އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ދެކޮޅު: ސަލަފް
ދެންމެ | 21 ޖޫން 2022

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި މިއަދު ބޭއްވި އިވެންޓް ހުއްޓުވުމުގައި ސަލަޖަމިއްޔަތުއް ސަލަފުގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް އެ ޖަމިއްޔާ އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ގަލޮޅު ދަނޑުގައި ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކުގެ އަޑީގައި ސަލަފް ޖަމިއްޔާ އޮތް ކަމަށް ދޭހަވާ ގޮތަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ދެއްކެވި ވާހަކަތައް ވެސް ކުށްވެރިކުރާ ކަމަށާއި އެ ވާހަކަތައް ދޮގުކުރާ ކަމަށެވެ.

މިއަދު ހެނދުނު 6:30 ހާއިރު ޔޯގާ ހަރަކާތް ކުރިއަށް ދަނިކޮށް، ޝަހާދަތުގެ ދެކަލިމަ ޖަހާފައިވާ ދިދަތަކެއް ހިފައިގެން ”ﷲ އަކްބަރު“ އޭ ގޮވަމުން އެ މީހުން ވަން ގޮތަށް ވަނީ ޔޯގާ ހަދަން ތިބި މީހުންނަށް އިންޒާރު ދީ ތަކެއްޗަށް ގެއްލުންދީފަ އެވެ.

އެ މައްސަލައާ ގުޅިގެން ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މަހްލޫފް ތުހުމަތުކުރެއްވީ ޕީޕީއެމްގެ އިސް ސަފުގައި އުޅޭ މީހުންނާއި ޖަމިއްޔަތުލް ސަލަފް ވެސް އެކަމުގައި އަޑީގައި ތިބެގެން ކުރި ކަމެއްގެ ގޮތުގަ އެވެ.

އެކަމަކު އެ ތުހުމަތުތައް ދޮގުކޮށް ސަލަފުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގަލޮޅު ދަނޑުގައި ހިނގައިދިޔަ ހަމަނުޖެހުން އެ ޖަމިއްޔާގެ ބޮލުގައި އެޅުވުމަކީ ނާތަހުޒީބު އަމަލެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!