ބަނގުރާ ބޮވުނީ ރައްޓެހިންނާ ހެދި ކަމަށް ކްރިމިނަލް ކޯޓުގައި މީހަކު ބުނެފި އެވެ.
ބަނގުރާ ބުއިކަމުގެ ކުށުގައި ޖޫރިމަނާގެ ހުކުމެއް ކޮށްފައިވަނީ ށ. މިލަންދޫ, ދުންފިނިގެ އާދަމް އިސާމްގެ މައްޗަށެވެ.
އިސާމް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް, ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވިގެން އޮގަސްޓް 24, 2023 ވަނަ ދުވަހުގެ ރޭ 8:29 ހާއިރު މ. ޘަލަޘާ ގޭގެ ފުރަތަމަ ފަންގިފިލާއިން ނެވެ.
އެ މައްސަލާގެ ތަހުގީގުގައި ފުލުހުން ސުވާލުކުރުމުން މަސްތުވުމަށްޓަކައި ދޭތެރެއަކުން ބަނގުރާ ބޭނުންކުރާކަމަށް އިސާމް އިއުތިރާފްވި އެވެ.
އޭގެ ފަހުން ޖަވާބުދާރީ ވުމަށް ލިބުނު ފުރުސަތުގައި އިސާމް ބުނީ ބަނގުރާ ބުއިން ހުއްޓާލައިގެން އުޅޭތާ 2 އަހަރު ވެދާނެ ކަމަށެވެ. އަދި ބަނގުރާ ބޮއެފައިވާނީ ގާތްގަނޑަކަށް 3 ފަހަރު ކަމަށް އިސާމް ބުނެފައިވެ އެވެ.
އެ ކުށަކީ ޖުނަހްގެ 3 ވަނަ ދަރަޖައިގެ ކުށަކަށްވާއިރު އެ ކުށުގެ އަސާސީ އަދަބަކީ 1 މަހާއި 6 ދުވަހެވެ. އަދި އިއުތިރާފްވެފައިވާތީ އަދަބުން އެއް ދަރަޖަ ދަށްކޮށް އޭނާގެ އަދަބަކީ 27 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކޯޓުގެ ހުކުމުގައި ބުނެ އެވެ.
އެ މައްސަލާގެ ބަންދުގައި އިސާމް 11 ދުވަސް ހޭދަކޮށްފައިވާތީ އަދަބުން އެ ދުވަސްތައް އުނިކޮށް އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ 16 ދުވަހެވެ.
އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދިނުމަށް އިސާމް އެދުނެވެ. އަދި އިސާމް ބުނީ އޭނާއަކީ އަންބަކާއި ދަރިއެއް ބަލަމުން އަންނަ މީހެއް ކަމަށާއި މަންމަ ބަލިވެގެން ނޮވެންބަރު މަހު ރާއޖެއިން ބޭރަށް ދާން ޖެހޭ ކަމަށެވެ.
އެ އަދަބު ޖޫރިމަނާއަށް ބަދަލުކުރާނަމަ އަންނާނެ އަދަބަކީ 3,200 ރުފިޔާގެ ޖޫރިމަނާ އެކެވެ.
ލިބޭ އާމްދަނީ މަތިވާ ހާލަތުގައި ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލެއް އޮންނައިރު އިސާމްގެ މަހެއްގެ މުސާރައަށް 20,000 ރުފިޔާ ލިބޭކަން ވަޒީފާގެ ލިޔުމުން އެނގެން އޮތް ކަން ހުކުމުގައި ބުނެފައިވެ އެވެ.
އެހެންކަމުން އެ 16 ދުވަހުގެ ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށް 10,666.67 ރުފިޔާގެ ޖޫރިމަނާއެއް ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އަދި މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 5 މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އަމުރުކުރި އެވެ.