ގެއެއްގެ މައިދޮރު ވަގަށް ނެނގި މީހަކު ފުލުހުން ހޯދަނީ
ދެންމެ | 16 ޖޫން 2022
މާލޭގެ ގެއެއްގެ ދޮރެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މާލޭގެ ރަތްވިލާމަގުގައި ހުންނަ ގެއެއްގެ ދޮރުފަތް ނައްޓާލާފައި ބަހައްޓާފައި ހުއްޓާ މީހަކުވަނީ އެ ދޮރުފަތް ވަގަށް ގެންގޮސްފައެވެ.

އަދި އެ މައްސަލައާއި ގުޅިގެން ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން އެކަން ކުރީ ކާކުކަން ދެނެގަނެވިފައިނުވާތީ އޭނާއަކީ ހޯދިފައިނުވާ މީހެއް ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން ފުލުހުން މިއަދު ވަނީ އެ މަންޒަރުތައް ހިމެނޭ ސީސީޓީވީ ވީޑިއޯ ފުޓޭޖެއް އާންމު ކޮށްފައެވެ. ފުލުހުން އާންމު ކުރި އެ ވީޑިއޯއިން ފެންނަނީ ދޮށީ އުމުރު ފުރާގެ ފިރިހެނެކެވެ. އޭނާ ހުރީ ކަޅު މާސްކެއް އަޅައިގެން ކަމަށްވާތީ މޫނު އެންމެ ރަނގަޅަކަށް ނުފެނެއެވެ.

ފުލުހުން ވަނީ، އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައެވެ.

ގުޅުންހުރި ލިޔުންތައް