތަކެވެ.

މިހެން މިކަން އޮތްނަމަވެސް، މިފަދަ މުވައްޒަފުން ދެނެގަނެ މަސައްކަތުގެ ލަޑުދަނޑިތައް ޙާސިލްކުރޭތޯ ޔަގީންކުރުމަކީ ސުޕަވައިޒަރުގެ ޒިންމާއެކެވެ. މިގޮތުން ސުޕަވައިޒަރަށް ކުރެވިދާނެ ބައެއް ކަންތައްތައް ވެސް ހުރެއެވެ. އެގޮތުން ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅެން ވާނެއެވެ. ކުރަން ޙަވާލުކުރެވޭ މަސައްކަތްތަކާއި އޭގެ މަގުސަދުތައް ސާފުކޮށް ބަޔާންކުރެވި، މަސައްކަތުގެ ސުންގަޑިތައް ކަނޑައެޅި، މުވައްޒަފުން މަސައްކަތްކުރަނީ ހަރުދަނާ ނަތީޖާއަކާ ދިމާލަށްކަން ޔަޤީންކުރުމަށްޓަކައެވެ. މިގޮތުން މަސައްކަތު ފެންވަރު ބަލާ ފޯމުގައި ކަނޑައެޅިފައިވާ މަސައްކަތްތައް، ބަޔާންކޮށްފައިވާ މިންވަރަށް، ފެންވަރަށް އަދި ގަޑިއަށް ނިންމާތޯ ބަލާ ފީޑްބެކް ދޭންވާނެއެވެ. އަދި ކުރިއެރުމާއި ގޮންޖެހުންތަކާއި ޙަޤީޤީ މަސައްކަތުގެ ބުރަކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ގަވާއިދުން ވަން-އޮން-ވަން ބައްދަލުވުންތައް ބާއްވަންވާނެއެވެ.

މީގެ އިތުރުން މުވައްޒަފުންނަށް މަސައްކަތްތައް ބަހާލުމުގައާއި، މަސައްކަތް ކުރުމުގައި އިސްކަންދޭ ތަރުތީބާއި އަދި ދުވަހުން ދުވަހަށް މަސައްކަތްތަކަށް ޓާގެޓު ކަނޑައެޅުމަށް އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ. އަދި މަސައްކަތް ހަވާލުކުރުމުގައިވެސް މުވައްޒަފުގެ ވަޒީފާ ބަޔާނާ ގުޅުންހުރި މަސައްކަތް ހަވާލުކުރުމާއި ހުނަރާއި ނުބައްދަލު މަސައްކަތް ހަވާލުނުކުރުމަށް ސަމާލުކަން ދޭންވާނެއެވެ.

ހަމައެހެންމެ، މިޒަމާނުގައި ބޮޑަށް ”ފޯކަސް“ ކުރަންވީ މަސައްކަތުގައި ގިނަވަގުތު ހޭދަކުރުވާ، މަސައްކަތް ބުރަކުރުމަކަށް ނޫނެވެ. އަދި ގިނަ އިރު އޮފީހުގައި ވަގުތު ހޭދަ ކުރާ މީހާއަކީ އެންމެ މަސައްކަތްކުރާ މީހާގެ ގޮތުގައި ލޭބަލްކޮށްގެންވެސް ނުވާނެއެވެ.

ޙަޤީޤީ ބޭނުމަކީ މަސައްކަތު ގަޑީގައި އެމީހާގެ ”މެކްސިމަމް“ ދިނުމެވެ. އަދި، ގަޑިއަށް މަސައްކަތް ނިންމާ ވަރކް-ލައިފް-ބެލެންސެއް ގެނެސް މުވައްޒަފުންނަކީ ދުޅަހެޔޮ އުފާވެރި ބަޔަކަށް ވުމަށް މަގުފަހި ކޮށްދިނުމެވެ. އޭރުން މުވައްޒަފުން ”ބިޒީ“ ވާނީ އޮފީސް މާޙައުލުގައެއް ނޫނެވެ. މުވައްޒަފުން ”ބިޒީ“ ވާނީ ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި ޙަޤީޤީ ”ބިޒީ“ ވުމަކުންނެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!