އަލް-އަޤްޞާ މިސްކިތުގެ އިމާމު ހައްޔަރުކޮށްފި
ދެންމެ | 03 އޯގަސްޓް 2024

އަލް-އަޤްޞާ މިސްކިތުގެ އިމާމު ހައްޔަރުކުރުމުން ހަމާސް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަލް-އަޤްޞާ މިސްކިތުގެ އިމާމު ޢިކްރިމާ ސަބްރީ އިސްރާއީލުން ހައްޔަރުކުރީ އިއްޔެގެ ހުކުރު ޚުޠުބާގައި ހަމާސްގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާއަށް ހަމްދު ކިޔުމާ ގުޅިގެންނެވެ.

ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިމާމު ޢިކްރިމާ ހައްޔަރުކޮށް ތަޙުޤީޤުކުރުމަކީ އަޅުގަނޑުމެންގެ ދީނީ އިސްވެރިންނާ ދެކޮޅަށް ސީދާ ދުޝްމަނުކަން ފާޅުކުރުމެއް ކަމަށެވެ. އަދި މިއީ ޤުދުސްއިން ޢަރަބި ވަންތަކަން ފުހެލުމާއި އަލް-އަޤްޞާ މިސްކިތް ދިފާޢުކުރާ ނުފޫޒުގަދަ ދީނީ އަދި ޤައުމީ ލީޑަރުން އެއްފަރާތްކުރުމަށް ކުރެވޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމާސްއިން ގޮވާލާފައިވަނީ އިމާމު ޢިކްރިމާ ވަގުތުން ދޫކޮށްލުމަށާއި، ޢަރަބި އަދި އިސްލާމީ ޤައުމުތަކުން މި ހައްޔަރުކުރުން ކުށްވެރިކުރުމަށެވެ.

އިސްރާއީލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން-ގްވިރު ވަނީ އިމާމު ޢިކްރިމާ ހައްޔަރުކުރުމާ ގުޅޭގޮތުން ފަޚުރުވެރިކަމާއެކު ވާހަކަދައްކާފައެވެ. އޭނާ ސޯޝަލް މީޑިއާގައި ބުނެފައިވަނީ ”ފިތުނަވެރިންނާ މެދު އަޅުގަނޑުގެ ސިޔާސަތު ވަރަށް ސާފު – އެއްވެސް ލުއިކަމެއް ނުދޭނަން“ މިފަދައިންނެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ހަމާސްއިން ކަންބޮޑުވުން ފާޅުކޮށް، އިސްރާއީލުގެ މި ޢަމަލުތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!